ޚަބަރު

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ކާޑިއެކް ސެންޓަރު ރަސްމީކޮށް އިފްތިތާޙުކޮށްފި


ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ކާޑިއެކް ސެންޓަރާއި ސީޓީ ސްކޭންގެ ޚިދުމަތް ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން ރަސްމީކޮށް އިފްތިތާޙު ކޮށްދެއްވައިފިއެވެ.

މިކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު އޮތީ ހދ.އަތޮޅު ތަޢުލީމީމަރުކަޒުގެ ހޯލްގައެވެ. މިރަސްމިއްޔާތުގައި މިޚިދުމަތްތައް އިފްތިތާޙު ކޮށްދެއްވުމަށްފަހު ހެލްތު މިނިސްޓަރ ދެއްކެވިވާހަކައިގައި ވޭތުވެދިޔަ އެއް އަހަރުދުވަހުގެތެރޭގައި ސީޓީ ސްކޭންގެ ޚިދުމަތާއި ކާޑިއޯ ޓެސްޓް ހަދަން އިމަޖެންސީކޮށް ގިނަ ބަލިމީހުން އެހެން ތަންތަނަށް ފޮނުވަންޖެހޭކަމަށެވެ. މިގޮތަށް މީހުން ފޮނުވާއިރު އުފުލަންޖެހޭ ތަކުލީފާއި ކުރަންޖެހޭ ޚަރަދު ވަރަށްބޮޑުކަމަށެވެ. އެހެންކަމުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ފެށި މިޚިދުމަތްތަކުގެ ސަބަބުން ވަރަށްބޮޑު ލުއިފަސޭހައެއް ލިބިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ޤާއިމްކޮށްފައިވާ ކާޑިއެކް ސެންޓަރުން ކާޑިއެކް ކޮންސަލްޓޭޝަން، އިކޯ ކާޑިއޯގްރާމް ، ހޯލްޓަރސް މޮނިޓަރިން ، އީސީޖީ އަދި ޓީއެމްޓީ ފަދަ ޚިދުމަތްތައް ލިބެންހުނާނެއެވެ. ސީޓީ ސްކޭނާއި ކާޑިއެކް ސެންޓަރަކީ ސަރުކާރުން ތަރައްޤީކުރަން ނިންމާފައިވާ ފަސް ހޮސްޕިޓަލް ގެ މަސްރޫއުގެތެރޭގައި ހިމެނޭ ކަމެކެވެ.

އެވްރެޖްކޮށް ދުވާލަކު 305 ބަލިމީހުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ޚިދުމަތް ހޯދައެވެ. މިއީ މާލެ ފިޔަވައި އަތޮޅު ތެރޭގައި މިޚިދުމަތް ދޭ ސެންޓަރެއް ޤާއިމް ކުރެވޭ ފުރަތަމަ ފަހަރެވެ.