ޚަބަރު

ތުރުކީން ދިން ޙަމަލާތަކުގައި މަރުވި މީހުންގެ އާއިލާތައް ހިތާމައިގައި!


ތުރުކީވިލާތުން ސޫރިޔާގެ އުތުރުގައި ފެށި އަސްކަރީ ޙަރަކާތުގެ ތެރެއިން ދިން ވައިގެ ޙަމަލާތަކުގައި ޢާއްމު ރައްޔިތުންގެ 9 މީހުން މަރުވެފައިވާކަމަށް ކުރުދީން ބުނެފިއެވެ. މިއާއެކު، ޤަމިޝްލީ ނަމަކަށް ކިޔުނު ސަރަޙައްދުގައި މަރުވި މީހުންގެ އާއިލާތަކުން މިހާރު ދަނީ އެ ހިސާބުގައި ހުންނަ ހޮސްޕިޓަލަށް ޖަމާވެ ހިތާމަފާޅުކުރަމުންނެވެ.

ސޫރިޔާގެ ޚަބަރު ފަތުރާ ވަޞީލަތްތަކުން ބުނެފައިވަނީ އެ ހޮސްޕިޓަލުގައި 11 އަހަރުގެ ފިރިހެން ކުއްޖަކު މަރުވެފައި އެބައޮތްކަމަށެވެ. އަދި މަރުވި ކުއްޖާގެ 8 އަހަރުގެ އަންހެން ކޮއްކޮގެ އެއްފައި ބުރިކޮށްލަންޖެހިފައިވާކަމަށެވެ.

އެމެރިކާގެ ތާޢީދު ލިބެމުންދިޔަ ސީރިޔަން ޑިމޮކްރަޓިކް ފޯސަސް (އެސްޑީއެފް)އަށް އަމާޒުކޮށް އަސްކަރީ ޙަމަލާތައް ފަށާފައިވަނީ ސޫރިޔާގައި ތިބި އެމެރިކާގެ ސިފައިން އަނބުރާ ގެންދިއުމަށްފަހުއެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އެންގެވުމުގެ މަތިން އެ ޤައުމުން ސިފައިން ސޫރިޔާއިން ބާލާ ނިމުނުތަނާ ދެތިން ދުވަހުގެ ތެރޭގައި ތުރުކީވިލާތުންވަނީ ޙަމަލާތައް ފަށާފައެވެ.

ސީރިޔަން އޮބްޒަވޭޓްރީ ފޯ ހިޔުމަން ރައިޓްސުން ބުނެފައިވަނީ ތުރުކީގެ އަސްކަރީ ޙަރަކާތްތައް ފެށުނު ފަހުން މިހާތަނަށް ފަސްދޮޅަސް ހާސް މީހުން އެކި ތަންތަނަށް ޙިޖުރަކޮށް ގޮސްފައިވާކަމަށެވެ.

ތުރުކީގެ ޙަމަލާތަކުގެ ސަބަބުން ބައެއް ރަށްތައް ކަމުގައިވާ ރައްސުލް ޢައިންއާއި ދަރުބާސިޔާ ފަދަ އެތައް ރަށެއްވަނީ ފަޅުވެފައެވެ. ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބު އުރުދުޣާން އޭނާގެ އޭކޭ ޕާޓީގެ މެންބަރުންނާއި ބައްދަލުކުރައްވައި، ވިދާޅުވެފައިވަނީ ފާއިތުވީ ދެ ދުވަހުގެ ޙަމަލާތަކުގައި މިހާތަނަށް 109 ކުރުދީ ހަނގުރާމަވެރިން މަރާލާފައިވާކަމަށެވެ. ކުރުދީންގެ މަދަދުލިބޭ އެސްޑީއެފްގެ ފަރާތުން ބުނަމުންދަނީ ތުރުކީގެ ލަޝްކަރާއި ދެކޮޅަށް އެމީހުން ގެންދަނީ ވަރުގަދައަށް ހަނގުރާމަކުރަމުންކަމަށެވެ.