ޚަބަރު

ނަލަހިޔާ ހުންނަ ސަރަހައްދުގެ ޓްރެފިކަށް ބެޑެތި ބަދަލުތަކެއް


މާފަންނު ކުރީގެ ގަޑިބުރު ހިމެނޭ ސަރަހައްދުގެ ބައެއް މަގުތައް ބޭނުންކުރެވޭ ގޮތްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސްފިއެވެ.ޓްރާންސްޕޯޓް އޮތޯރިޓީން ބުނީ މި ފަދަ ބަދަލެއް އެ ސަރަހައްދަށް ގެނެސްފައިވަނީ،  މާފަންނު ބުރު ހިމެނޭ ސަރަހައްދުގައި ޓްރެފިކްގެ ބާރުބޮޑުވެ ދަތުރު ފަތުރު ކުރުމަށް ދަތިތަކާ ކުރިމަތި ވަމުންދާތީ ހައުސިންގ މިނިސްޓްރީގެ ޓްރެފިކް ކޮމިޓީގެ މަޝްވަރާގެ މަތިންކަމަށެވެ.މި ސަރަހައްދުގެ ޓްރެފިކަށް ގެނެވުނު ބަދަލުތަކަށް ބަލާލާއިރު، ޖުމްލަ ހަތް ބަދަލެއް ގެނެވިފައިވާ ކަަމަށް ޓްރާންސްޕޯޓް އޮތޯރިޓީން މައުލޫމާތުދެއެވެ.މަޖީދީމަގުން އިރުން ހުޅަނގަށް ދަތުރު ކުރާ އުޅަނދުތަކަށް ކުރިން ނަލަހިޔާ ބުރު ކައިރިން އަނބުރާލުމަށްފަހު ފަރީދީ މަގަށް އެޅުނު ނަމަވެސް މިހާރު އެހެން ދަތުރު ނުކުރެވޭނެއެވެ. އެހެންކަމުން އިރުން ހުޅަނގަށް ދަތުރު ކުރާ ފަރާތްތަކުން އޯކިޑްމަގަށް ދާން ބޭނުންނަމަ، ދަތުރުކުރަން ޖެހޭނީ ފަނޑިޔާރު މަގުންނެވެ.އެހެން ނަމަވެސް، މަޖިދީ މަގުގެ ހުޅަނގުން އިރަށް ދަތުރުކުރާ ފަރާތްތަކުން އޯކިޑްމަގަށް ދިއުމަށް ފަނޑިޔާރު މަގު ހިޔާރު ކުރާކަށް ނުޖެހޭނެއެވެ. އެ ފަރާތްތަކަށް ނަލަހިޔާ ބުރު ކައިރިން އައިސް އޯކިޑް މަގަށް ދެވޭނެއެވެ.ރުވާމަގަށް ބަލާލާއިރު، އެމަގަށް މިހާރު ވަދެވޭނީ މަޖީދީމަގުން ލާފައެވެ. ރުވާ މަގަކީ ނަލަހިޔާ ބުރު ކުރިމަތިން މަޖީދީ މަގުގެ ދެކުނު ފަރާތުގައި އޮތް ގޯޅިއެވެ. ރުވާ މަގުގޮސް ހުއްޓޭނީ މިރިޔަސް މަގާ ހަމައަށެވެ. މިރިޔަސްމަގު ވަނީ އަސަރީހިނގުމާ ހަމައަށް ދެކުނުން އުތުރަށް އެއްކޮޅަށް ދުއްވާ މަގެއް ގޮތުގައި ހަމަޖައްސާފައެވެ.އަސަރީހިނގުން ވަނީ ހުޅަނގުން އިރަށް ދުއްވޭ މަގެއް ގޮތުގައި ހަމަޖައްސައި ޖަމްބުމަގަށް ވަދެވޭ ގޮތަށް ބަދަލު ގެނެވިފައެވެ.