ވިޔަފާރި

ދަތިކަމެއްނެތި މިހާރު ފިޔާ އެތެރެކުރެވޭނެ - ފޮރިން މިނިސްޓްރީ


ދިވެހި ވިޔަފާރިވެރިންނަށް އިންޑިއާއިން ރާއްޖެއަށް ދަތިކަމެއްނެތި މިހާރު ފިޔާ އެތެރެކުރެވޭނެ ކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވީ، އިންޑިއާއިން ދިވެހިރާއްޖެއަށް ފިޔާ އެތެރެކުރުމުގައި ދިވެހި ވިޔަފާރިވެރިންނަށް ކުރިމަތިވަމުންދިޔަ މައްސަލަތައް ހައްލުކޮށްފައިވާކަމަށެވެ. އަދި ރާއްޖެއަށް ލިބިފައިވާ ޙާއްސަ ހުއްދައެއްގެ ދަށުން ދަތިކަމެއްނެތި މިހާރު ފިޔާ އެތެރެކުރެވޭނެކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

އިންޑިއާއިން ފިޔާ އެކްސްޕޯޓުކުރުން ހުއްޓާލާފައިވަނީ އެޤައުމަށް ކުރި ވިއްސާރައިގައި ދަނޑުތަކަށް ލިބުނު ގެއްލުންތަކާ ގުޅިގެން، ފިޔާ ނުލިބެން ފެށުމުންނެވެ. އެއާއެކު އެޤައުމުން ފިޔާ އެކްސްޕޯޓްކުރަމުންދިޔަ ހުރިހާ ޤައުމަކަށް ފިޔާ އެކްސްޕޯޓުކުރުން ވަނީ ހުއްޓާލާފައެވެ. މިކަމުގެ ސަބަބުން ރާއްޖެއަށްވެސް ފިޔާ ލިބުންދަތިވެ، ރާއްޖޭގެ ބާޒާރުގައި ފިޔާ ކިލޯއެއްގެ އަގު 50 ރުފިޔާއަށް ވުރެ މައްޗަށް މިހާރު ވަނީ އުފުލިފައެވެ. އަދި ފިހާރަތަކުން ފިޔާ ބަސްތާއެއް ވިއްކަމުންދަނީ 800 ރުފިޔާއާއި 1000 ރުފިޔާއާ ދެމެދުގެ އަގެއްގައެވެ.

ވިޔަފާރިވެރިން ބުނާގޮތުން ރާއްޖޭގައި ފިޔާ އަގުބޮޑުވެގެން އުޅެނީ އިންޑިއާއިން ފިޔާ އެކްސްޕޯޓުކުރަމުންދާ 'ޓުޓިކޮރިން' ބަނދަރުން ފިޔާ އެކްސްޕޯޓު ނުކުރެވުމުގެ ސަބަބުންނެވެ. އިންޑިއާއިން ފިޔާ އެކްސްޕޯޓުކުރުން ހުއްޓާލުމާއެކު، ރާއްޖެއަށް އެންމެ ގިނައިން މުދާ ބޭރުކުރާ ޓުޓިކޮރިން ބަނދަރުން އެއްވެސް ޤައުމަކަށް ފިޔާ ބޭރުކުރުން އޮތީ މަނާކޮށްފައިކަމަށް ރާއްޖެއަށް ފިޔާ އެތެރެކުރާ ވިޔަފާރިވެރިން ބުނެއެވެ. އެހެންކަމުން އިންޑިއާއިން ރާއްޖެއަށް ޚާއްސަ ކޯޓާއެއް ދީފައިވީ ނަމަވެސް އެ ބަނދަރުން ބޯޓުފަހަރުތަކަށް ފިޔާ ބަރެއް ނުކުރެވޭކަމަށް ވިޔަފާރިވެރިން ބުނެއެވެ. އަދި އިންޑިއާގެ އެހެން ބަނދަރުތަކުން ފިޔާ ބޭރުކުރުމަށް ބައެއް ވިޔަފާރިވެރިން މިހާރު މަސައްކަތްކުރަމުންދާކަމަށް މަޢުލޫމާތު ލިބެއެވެ.

އިންޑިއާއިން ރާއްޖެއަށް ފިޔާ އެތެރެކުރުމުގައި ކުރިމަތިވަމުންދިޔަ ދަތިތައް ހައްލުކުރުމާއެކު، ކުރިއަށްއޮތް ދުވަސްތަކުގައި ރާއްޖޭގެ ބާޒާރުގައި ފިޔާގެ އަގު ތިރިވެގެންދާނެކަމަށް ބެލެވެއެވެ.