ޚަބަރު

ދެކުނު ކޮރެއާގެ ޖަސްޓިސް މިނިސްޓަރާއި ދެކޮޅަށް މުޒާހަރާކޮށްފި


ދެކުނު ކޮރެއާގެ ޖަސްޓިސް މިނިސްޓަރު ޗޯ ކުކްއާ މެދު ކޮރަޕްޝަންގެ ތުޙުމަތު ކުރެވެމުންދާތީ އޭނާއާއި ދެކޮޅަށް އެ ޤައުމުގެ ރައްޔިތުން މުޒާހަރާކުރަން ފަށައިފިއެވެ.

ވެރިރަށް ސޯލްގެ މަގުތައް މައްޗަށް މުޒާހަރާކުރަން ނުކުންނަ އެއްބަޔަކު ޗޯއާ ދެކޮޅަށް މުޒާހަރާކުރަމުންދާއިރު އޭނާއާއި އެއްކޮޅަށްވެސް އެތައް ބަޔަކު ނުކުމެދަނީ މުޒާހަރާކުރަމުންނެވެ. މިނިވަން އިޞްލާޙީ ބަދަލުތަކަށް ގޮވާލާ ފަރާތްތަކުން ބުނަމުންދަނީ ޗޯއާއި ދެކޮޅަށް ހިންގަމުންދާ ތަޙްޤީޤުތަކަކީ މުޅިން ސިޔާސީކަމެއްކަމަށެވެ.

އެފަރާތްތަކުން ރައީސް މޫން ޖޭއިންގެ ސަރުކާރަށް ގޮވާލަމުންދަނީ ވަޢުދުކުރެވިފައިވާ އިޞްލާޙީ ބަދަލުތައް ޤައުމަށް ގެނެސްދިނުމަށެވެ. އެ ބަދަލުތަކުގެ ތެރޭގައި ތަފާތު ތުޙުމަތުތައް ކުރެވެމުންދާ މީހުންނާމެދު ތަޙުޤީޤު ހިންގާނެގޮތް އިސްލާޙުކުރުންވެސް ހިމެނެއެވެ.

މިނިސްޓަރ ޗޯގެ ޢާއިލާގެ ބޭފުޅުން ވިޔަފާރިތަކުގައި ފައިސާ އިންވެސްޓްކޮށްފައިވާ ގޮތާއި އޭނާގެ ދަރިންނަށް ޔުނިވަރސިޓީތަކުން ކިޔަވަން ޖާގަލިބިފައިވާ ގޮތުގެ ތަޙުޤީޤެއް މިހާރުދަނީ ހިނގަމުންނެވެ. ޗޯގެ ޢާއިލާ ބޭފުޅުންނާމެދު ކުރެވެމުންދާ ތުޙުމަތުތަކަށް އޭނާ އިންކާރުކުރައްވާފައެއްނުވެއެވެ. އެހެންނަމަވެސް ރައްޔިތުން އުންމީދުކުރިގޮތަށް ކަންކަން ހިނގާފައިނުވާތީ އޭނާވަނީ މަޢާފަށް އެދިވަޑައިގެންފައެވެ.

ޗޯ ވިދާޅުވީ އޭނާ ހުންނެވީ ޕްރޮސެކިއުޓަރ އޮފީސް އިސްލާޙުކުރުމަށް އޭނާ ފަށައިގެންނެވި މަސައްކަތާއިގެން ކުރިޔަށް ވަޑައިގެންނެވުމުގެ ޢަޒުމުގައި ކަމަށެވެ.