ކުޅިވަރު

އެންމެ މޮޅު ކުޅުންތެރިއަކީ ބްރެޒިލްގެ ރޮނާލްޑޯ: މޮރީނިއޯ


ދުނިޔޭގައި މިވަގުތު ތިބި އެންމެ މޮޅު 2 ކުޅުންތެރިންނަކީ ބާސެލޯނާގެ ލަޔޮނަލް މެސީ އާއި ޔުވެންޓްސްގެ ކްރިސްޓިއާނޯ ރޮނާލްޑޯ ނަމަވެސް ދުނިޔެ ދެކެފައިވާ އެންމެ މޮޅު ކުޅުންތެރިއަކީ ބްރެޒިލްގެ ރޮނާލްޑޯ ކަމަށް ތަޖުރިބާކާރު ކޯޗު ހޯސޭ މޮރީނިއޯ ބުނެފިއެވެ.

ޕޯޗުގަލްއަށް އުފަން ކޯޗު ބުނީ އޭނާގެ ޤައުމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އާއި އާޖެންޓީނާގެ ކެޕްޓަން މެސީ އަކީ އެންމެ ގިނަ ދުވަހު އެއް ފެންވަރެއްގައި ކުޅުނު 2 ކުޅުންތެރިން ކަމަށެވެ.

"އެކަމަކު އަހަރެން ހުނަރާއި ކުޅުމަށް ބަލާއިރު ރޮނާލްޑޯ ވަރުގެ މީހަކުނެތް. އަހަރެން އޭނާއާއެކު ބާސެލޯނާގައި މަސައްކަތް ކުރިން. ބޮބީ ރޮބްސަންގެ ކޯޗުކަމުގައި އަހަރެން މަސައްކަތްކުރިއިރު ރޮނާލްޑޯ ބާސެލޯނާ އަށް ގެނައީ އުމުރުން 19 އަހަރުގައި. އޭރު ވެސް ފާހަގަ ކުރެވުނު އޭނާ އަކީ ވަރަށް ތަފާތު ކުޅުންތެރިއެއްކަން،" މޮރީނިއޯ ބުންޏެވެ.

މެސީއާއި ކްރިސްޓިއާނޯ ރޮނާލްޑޯއާ ހިލާފަށް ބްރެޒިލްގެ ރޮނާލްޑޯ ވަނީ ވަރލްޑް ކަޕް 2 ފަހަރު ކާމިޔާބުކޮށްފައެވެ. ސްޕޭނުގެ ބާސެލޯނާ އާއި ރެއާލް މެޑްރިޑް އަދި އިޓަލީގެ އިންޓަމިލާނާއި އޭސީ މިލާނަށް ވެސް ކުޅުނު ރޮނާލްޑޯ ވަނީ ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު 3 ފަހަރު ހޯދައިފައެވެ. މިއީ 90 އާއި 2000 މެދަކާ ހަމައަށް ރެކޯޑެކެވެ.

ނަމަވެސް އޭގެ ފަހުން ވިދާލި ދެ ކުޅުންތެރިން ކަމަށްވާ މެސީ ވަނީ މޮޅު ކުޅުންތެރިޔާގެ މަޤާމު 6 ފަހަރު އަދި ރޮނާލްޑޯ ވަނީ 5 ފަހަރު މިއިނާމް ހޯދައިފައެވެ. މޮރީނިއޯ ބުނީ މޮޅު ކުޅުންތެރިންނަށް އޭނާ އަބަދުވެސް ލޯބިކުރާ ކަމަށާއި މެސީ އާއި ރޮނާލްޑޯ ކުރެ މޮޅީ ކާކުކަން ދެނެގަތުމަކީ އުނދަގޫ ކަމެއް ކަމަށެވެ. ސަބަބަކީ 2 ކުޅުންތެރިންގެ ސްޓައިލާއި ގާބިލްކަން ތަފާތުވުން ކަމަށެވެ.