ޚަބަރު

ކީރިތި ރަސޫލާއަށް ފުރައްސާރަކުރުމަކީ އީމާންކަމުގެ ދާއިރާއިން ބޭރުވާނެ ޢަމަލެއް - ޚުޠުބާ


ކީރިތި ރަސޫލާ މުޙައްމަދު ޞައްލައްﷲ ޢަލައިހި ވަސައްލަމައަށް ފުރައްސާރަކުރުމަކީ އިމާންކަމުގެ ދާއިރާއިން ބޭރުވާނެ އަމަލެއްކަމަށް ޢިލްމުވެރިން ވިދާޅުވެފައިވާކަމަށާ، އެކަމަކީ މުސްލިމުނަށް ބަރުދާސްކުރެވޭނެ ކަމެއް ނޫންކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ފާހަގަކުރައްވައިފިއެވެ.

މިއަދުގެ ހުކުރު ޚުތުބާގައިވަނީ މާތް ނިބިއްޔާ މުޙައްމަދު ސައްލަﷲ ޢަލައިހި ވަސައްލަމަ ދިފާޢުކުރުމަކީ ކޮންމެ މުސްލިމެއްގެ ވާޖިބެއްކަން ފާހގަކޮށް ކޮންމެ މީހަކުވެސް އެމީހަކަށް ކުޅަދާނަވީ މިންވަރަކުން މާތް ނަބިއްޔާ ދިފާޢުކުރުމަށް ގޮވާލައްވާފައެވެ. މާތް ނަބިއްޔާއަކީ މާތްވެގެންވާ އިސްލާމްދީނާއިގެން ވަޑައިގެންނެވި ތަޤްވާވެރިންގެ އިމާމްކަން ފާހަގަ ކުރައްވައި ޚުތުބާގައި ވަނީ މަޙްޝަރުގެ މައިދާނަށް ޚަލްޤުތަކުން އަލުން ފޮނުވި ،އުތުރިއަރާ ވަގުތު އެބޭކަލަކަށްޓަކައި އެންމެ ފުރަތމަ ބިންގނަޑު ފެޅިގެންދާނެ ބޭކަލަކީ ކީރިތި ރަސޫލާއަށްކަން ފާހަގަކުރައްވާފައެވެ.

އަދި އެކަލޭގެފާނަށް ސުވަރުގޭގެ ދޮރުކޮޅު އެންމެފުރަތަމަ ހުޅުވި ފުރަތަމަ ސުވަރުގެއަށް ވަދެވެޑައިގަންނަވާނީވެސް އެކަލޭގެފާނުކަން ޚުތުބާގައި ފާހަގަކުރެއްވިއެވެ. ކީރިތި ރަސޫލާގެ މަތިވެރި މަޤާމަށް ޤަދަރުކޮށް އިޙްތިރާމްކޮށް އަދަބު ތަޢުޡީމް އަދާކުރުމަކީ އިސްލާމްދީނުގެ އެންމެ ބޮޑެތި ވާޖިބުތަކުގެ ތެރެއިން ވާޖިބުކަން ހުކުރު ޚުތުބާގައިވަނީ ހަނދާންކޮށްދެއްވާފައެވެ. އަދި ކީރިތި ރަސޫލާއަށާއި އެކަލޭގެފާނުގެ ތެދުމަގަށް ނަފްރަތުކުރުމާއި ކުޑައިމީސް ބަސްބުނެ ފުރައްސާރަކުރުމަކީ އީމާންކަމުގެ ދާއިރާއިން ބޭރުވާނެ ޢަމަލެއްކަމަށް ޢިލްމުވެރިންވިދާޅުވެފައިވާކަމަށް ހުކުރު ޚުތުބާގައި ވަނީ ފާހަގަކުރައްވާފައެވެ.

"ހަމަކަށަވަރުން ،ﷲއާއި، އެކަނލާނގެ ރަސޫލާއަށް އުނދަގޫކުރާ (އެބަހީ:ދޮގުކޮށް ކާފިރުވާ) މީހުން (ދަންނާށެވެ!) ﷲ، އެއުރެންނަށް ދުނިޔެއާއި އާޚިރަތުގައި ލަޢުނަތްލެއްވިއެވެ. އަދި އެކަލާނގެ އިހާނަތްތެރި ޢަޛާބު އެއުރެންނަށްޓަކައި ތައްޔާރުކުރެއްވިއެވެ." މާތް ނަބިއްޔާއަށް އީމާންނުވެ، އެކަލޭގެފާނުގެ ހިދާޔަތަށް ފުރަގަސްދިން ކޮންމެ މީހަކީ އަބާއްޖަވެރިއެކެވެ." ޚުޠުބާގައި ވިދާޅުވެފައިވެއެވެ.

