މޯލްޑިވްސް ޗެސް އެސޯސިއޭޝަނުން (އެމްސީއޭ) އިން އިންތިޒާމުކޮށްގެން މިމަހުގެ 17 އިން 25 އަށް ހުޅުމާލޭ ޗެސް އާކޭޑްގައި ކުރިއަށްދިޔަ ނޭޝަނަލް ކްލަބް ޗެސް ޗެންޕިއަންޝިޕްގެ ތަށި ޒުގްޒުވާން ޗެސް ކްލަބުން ހޯދައިފިއެވެ.
17 ޓީމަކުން ވާދަކުރި މިމުބާރަތުގެ ޗެންޕިއަންކަން ޒުގްޒުވާން ޗެސް ކްލަބުން ހޯދީ މުބާރާތް ނިމެން ބާކީ އެއްބުރު އޮއްވާ ބޮޑު ތަފާތަކުން ކުރި ހޯދައިގެންނެވެ.
ވާދަވެރި މެޗުތަކެއް ކުރިއަށްދިޔަ މިމުބާރާތުގެ ރަނަރަޕްކަން ހޯދާފައިވަނީ ކްލަބް ޑަބަލް އެއިޓްއެވެ. އަދި ތިންވަނަ ހާސިލްކުރީ ކާސަލް ޗެސް ކްލަބް އެންޑް އެކަޑަމީއެވެ.
މުބާރާތުގެ ޗެންޕިއަންކަން ހޯދި ޒުގްޒުވާން ޗެސް ކްލަބުން މުބާރާތާ ކުރިމަތިލާފައިވަނީ އިންޑިއާއަށް ނިސްބަތްވާ ގްރޭންޑް މާސްޓާ ލެވެލްގެ ކުޅުންތެރިއެއްކަމަށްވާ ހަރިކްރިޝްނާގެ އިތުރުން އިންޓަނޭޝަނަލް މާސްޓާ ލެވެލްގެ ކުޅުންތެރިއެއްކަމަށްވާ މުތައްޔާ ޓީމުގައި ހިމަނައިގެންނެވެ.
މިމުބާރާތް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވަނަވަނައަށް ދިޔަ ޓީމުތަކަށާއި ކުޅުންތެރިންނަށް އިނާމު ހަވާލުކޮށްދެއްވީ އެމް ސެވަން ގްރޫޕްގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ޢަބްދުއްސައްތާރުއެވެ.
ނޭޝަނަލް ކްލަބް ޗެސް ޗެންޕިއަންޝިޕަކީ ރާޒުވާ އެސޯސިއޭޝަނުގައި ރަޖިސްޓްރީކޮށްފައިވާ ކްލަބުތަކުގެ އިތުރުން އޮފީސްތަކަށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ މުބާރާތެކެވެ. ރާޒުވާ އެސޯސިއޭޝަނުން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ މިމުބާރަތަށް މިއަހަރުވެސް ބޮޑު ތަރުހީބެއް ލިބިފައިވާކަން ފާހަގަކޮށްލެވެއެވެ.