ޚަބަރު

ވައްކަމުގެ މައްސަލަތަކަށް ސަމާލުވުމަށް ފުލުހުން އިލްތިމާސް ކޮށްފި


ރޯދަމަހު ހިނގާފާނެ ވައްކަމުގެ މައްސަލަތަކަށް ސަމާލުވެ ތިއްބެވުމަށް ފުލުހުން އިލްތިމާސްކުރައްވައިފިއެވެ.ޕަބްލިކް ސަރވިސް މީޑިޔާ، ޕީއެސްއެމަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ ޕްރޮޕަޓީ ކްރައިމް ޔުނިޓްގެ ހެޑް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙުމަދު ޙުސައިން ވިދާޅުވީ، ރޯދަމަހު ޚާއްސަކޮށް ފަތިސް ނަމާދަށް ވަޑައިގަންނަވާއިރު ގޭގޭގައި ތަޅުލާފައި ހުރިތޯ ބަލައި ރަނގަޅަ ޗެކްކުރުމަށް އިލްތިމާސްކުރައްވާ ކަމަށެވެ. އަދި ޚާއްސަކޮށް މަގުމަތީގައި އުޅޭއިރު އަތްމަތީގައި ގެންގުޅޭ އިލެކްޓްރޯނިކް ސާމާނުތަކުގެ ތެރޭގައި ހިމެނޭ، ފޯނާ، އައިޕެޑާ އަދި އަތް ދަބަސް ފަދަ ތަކެތި ގެންގުޅުމުގައި ޚާއްސަ ސަމާލުކަމެއް ދިނުމަށްވެސް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙުމަދު ޙުސައިން އެދިވަޑައިގެންނެވިއެވެ.ފާއިތުވި އަހަރުގެ ރޯދަމަހުވެސް ވަނީ އޭގެ ކުރީގެ ރޯދަމާ އަޅާ ބަލާއިރު ވައްކަމުގެ މައްސަލަތައް އިތުރުވެފައި ކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ.