ޚަބަރު

ކެޔޮޅުކަމު ނުކުތް ލޯންޗަކަށް ހޮނުއަޅައިފި


މާލެ އަތޮޅު ކުޑަ ވިލިނގިލި ބޭރަށް މަސްބާނަން ކެޔޮޅުކަމު ނުކުތް ލޯންޗަކަށް ހޮނުއަޅައިފިއެވެ. ހާދިސާގައި ލޯންޗުގައި ތިބި އެއްވެސް މީހަކަށް ހާނިކައެއް ވެފައި ނުވާކަމަށްވެސް ފުލުހުން ވިދަޅުވެއެވެ. އަދި ލޯންޗުގައި ތިބީ ކިތައް މީހުންކަމެއްވެސް ފުލުހުން ވިދާޅެއް ނުވެއެވެ.

ފުލުހުން ވިދާޅުވީ، މަސްބާނަން ބަޔަކު ތިބި ލޯންޗަކަށް ހޮނުއަޅާފައިވާކަމުގެ މަޢުލޫމާތު ލިބިފައިވަނީ މިއަދު މެންދުރު ފަހު 15:00 ހާއިރުކަމަށެވެ. އަދި ލޯންޗަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

މާލެ އަތޮޅު ކުޑަވިލިނގިލި ބޭރުގައި އޮތް ލޯންޗަކަށް ހޮނުއެޅިކަމުގެ މަޢޫލޫމާތު ތުލުސްދޫ ޕޮލިސްޓޭޝަނަށް ލިބުމާއި ގުޅިގެން ފުލުހުން އެސަރަޙައްދަށްގޮސް ލޯންޗު ކަފުޖަހައިގެން މިހާރު ތުލުސްދޫ ފަޅުތެރެއަށް ވައްދާފައިވާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

މައުލޫމާތުލިބިފައިވާ ގޮތުގއި މި ލޯންޗުގައި 7 މީހަކު ތިއްބެވެ. އަދި ހޮނު އެޅުމާއި އެކު ލޯންޗުގައި އަލިފާން ރޯވި ނަމަވެސް އޭގައި އޮތް އަލިފާން ނިންވާ ފުޅި ބޭނުންކޮށްގެން ލޯންޗުގައި ތިބި މީހުން ވަނީ އަލިފާން ނިންވާލާފައެވެ.