ސިޔާސީ

ރައީސް ކަމަށް ކުރިމަތިލެވޭ އުމުރާއިގުޅޭ ބިލް ކޮމިޓީން ފާސްކޮށްފި


ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަގާމަށް ކުރިމަތިލެވޭނެ އުމުރަކީ ތިރީސް އަހަރާއި ފަސްދޮޅަސް ފަސްއަހަރާއި ދެމެދުކަމަށް ކަނޑައެޅުމަށް ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ އިސްލާހު ކޮމިޓީން ފާސްކޮށްފިއެވެ.މި އިސްލާހު ދިރާސާކުރި، މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީން ފާސްކޮށްފައިވަނީ ގާތްގަނޑަކަށް ހުށަހެޅުނު ގޮތަށެވެ.ހޯރަފުށީ ދާާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް ގާނޫނު އަސާސީއަށް ހުށައަޅުއްވާފައިވާ މިއިސްލާހުގައި ބުނެފައިވަނީ، ރައީސުލްޖުމްހޫރިއްޔާކަމަށާއި، ރައސުުލްޖުމްހޫރިއްޔާގެ ނައިބުކަމަށް ކުރިމަތިލެވޭނީ އުމުރުން ތިރީސް އަހަރާއި ފަސްދޮޅަސް ފަސްއަހަރާއި ދެމެދުގެ މީހުންނަށްކަމަށެވެ.މިހާރު ގާނޫނު އަސާސީގައި ބުނެފައިވަނީ، އެދެމަގާމަށް ކުރިމަތިލެވޭނެ އުމުރަކީ ތިރީސް ފަސްއަހަރުކަމަށެވެ. އަދި ކުރިމަތި ނުލެވޭނެ ވަކިއުމުރެއް ބަޔާންކޮށްފައެއްނުވެއެވެ.މުހައްމަދު އިސްމާއިލް ވިދާޅުވީ، މިއިސްލާހު ހުށައެޅުމުގެ ބޭނުމަކީ، އެމަގާމުގެ މަސްއޫލިއްޔަތު އަދާކުރެވޭނެ ފެންވަރުގެ ގާބިލް، އުފެއްދުންތެރި ޒުވާނުން ތިބިއިރު ވެރިކަންކުރުމުގެ ފުރުސަތު ޒުވާނުންނަށް ހުޅުވާލުންކަމަށެވެ.އިދިކޮޅު އެމްޑީޕީންވެސް ރައީސްކަމަށާއި، ނައިބު ރައީސްކަމަށް ކުރިމަތި ލެވޭނެ އުމުރު ދަށްކުރުމަށް ތާއީދުކުރެއެވެ.