ވިޔަފާރި

މިދިޔަމަހުގެ ނިޔަލަށް ގްރީން ފަންޑަށް 600 މިލިއަނަށްވުރެ ގިނަ ރުފިޔާ


މިދިޔަމަހުގެ ނިޔަލަށް ގްރީން ފަންޑަށް 600 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.

ގްރީން ޓެކްސްއަކީ ދިވެހިރާއްޖޭގެ ޓޫރިޒަމް ގާނޫނުގައި ބުނާގޮތުން ދިވެހިރާއްޖޭގައި ޓޫރިސްޓުންނަށް ޙިދުމަތްދޭ ތަންތަނަށް އަންނަ ޓޫރިސްޓުން، އެއިން ތަނެއްގައި ހޭދަކުރާ ކޮންމެ ދުވަހަކަށް، ބޮލަކަށް 6 ޑޮލަރުގެ ރޭޓުން ނަގާ ޓެކްސްއެކެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، ސެޕްޓެމްބަރުމަހުގެ ނިޔަލަށް ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް 654.3 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

ސެޕްޓެމްބަރުމަހުގެ ނިޔަލަށް ގްރީން ޓެކްސްގެ ގޮތުގައި ލިބިފައިވާ ޖުމްލަ އަދަދު ފިނޭންސް މިނިސްޓްރީން ހާމަކޮށްފައިވާއިރު، އޮގަސްްޓްމަހުގެ ނިޔަލަށް ގްރީން ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީއާއި، އެ ފައިސާ ޚަރަދު ކުރެވުނު ގޮތުގެ ތަފްސީލްވަނީ ހާމަކޮށްފައެވެ.

އޮގަސްޓްމަހުގެ ނިޔަލަށް 580.9 މިލިއަން ރުފިޔާ ގްރީން ފަންޑަށް ލިބިފައިވާއިރު، އޭގެ ތެރެއިން 27.1 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. އެފައިސާ މައިގަނޑު ޚަރަދުކޮށްފައިވަނީ ނަރަދަމާ ނިޒާމްގެ މަސައްކަތްތަކަށާއި، ސާފު ބޯފެން ފޯރުކޮށްދިނުމަށާއި ރައްކާތެރި ގޮތުގައި ކުނި ނައްތާލުމުގެ މަސައްކަތްތަކަށެވެ.

ގްރީން ފަންޑުން އޮގަސްޓްމަހުގެ ނިޔަލަށް 27 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، ގްރީން ފަންޑުގައިި އޮގަސްޓްމަހުގެ ނިޔަަަލަށް 388.5 މިލިއަން ރުފިޔާ އެބަހުއްޓެވެ. އޮގަސްޓްމަހުގެ ނިޔަލަށް ގްރީން ފަންޑުގެ އައުޓް ފްލޯއަކީ 192.4 މިލިއަން ރުފިޔާއެވެ.

ގްރީން ޓެކްސްގެ ގޮތުގައި ކޮންމެ ފަތުރުވެރިއެއްގެ އަތުން ދުވާލަކަށް 6 ޑޮލަރު ނަގާއިރު، މިޓެކްސް ނަގަން ފަށާފައިވަނީ 2016 ވަނަ އަހަރުގެ ތެރޭގައެވެ. މިގޮތުން ރިސޯޓް، ހޮޓާ، ގެސްޓް ހައުސް އަދި ފަތުރުވެރިންނަށް ޚިދުމަތްދޭ ކަނޑުއުޅަނދުތަކުން ގްރީން ޓެކްސް ނަގައެވެ.