ޚަބަރު

ނަފްސާނީ ބަލިތަކަށް ހޭލުންތެރި ކުރުމުގެ މަސައްކަތް ސްކޫލް ދަރިވަރުންނާ ހިސާބުން ފަށަން ޖެހޭ - މިނިސްޓަރ އަމީން


ނަފްސާނީ ދުޅަހެޔޮ އާބާދީއެއް ބިނާކުރުމަށްޓަކައި، ނަފްސާނީ ބަލިތަކަށް ހޭލުންތެރި ކުރުމުގެ މަސައްކަތް ސްކޫލް ދަރިވަރުންނާ ހިސާބުން ފަށަން ޖެހޭކަމަށް ހެލްތް މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އަމީން ވަނީ ނަފްސާނީ ފަރުވާގެ އިސްސަފުގައި ތިބި ޚިދުމަތްތެރިންނާއެކު މުދައްރިސުންނާއި ތަޢުލީމީ ދާއިރާގެ އިސްސަފުގައި ހަރަކާތްތެރިވާ މީހުންނަކީ މިކަމުގައި ޗެމްޕިއަނުންނަށްވުމަށް ގޮވާލައްވާފައެވެ. އަދި ތުއްތުކުދިންނާ ހިސާބުން ނަފްސާނީ ބައްޔަށް ހޭލުންތެރިކޮށް ފަރުވާދޭން ފެށިއްޖެނަމަ ރާއްޖޭގައި ދުޅަހެޔޮ މުޖުތަމަޢުއެއް ބިނާވެގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ސަރުކާރުން މިހާރުވެސް ވަނީ ސްކޫލްމާހައުލުގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ތަފާތު ތެރަޕީތައް ދިނުމަށް ނިންމަވާފައެވެ. އަދި ނަފްސާނީ ބައްޔަށް ހޭލުންތެރިކުރުވުމަށް ތަފާތު ހަރަކާތްތަކެއްވެސް ވަނީ ފަށާފައެވެ.

މީގެ އިތުރުން ނަފްސާނީ ބަލީގެ ފަރުވާ ފަސޭހަ ކަމާއެކު ލިބޭނެ އިންތިޒާމް ހަމަޖެއްސުމައްޓަކައި މާލެ ސަރަހައްދެކޭ އެއްގޮތަށް އެކި އަތޮޅު ތަކުގައިވެސް އެ ޚިދުމަތްތައް ލިބޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ހެލްތް މިނިސްޓްރީން ދަނީ ކުރަމުންނެވެ. އެގޮތުން ސ.ހިތަދޫ ރީޖަނަލް ހޮސްޕިޓަލް، ހދ ކުޅުދުއްފުށި، ލ.ގަން، ރ. އުނގޫފާރު، ގދ.ތިނަދޫ އަބުއްސަމަދު މޮމޯރިއަލް ހޮސްޕިޓަލް އިން މިޚިދުމަތް ފުޅާދާއިރާއެއްގައި ދިނުމަށް ހަމަޖެހިފައިވާކަން ހެލްތް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ. އަދި ނަފްސާނީ ބައްޔަށް ފަރުވާ ހޯދުމަށް އާސަންދައިވެސް އެހީލިބޭގޮތަށް ސަރުކާރުން ވަނީ ހަމަޖައްސާފައެވެ.