ޚަބަރު

އަލްހާނަށް ހަމަލާދިން މީހާ 7 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި


ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީއަށް ހަމަލާދިން މީހާގެ މައްޗަށް ކުށް ސާބިތުވެ، 7 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

އަލްހާނަށް ޙަމާލާދިނުމުގެ ކުށުގައި ދައުވާ ކޮށްފައިވާ ސ.ހިތަދޫ އުލްފާ މަންޒިލް، މުޙައްމަދު ނަސީމްގެ މައްޗަށެވެ. އޭނާގެ މައްޗަށް ދައުލަތުން އުފުލި، ތޫނު އެއްޗަކުން މީހެއްގެ ހަށިގަނޑަށް ގެއްލުން ދިނުމުގެ ކުށުގެ ދައުވާ ސާބިތުވެގެން ހުކުމް ކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ 01 ފެބްރުއަރީ 2014ވަނަ ދުވަހުގެ 21:00 ހާއިރު، އަލްހާން "ބްރޭކް ވޯޓަރ" ރެސްޓޯރަންޓް ތެރޭގައި އިންނަވަނިކޮށް، ނަސީމް އެތަނަށް ގޮސް އަލްހާނަށް ތޫނު އެއްޗަކުން ހަމަލާދިންކަން ދައުލަތުން ހުށައެޅި ހެކިންގެ ހެކިބަހުން ސާބިތުވާ ކަމަށެވެ. ތިލައިގެ ދިގު މިނުގައި 7 އިންޗި ހުރި ވަޅިއަކުން އަލްހާނަށް ހަމަލާދިންކަމަށްބުނެ ދައުލަތުން އުފުލި ދަޢުވާއަށް ނަސީމް އިންކާރުކޮށްފައިވެއެވެ.

ނަމަވެސް މުޙައްމަދު ނަސީމް އެޢަމަލު ހިންގާފައިވާކަން ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ)ގައި ބަޔާންކުރާ އެކަށީގެންވާ ޝައްކެތް ނެތް މިންވަރަށް ސާބިތުވަނީ ދައުލަތުން ހުށައެޅި ހެކިންގެ ހެކިބަހާއި، އެހެކިތަކަށް ގުޅުވައިދޭ ޤަރީނާތަކުންކަން އެ ހުކުމުގައި ފާހަގަކޮށްފައިވެއެވެ.

"ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއިތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ނ) ގެ ދަށުން މީހެއްގެ ހަށިގަނޑަށް ގެއްލުން ދިނުމުގެ ކުށުން ސ.ހިތަދޫ / އުލްފާ މަންޒިލް، މުޙައްމަދު ނަސީމް ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި، މިކުށުގެ ޢުޤޫބާތެއްގެ ގޮތުން މީހެއްގެ ހަށިގަނޑަށް ގެއްލުން ދީފައިވާތީ، ބުނެވިދިޔަ މާއްދާގެ (ބ)ގެ ދަށުން ސ.ހިތަދޫ / އުލްފާ މަންޒިލް، މުޙައްމަދު ނަސީމް 05 (ފަހެއް) އަހަރު ދުވަހަށް ޖަލަށްލުމަށް އަދި މިކުށްކުރުމުގައި ތޫނު އެއްޗެއް ބޭނުންކޮށްފައިވާތީ،
އެމާއްދާގެ (ށ)ގެ ދަށުން ސ.ހިތަދޫ، އުލްފާ މަންޒިލް، މުޙައްމަދު ނަސީމް 02 (ދޭއް) އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް، އެކު ޖުމްލަ 7 (ހަތެއް) އަހަރު ދުވަހުގެ މުއްދަތަށް ސ.ހިތަދޫ އުލްފާ މަންޒިލް، މުޙައްމަދު ނަސީމް
ޖަލަށްލުމަށް ޙުކުމްކޮށް މިޤަޟިއްޔާ ނިންމީއެވެ." ކްރިމިނަލް ކޯޓުގެ ހުކުމްގައިވެއެވެ.

އަލްހާނަށް ހަމަލާދިން މައްސަލައިގައި ކްރިމިނަލް ކޯޓުގައި ދަޢުވާ ކޮށްފައިވަނީ 2015ވަނަ އަހަރުއެވެ. އެހެން ކަމުން މިމައްސަލައިގައި ހުކުމް ކޮށްފައި މިވަނީ ތިން އަހަރު ފަހުންނެވެ.