ވިޔަފާރި

އަމާޒަކީ ދިވެހި މޭބިސްކަދުރު ބާޒާރަށް ނެރުން- ގަމީރާ


ބ އަތޮޅު އަންހެންފުށީގައި ދަނޑުވެރިކަން ކުރަމުން އަންނަ ގަމީރާ އާދަމްގެ އަމާޒަކީ މޭބިސްކަދުރު ހެއްދުމަށްފަހު، ދިވެހި ބްރޭންޑެއްގެ ގޮތުގައި މޭބިސްކަދުރު ބާޒާރަށް ނެރުން ކަމަށް އޭނާ ބުނެފިއެވެ.މިއަހަރުގެ ރެހެންދި އެވޯޑްވެސް ހޯދި، ގަމީރާ ދަނީ ބ އަތޮޅު އަންހެންފުށީގައި ފުޅާ ދާއިރާއެއްްގައި ދަނޑުވެރިކަމުގެ މަސައްކަތް ކުރަމުންނެވެ.ރާއްޖޭގެ މިއޮތް ވެލީގެ ފަސްގަނޑުގައި މޭބިސްކަދުރު ވެޔޮތައް ހެދި ދޮންވެ ފައްކާވެފައިވާ މޭބިސްކަދުރު ފެނުމަކީ ނުވާނެކަމެއްކަމަށް އެއް އިރެއްގައި ދިވެހިންނަށް ހީވެފައި އޮތްނަމަވެސް، މިހާރުގެ ބައެއް ދަނޑުވެރިންގެ ދަނޑުތަކުންނާއި މާލޭގެ ބައެއް ގޭގޭގައިވެސް މޭބިސްކަދުރު ވެޔޮތައް ހައްދަމުންދާތަން ފެންނަލެއް މަދެއް ނޫނެވެ.ގަމީރާއަކީ ރާއްޖޭގައި ދަނޑުވެރިކަމުގެ ގޮތުން މޭބިސްކަދުރު ހައްދާ އެއްބޭފުޅެކެވެ. ގަމީރާ ބުނިގޮތުގައި މޭބިސްކަދުރު ހެއްދުމަކީ އެހާ ޚަރަދުބޮޑު މަސައްކަތްތެއް ނޫންކަމަށާއި،ރާއްޖެއިންވެސް މޭބިސްކަދުރު ހެއްދުމަށް ބޭނުންވާ ގަސްކާނާ ލިބެން ހުންނަ ކަމަށެވެ.ގަމީރާ މިހާރުވެސް ވަނީ މޭބިސްކަދުރުގެ ދަނބު ކުލައިގެ ހަތް ވެޔޮ ހައްދާފައެވެ. މި ވެޔޮތަކުން މިހާތަނަށް ތިރީހަކަށް ކިލޯގެ މޭބިސްކަދުރު ވިއްކާފައިވާ ކަމަށް ގަމީރާ ބުނެއެވެ. އެގޮތުން ބ އަތޮޅު ލަނޑާ ގިރާވަރަށް ކިލޯއެއް 25 ޑޮލަރުގެ ރޭޓުން ވިއްކާފައިވާކަމަށްވެސް ގަމީރާ ބުނެއެވެ. އަދި އޭނާ ހައްދާ މޭބިސްކަދުރާއި، އެތެރެކުރާ މޭބިސްކަދުރުގެ ރަހަ އެއްވެސް ވަރަކަށް ތަފާތު ނުވާ ކަމަށާއި، މޭވާ ވަރަށް ފޮނި ކަމަށްވެސް ގަމީރާ ބުނެއެެވެ.މިހާތަނަށް ގަމީރާ ހައްދާފައިވަނީ ދަނބުކުލައިގެ މޭބިސްކަދުރު ނަމަވެސް، ފެހި ކުލައިގެ މޭބިސްކަދުރު ހެއްދުމަށްވެސް އޭނާ ދަނީ މަސައްކަތް ކުރަމުންނެވެ. ގަމީރާ ބުނީ، އަމާޒަކީ ރާއްޖޭގެ ބާޒާރަށް މޭބިސްކަދުރު ނެރުން ކަމަށާއި، ނަމަވެސް އެއީ ގޮންޖެހުން ބޮޑު މަސައްކަތެއް ކަމަށެވެ. މިހާތަނަށް ލިބިފައިވާ ނަތީޖާއިން މިކަން ކުރުމުގެ އުންމީދު ބޮޑުވެފައިވާ ކަމަށް ގަމީރާ ބުނެއެވެ.ގަމީރާގެ ދަނޑުގައި މިހާރުވެސް މޭބިސްކަދުރު ދޮންވެ ފައްކާވުމުގެ މަގުމަތީގައި ވާއިރު، އޭނާގެ އުންމީދަކީ މިއަދު އެޅި ބިންގަލުގެ ނަތީޖާ ކުރިއަށް އޮތް އެއް އަހަރުތެރޭ ހާސިލްކުރުން ކަމަށް ގަމީރާ ބުނެއެވެ.