ޚަބަރު

ލޮލަށް ބުޅިއެއް ހެރުނު މަސްވެރިއަކަށް އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފި


މަސްވެރިކަން ކުރަމުންދިޔަ "ރޯދި 3" ނަމަކަށް ކިޔާ މަސް ދޯންޏެއްގެ ފަޅުވެރިއެއްގެ ލޮލުގައި ބުޅިއަކުން ޖެހުމާއި ގުޅިގެން އެމްއެންޑީއެފް ނޮދަން އޭރިއާއިން އެމީހާއަށް އެހީތެރިކަން ފޯރުކޮށްދީފިއެވެ.

މި ދޯންޏަކީ ހދ.ކުޅުދުއްފުށި އިރު ދެކުނުން 13 މޭލު ބޭރުގައި މަސްވެރިކަން ކުރަން އުޅުނު ދޯންޏެކެވެ. ލޮލުގައި ބުޅިއަކުން ޖެހުމާއި ގުޅިގެން އެހީތެރިކަން ފޯރުކޯސްދީފައިވަނީ އުމރުން 58 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.

މި ހާދިސާގެ ރިޕޯރޓް އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯރޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައިވަނީ މިއަދު ހެނދުނު 10:46 ހާއިރުކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.

އެމީހާއަށް ސިއްހީ އިތުރު އަވަސް ފަރުވާ ދިނުމަށް މެޑިކަލް ޓީމަކާއެކު ނޮދަން އޭރިއާގެ ސީ އެމްބިއުލާންސްގައި ދޯނި އޮތް ސަރަހައްދަށް ގޮސް، އެމީހާ ސީ އެމްބިއުލާންސްގައި ހދ. ކުޅުދުއްފުއްޓަށް ގެންގޮސްފައިވަނީ މިއަދު މެންދުރު 12:10 ހާއިރުއެވެ.