އިންސާނުން އަޚްލާޤީ ގޮތުންނާއި ދީނީ ގޮތުން އެންމެ ދަށުދަރަޖަށްއަށް ވެއްޓިފައިވާ ދުވަސްވަރަކީ މީލާދީ ގޮތުން ފަސް ސަތޭކައިގެ އަހަރުތަކުގައިކަން ޚުތުބަގައި ވަނީ ފާހަގަކުރައްވާފައެވެ. މިފަދަ ދަށުދަރަޖައަކަށް އިންސާނިއްޔަތު ވެއްޓިފައިވަނިކޮށް ކޯފާގެ މިފުން އަނދަވަޅުން އިންސާނިއްޔަތު ސަލާމާތްކުރެއްވުމަށްޓަކައި މާތްﷲ އިޚްތިޔާރު ކުރައްވައި ފޮނުއްވެވި ރަސޫލަކީ މާތް ނަބިއްޔާ މުޙައްމަދު ޞައްލައްﷲ އަލައިހި ވަސައްލަމަކަން ފާހަގަކުރައްވާފައިވެއެވެ.

"ލޮބުވެތި މުސްލިމް އަޚުންނޭވެ! ކީރިތި ރަސޫލާ މުހައްމަދު ޞައްލައްﷲ އަލައިހި ވަސައްލަމައަށް ތަބާވާ މުސްލިމް އަޚުންނާއި އުޚުތުންނޭވެ! މާތް ނަބިއްޔާއަށް ލޯބި ކުރުމުގެ އެންމެ މުހިއްމު އަލާމާތަކީ އެކަލޭގެފާނަށް ފުރިހަމައަށް ތަބާވުމެވެ. އެކަލޭގެފާނުގެ މަތިވެރި ސީރަތުން ނަމޫނާ ލިބިގަތުމެވެ. އެކަލޭގެފާނު އުއްމަތަށް ދައްކުވައިދެއްވި ރިވެރި އަޚްލާޤީ މިންގަނޑުތަކަށް ތަބާވުމެވެ. ތެދުބަސްބުނުމާއި، ކެތްތެރިވުމާއި ، އަދުލުވެރިވުމާއި ، އެއްބަޔަކު އަނެއްބަޔަކަށް އިޚްތިރާމްކުރުމާއި މަޑުމޮޅީވުމާއި މި ނޫންވެސް އެކަލޭގެފާނު ގެނެސްދެއްވި އަޚްލާޤީ އެންމެހާ ސިފަތަކުން ޒީނަތްތެރިވުމެވެ."

ނަބީބޭކަލުންނަށް ފުރައްސާރަކުރުމަކީ އިއްޔެއަކު މިއަދަކު ކުރިމަތިވެގެންއުޅޭ ކަމެއް ނޫންކަމަށާއި މީސްތަކުންގެ ގާތަށް ފޮނުއްވެވި ކޮންމެ ނަބީބޭކަލަކީވެސް މިފަދަ ފުރައްސާރައާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ބޭކަލުންކަން ޚުޠުބާގައި ފާހަގަކުރައްވާފައިވެއެވެ.

އިސްލާމްދީނާއިގެން ވަޑައިގެންނެވި މާތް ނަބިއްޔާ އިސްލާމީ އުންމަތަށްޓަކައި ދޫކުރެއްވި ތަރިކައިގައި ވަރުގަދައަށް ހިފެހެއްޓުމަށެވެ. ކީރިތި ޤުރުއާނާއި ރަޞޫލާގެ ސުންނަތުގައި ހިފެހެއްޓިބަޔަކު ދުވަހަކުވެސް މަގުއޮޅިގެން ނުދާނެކަމަށް ވިދާޅުވެ ޚުތުބާގައިވަނީ މިކަން ހަނދާންކޮށްދެއްވާފައެވެ. އަދި ކީރިތި ރަސޫލާއަށް ސަލާމާއި ޞަލަވާތް ލެއްވުން އެދި ދުޢާކުރުމަށް ވަނީ ގޮވާލައްވާފައެވެ.