ޚަބަރު

އިންޑިއާގެ ބޮޑުވަޒީރާއެކު މުހިންމު މަޝްވަރާތަކެއް ކޮށްފިން: ޗައިނާގެ ރައިސް


އިންޑިއާގެ ބޮޑުވަޒީރު ނަރަންދުރަ މޯދީއާއެކު މުހިންމު މަޝްވަރާތަކެއް ކުރައްވައިފިކަމަށް ޗައިނާގެ ރައީސް ޝީ ޖިންޕިންގް ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ދެކުނުގެ ސްޓޭޓެއްކަމަށްވާ ޓަމިލްނާޑޫގެ ވެރިރަށް ޗެންނާއީ ކައިރީގައިވާ މަމަލަޕޫރަމް އަވަށުގައި ބޭއްވި މޯދީއާއި ޝީގެ ނުރަސްމީ ބައްދަލުވުމަށްފަހު ޝީ ވިދާޅުވީ ހުކުރުދުވަހާ ހޮނިހިރު ދުވަހު އޭނާއާއި މޯދީ ކުރެއްވީ ވަރަށް މުހިންމު އަދި އިޚްލާސްތެރި މަޝްވަރާތަކެއްކަމަށެވެ. މިއާއެކު، ޗައިނާއާއި އިންޑިއާ ގާތް ދެ ރަހްމަތްތެރިންނަށް ވެފައިވާކަމަށް ޝީ ވިދާޅުވިއެވެ.

އިތުރު މަޝްވަރާތައް ބޭނުންވާކަން ހާމަކުރައްވަމުން ޝީވަނީ އޭނާއާއި މޯދީގެ މަޝްވަރާތަކުގައި ހުށަހެޅި ކަންކަން ކުރިޔަށްގެންދާނެކަމަށް ވިދާޅުވެފައެވެ. މިއީ މޯދީއާއި ޝީ ބޭއްވެވި ނުރަސްމީ ދެވަނަ ބައްދަލުކުރެއްވުމެވެ.