ސިޔާސީ

ހުރިހާ ޤައުމަކުންވެސް ޑިމޮކްރެސީގެ އަސާސްތައް ދަމަހައްޓަންޖެހޭ


ހުރިހާ ޤައުމަކުންވެސް ޑިމޮކްރެސީގެ އަސާސްތައް ދަމަހައްޓަން މަސައްކަތްކުރަން ޖެހޭނެކަމަށާއި، ކެނެޑާ މިކަމުގައި އިސްތިސްނާ ނުވާކަމަށް ޚާރިޖީ ވަޒީރު ދުންޔާ މަޢުމޫން ވިދާޅުވެއްޖެއެވެ.ދުންޔާ މިހެން ވިދާޅުވެފައި މިވަނީ، މި މަހުގެ ބާރަވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާގައި ގޮވާލާފައިވާ ކަންތައްތަކަށް ތާޢީދުކުރާކަމަށް ބުނެ، ކެނެޑާގެ ޚާރިޖީ ވުޒާރާއިން ނެރެފައިވާ ބަޔާނަށް ރައްދު ދެއްވަމުންނެވެ.ދުންޔާ ވިދާޅުވީ، ހުރިހާ ޤައުމަކުންވެސް މިނިވަންކަމާއި، ހަމަހަމަކަމާއި، ޑިމޮކްރެސީގެ ހުރިހާ އާސާސަކަށް ހަމަހަމަކަމާއިއެކު ޢަމަލުކުރަން ޖެހޭނެކަމަށެވެ. އަދި ވަކި އަސާސްތަކެއް އިސްކޮށް، އެހެން އަސާސްތަކަށް ފުރަގަސްދިނުމަކީ ވަރަށްވެސް ދެކޮޅު ނުޖެހޭ ސިޔާސަތެއްކަމަށް ދުންޔާ ވިދާޅުވިއެވެ.ދުންޔާގެ މި ބަސްފުޅުތައް ކެނެޑާގެ ސަރުކާރަށް އަމާޒުކުރައްވާފައި މިވަނީ، އެ ޤައުމުގެ ސަރުކާރުން އެ ޤައުމުގެ ރައްޔިތުންނާއި ދެކޮޅަށް ޘަޤާފީ ގޮތުން ޖަރީމާތަކެއް ހިންގާފައިވާކަމަށް އެ ޤައުމުގެ މިނިވަން މުއައްސަސާއަކުން ކަނޑައަޅާފައިވާ ދަނޑިވަޅެއްގައެވެ.މިކަމަށް އަލިއަޅުއްވާލައްވާ ދުންޔާ ވިދާޅުވީ، ބޭރު ޤައުމުތަކުގެ ދާޚިލީ ކަންތައްތަކަށް ބަސްބުނުމުގެ ކުރިން ކެނެޑާއިން އެ ޤައުމުގެ ދާޚިލީ ކަންތައްތަކަށް އިސްކަންދިނުން ބުއްދިވެރިކަމަށެވެ. އަދި އެ ޤައުމުގެ އެންމެ ފުރަތަމަ ވަޒަންވެރީންނާއި ދެކޮޅަށް ހިންގާފައިވާ ޖަރީމާތަކުގެ މައްސަލަ ބެލުމަށް އެކަމަނާ ކެނެޑާގެ ސަރުކާރަށް ގޮވާލެއްވިއެވެ.ދުންޔާ އިތުރަށް ވިދާޅުވީ، ޑިމޮކްރެސީގެ އަސާސްތައް ދެމެހެއްޓުމާއި، އިންސާނީ ހައްޤުތައް ހިމާޔަތްކުރުމާއި، ރާއްޖެއާއި އެހެން ޤައުމުތަކާއި ދެމެދު އޮތް ގުޅުން ދެމެހެއްޓުމަށް ރާއްޖެއިން އިސްކަންދޭކަމަށެވެ. އަދި މިއީ އެއްވެސް ޤައުމަކަށް ފުރަގަސްދެވޭނެ ކަންތައްތަކެއް ނޫންކަމަށާއި، މިކަން ކެނެޑާ ސަރުކާރުންވެސް ދަންނަން ޖެހޭނެކަމަށް ދުންޔާ ވިދާޅުވިއެވެ. އަދި ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް ދެ ޤައުމުން ގުޅިގެން މަސައްކަތް ކުރުމަށްވެސް ކެނެޑާ ސަރުކާރަށް އެކަމަނާ އިލްތިމާސްކުރެއްވިއެވެ.މި މަހުގެ ބާރަވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާއާއި ގުޅިގެން ކެނެޑާގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، އިދިކޮޅު ފަރާތްތަކުން ގޮވާލާފައިވާ ކަންތައްތަކުގެ ތެރެއިން ސިޔާސީ ކުށްވެރިންނާއި ހައްޔަރީން މިނިވަންކުރުމާއި، ޢަދުލު އިންސާފުގެ ދާއިރާގެ މިނިވަންކަން ޤާއިމްކުރުމަށް އެ ޤައުމުން ތާޢީދުކުރާކަމަށެވެ. އަދި މީގެ އިތުރުން ސިޔާސީ ލީޑަރުންނާއި ދެކޮޅަށް ހިންގަމުންދާ ޝަރީއަތްތައް ހުއްޓާލުމަށާއި، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ޑިމޮކްރެސީގެ އަސާސްތައް ދެމެހެއްޓުމަށް އިދިކޮޅު ފަރާތްތަކުން ގޮވާލާފައިވާ ގޮވާލުމަށްވެސް ތާޢީދުކުރާކަމަށް މި ބަޔާނުގައި ބުނެފައިވެއެވެ.