ޚަބަރު

2020 ވަނަ އަހަރުގެ ބަޖެޓް މިމަހުގެ ފަހުކޮޅު މަޖިލީހަށް ހުށަހަޅަނީ


އަންނަ އަހަރަށް ދައުލަތުން ލަފާ ކުރާ ބަޖެޓް މިމަހުގެ ފަހު ހަފްތާގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

ފިނޭންސް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓް ހުށަހެޅުމަށް ފިނޭންސް މިނިސްޓްރީން ކުރަންޖެހޭ މަސައްކަތުގެ ބޮޑުބައިނިމި ބަޖެޓް އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށެވެ. އަދި ބަޖެޓް ތައްޔާރުކުރުމުގެ ކުރިން ދައުލަތުގެ އެކި ވުޒާރާތަކާއި މިނިވަން މުއައްސަސާތަކާއި ބައްދަލުކޮށް، ބަޖެޓްގެ ދަތިކަން އެފަރާތްތަކަށް އޮތް މިންވަރު އޮޅުންފިލުވައި އަންނަ އަހަރަށް ބޭނުންވާ ބަޖެޓާއިގުޅޭ މައުލޫމާތުތައް އޮޅުންފިލުވާފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ އޮފިޝަލް ވިދާޅުވިއެވެ.

ޤާނޫނުގައިވާ ގޮތުން ބަޖެޓް ހުށަހެޅުމުގެ އެންމެ ފަހު ތާރީޙަކީ މިމަހުގެ 31 ކަމަށްވާއިރު، މިވަގުތު ކުރިއަށްދަނީ ބަޖެޓް މަޖިލީހަށް ހުށަހެޅުމުގެ ކުރިން ބަލަންޖެހޭ ކަންކަން ބަލައި އިދާރީ ގޮތުން ކުރަންޖެހޭ މަސައްކަތްތަކެވެ.

2020 ވަނަ އަހަރުގެ ބަޖެޓްގައި ސަރުކާރުގެ ވުޒާރާތަކުގެ އިންފްރާސްޓްރަކްޗައަށް ހައްލުތަކެއް ހޯދުމަށާއި، ސަރުކާރުން ހުށަހަޅުއްވާފައިވާ މެނިފެސްޓޯގައިވާ ކަންކަން ތަންފީޒުކުރުމަށް ޚާއްސަ އިސްކަމެއް ދެއްވާފައިވާ ކަމުގައި ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވަނީ ވިދާޅުވެފައެވެ.

ދައުލަތުގެ ބަޖެޓްގެ މަސައްކަތްތައް ފިނޭންސް މިނިސްޓްރީން ކުރައްވަމުންދާއިރު، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީންވެސް ވަނީ ފިނޭންސް މިނިސްޓަރ ހިމެނިވަޑައިގަންނަވާ ގޮތަށް ދައުލަތުގެ މިނިވަން މުއައްސަސާތަކާއި ބައްދަލުކުރައްވައި، ބަޖެޓްގެ ހުރި ދަތިތައް އޮޅުންފިލުވާފައެވެ.

އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓް މަޖިލީހަށް ހުށަހެޅުމުގެ މަސައްކަތް ކުރައްވަމުންދާއިރު އޮގަސްޓް މަހުގެ ތެރޭގައިވަނީ 1.7 ބިލިޔަން ރުފިޔާގެ ސަޕްލިމަންޓްރީ ބަޖެޓެއްވެސް މަޖިލީހުން ފާސްކޮށްފައެވެ.