ޚަބަރު

ޓީޗާރސް ރިސޯސް ސެންޓަރުތަކުގެ ހިންގުން ހަރުދަނާކުރުމަށް ޕްލޭނެއް ހަދަނީ


ޓީޗާރސް ރިސޯސް ސެންޓަރުތައް ހަރުދަނާކޮށް އެސެންޓަރުތައް ކުރިއަށްގެންދާނެ ގޮތުގެ 3 އަހަރުދުވަހުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭނެއް ތައްޔާރުކުރުމުގެ މަސައްކަތް ކުރައްވަމުންގެންދަވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ޕިއެސްއެމްނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ.ޢަބްދުﷲ ރަޝީދު ވިދާޅުވީ ޓީޗާރސް ރިސޯސް ސެންޓަރުތައް މީގެކުރިން ރަނގަޅަށް ހިންގަމުން ދިޔަނަމަވެސް ވޭތުވެދިޔަ 5 އަހަރުދުވަހުގެ ތެރޭ މިސެންޓަރުތައް އެންމެ ރަނގަޅުގޮތުގައި ހިންގާފައިނުވާކަމަށެވެ. ސްޓޭޓް މިނިސްޓަރ ވިދާޅުވީ މި ސެންޓަރުތަކުގެ އިތުރަށް ހަރުދަނާކޮށް ކުރިއަށްގެންދިޔުމަށްޓަކައި ޔުނިސެފްއާ އެކު މަސައްކަތް ކުރަމުންނެވެ.

މިގޮތުން ޔުނިސެފްގެ އެހީގައި ކޮންސަލްޓޭޓަންޓް އެން ނަގައިގެން މިތަންތަން ހަރުދަނާކުރެވޭނެ ގޮތްތައް ބެލުމަށް ސަރވޭއެއް ކުރަންފަށާފައިވާކަމަށެވެ.

މި ސަރވޭގެ އަލީގައި މި ސެންޓަރުތައް ހިންގުމަށް މިހާރު ހުރި ގޮންޖެހުންތަކަކީ ކޮބާތޯ ބަލައި މުދައްރިސުންނާއި ވެރިން ދެކޭގޮތް ބެލުމަށް ފަހު ގެންނަން ޖެހޭ ބަދަލުތައް ދެނެގަނެވޭނެކަމަށް އޭނާ ވިދާޅުވިއެވެ. އަދި މި ދިރާސާ ދެހަފްތާ ތެރޭ ނިންމާލެވޭނެކަމަށާއި މިއާއެކު މި ސެންޓަރތަކުގައި ތިބި އެޑިއުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރުން މާލެ ގެނެސް ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާކޮށް 3 އަހަރުދުވަހުގެ ގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭނެއް ހެދުމަށް ނިންމާފައިވާކަމަށެވެ. އަދި މިހާރު އެޑިއުކޭޝަން ޑިވަލޮޕްމަންޓް އޮފިސަރުން ނެތް ސެންޓަރުތަކަށް މީހުން ހޯދުމަށް މަސައްކަތް ކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ޓީޗާރސް ރިސޯސް ސެންޓަރތައް އެބަހުއްޓެވެ. އެހެންނަމަވެސް އެޑިއުކެޝަން ޑިވެލޮޕްމެންޓް އޮފިސަރުން ތިބީ އެންމެ 10 ސެންޓަރުގައިކަން އެޑިއުކެޝަން މިނިސްޓްރީން ވިދާޅުވެއެވެ. އަދި އެ ސެންޓަރުތަކުގައި ތިބި އޮފިސަރުން ބޭނުންކޮށްގެން މަސައްކަތް ނުކުރެވޭކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވިއެވެ.