ޚަބަރު

ގާފަރުގެ ބަނދަރު ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަނީ


މާލެއަތޮޅު ގާފަރު ބަނދަރު ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ފިނޭންސް މިނިސްޓްރީން އިޢުލާންކޮށްފިއެވެ.ގާފަރުގައި މިހާރު ބޭނުންކުރަމުން އަންނީ މީގެ ވިހި ވަރަކަށް އަހަރުކުރިން ހަދާފައިވާ ބަނދަރެކެވެ.ނަމަވެސް ދެހާސް ހަތަރުވަނަ އަހަރު ކުރިމަތިވި ސުނާމީ ކާރިސާއަށްފަހު އެރަށު ބަނދަރު ބޭރު ތޮށިއެއްކޮށް ހަލާކުވެ، ބަނދަރު ވަރަށް ބޮޑަށް އަރިއަޅާލާފައިވާކަމަށް ގާފަރު ކައުންސިލުން މައުލޫމާތުދެއެވެ. އަދި އެކަމުގެ ސަބަބުން ދިޔަވަރުބޮޑުވެ، މޫސުން ގޯސްވާ ދުވަސްވަރު، އެރަށަށް އަރާފޭބުމުގައި ބޮޑެތި އުނދަގޫތަކާއި ކުރިމަތިލާންޖެހޭ ކަމަށާއި، މަދުން ނަމަވެސް އުޅަނދުފަހަރަށް ގެއްލުންވުން ފަދަ ޙާދިސާތައް ހިނގާފައިވާކަމަށް ގާފަރު ރައްޔިތުން ބުނެއެވެ.ފިނޭންސް މިނިސްޓްރީން މިހާރުވަނީ ގާފަރު ބަނދަރު ހެދުމުގެ މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު އެކަމަށް ޝަރުޠު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަފައެވެ.މި ބީލަމުގައި ބައިވެރިވެވޭނީ ހައުސިންގ މިނިސްޓްރީގެ ނޭޝަނަލް ކޮންޓްރެކްޓަރސް ރަޖިސްޓަރީގައި ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށެވެ. އަދި  ބީލަމުގައި ބައިވެރިވުމަށް އެއްހާސް ފަސްސަތޭކަ ރުފިޔާގެ ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހޭނެ ކަމަށާއި، ފައިސާ ބަލައިގަންނާނީ 21 ޖޫން 2015 އިން 12 ޖުލައި 2015 ގެ ނިޔަލަށް ކަމަށް ފިނޭންސް މިނިސްޓްރީން ކޮށްފައިވާ އިއުލާންގައި ބުނެފައިވެއެވެ.ޕްރޮޖެކްޓުގެ ބިޑްސެކިއުރިޓީގެ ގޮތުގައި ފަންސާސް ހާސް ރުފިޔާ ހުށަހަޅަންޖެހޭނެކަމަށާއި، ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުށަހަޅާ ތާރީޚުން ފެށިގެން ސަތޭކަ ސާޅިސް އަށްދުވަސްކަމުގައިވެސް މި އިއުލާންގައި ބުނެފައިވެއެވެ. މި ޕްރޮޖެކްޓުގެ ޕްރީބިޑް ބައްދަލުވުން އަންނަ ޖުލައި މަހުގެ ތޭރަވަނަ ދުވަހު އޮންނާނެކަމަށާއި، ބީލަން ހުޅުވުން އޮންނާނީ 05 އޯގަސްޓް 2015 ވާ ބުދަ ދުވަހުކަމަށް ފިނޭންސް މިނިސްޓްރީން މައުލޫމާތުދެއެވެ.