ޚަބަރު

މިދިޔަ މަހުގެ ނިޔަލަށް އޭޖީ އޮފީހުން 763 ޤާނޫނީ ލަފާ ދީފި


ނިމިިދިޔަ އޮކްޓޫބަރު މަހުގެ ނިޔަލަށް އެޓަރނީ ޖެނަރަލް އޮފީހުން 763 ކަމަކާ ގުޅޭގޮތުން ދައުލަތުގެ މުއައްސަސާތަކަށް ޤާނޫނީ ލަފާ ދީފައިވާ ކަމަށް އެ އޮފީހުން ވިދާޅުވެއްޖެއެވެ.

އެ އޮފީހުން މިއަދު އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަކީ މި ސަރުކާރު ވެރިކަމާ ޙަވާލުވެވަޑައިގެންނެވި ފަހުން މިވީ 10 މަސް ދުވަހުގެ ތެރޭގައި އެއޮފީހުން ޤާނޫނީ ލަފާދެއްވާފައިވާ މައްސަލަތަކެވެ.

މި ސަރުކާރުގެ އެޓަނީ ޖެނަރަލްގެ މަގާމަށް އިބްރާހީމް ރިފްއަތު ވަޑައިގެންނެވިފަހުން، 25 ބިލެއް ތަސްދީގު ކުރުމާ ގުޅޭގޮތުން އެ އޮފީހުން ރައީސުލްޖުމްހޫރިއްޔާއަށްވަނީ ލަފާ އަރުވާފައެވެ. އަދި ތަފާތު އެކި އެއްބަސްވުންތަކާ ގުޅޭ ގޮތުން 252 ޤާނޫނީ ދީފައިވާއިރު، އެކި ގަވާއިދުތަކާ ގުޅޭ ގޮތުން 97 ޤާނޫނީ ލަފާ ދެއްވާފައިވާކަން އެ އޮފީހުން އާންމުކޮށްފައިވާ ތަފާސްހިސާބުން ދައްކައެވެ.

މި ތަފާސްހިސާބުން ދައްކާ ގޮތުން މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް އައު ސަރުކާރަށް 10 މަހާއި 13 ދުވަސް ފުރުނުއިރު، އުޞޫލުތަކާ ގުޅޭ ގޮތުން އެޓަރނީ ޖެނަރަލްގެ އޮފީހުން ވަނީ 48 ޤާނޫނީލަފާ ދެއްވާފައެވެ. އަދި ރާއްޖެ ބައިވެރިވާން އެދި ހުށަހެޅި 11 މުޢާހަދާއަކާ ގުޅޭ ގޮތުން ވެސް އެޓަރނީ ޖެނަރަލްގެ އޮފީހުން ވަނީ ޤާނޫނީ ލަފާ ދެއްވާފައެވެ.

އިބްރާހީމް ރިފްއަތު އެޓަރނީ ޖެނަރަލްގެ މަޤާމާ ޙަވާލުވެވަޑައިގެންނެވިފަހުން، އެމަނިކުފާނު ގެންދަވަނީ އެ އޮފީހުން ދެމުންދާ ޤާނޫނީ ލަފާތަކާއި ދައުވާ ކުރާ މައްސަލަތަކާއި ދައުވާ ލިބޭ މައްސަލަތަކުގެ ތަފާސްހިސާބު އާންމު ކުރައްވަމުންނެވެ. އާންމު މަސްލަހަތާ ގުޅުންހުރި ބޮޑެތި މައްސަލަތަކުގައި ވެސް އެޓަރނީ ޖެނަރަލްގެ އޮފީހުން ގެންދަވަނީ ތަފްސީލުކޮށް، އެ މައުލޫމާތު އާންމު ކުރައްވަމުންނެވެ.