ޚަބަރު

ދީނަށް ފުރައްސާރަކުރި، އެމްޑީއެން ސަސްޕެންޑްކޮށްފި


މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް ޖަމިއްޔާ ސަސްޕެންޑްކޮށް، ޖަމިއްޔާގެ މަސައްކަތްތައް ހުއްޓާލުމަށް މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް، އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން އެޖަމްޢިއްޔާއަށް އަންގައިފިއެވެ.

މިކަމާގުޅޭގޮތުން ޔޫތު މިނިސްޓްރީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ޖަމްޢިއްޔާ ސަސްޕެންޑްކޮށް މަސައްކަތްތައް ހުއްޓާލުމަށް އަންގާފައިވަނީ އެޖަމްޢިއްޔާއިން ލިޔެ ޝާއިޢުކޮށްފައިވާ "ޕްރެލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން މޯލްޑިވްސް" ރިޕޯޓްގައި އިސްލާމްދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށްފައިވާތީ އެމައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހަޅާފައިވާ މައްސަލަ، އެ އިދާރާއިން ތަޙްގީގުކުރަމުންދާތީކަމަށެވެ.

ޖަމްޢިއްޔާގެ މަސައްކަތްތައް ހުއްޓާލުމަށް އެންގީ ޔޫތު މިނިސްޓްރީގެ ޖަމްޢިއްޔާތަކާބެހޭ ރަޖިސްޓްރާއަށް ލިބިފައިވާ އިޚްތިޔާރުގެ ދަށުންނެވެ. އެމްޑީއެންގެ ރިޕޯޓުގައި ދީނާއި ރަސޫލާއަށް ފުރައްސާރަކޮށް ހިމަނާފައިވާ ވާހަކަތަކާއި ގުޅިގެން، އެ މައްސަލަ ބަލައި އެކަމުގައި ޝާމިލުވާ މީހުންނާއި މެދު ފިޔަވަޅުއަޅުއްވާނެކަމަށް ރަޢީސުލް ޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙްވެސް ވަނީ ވިދާޅުވެފައެވެ. އަދި އިސްލާމިކް މިނިސްޓްރީއާއި، ދީނީ އިލްމުވެރިންނާއި، އާއްމުންވެސް ދަނީ މިކަމާއި ނުރުހުން ފާޅުކޮށް، ކަމާއި ގުޅޭ އިދާރާތަކުން މި މައްސަލަ ތަޙްގީޤު ކުރުމަށް ގޮވާލަމުންނެވެ.