ޚަބަރު

"އަރކިޓެކްޓްސް އެސޯސިއޭޝަން މޯލްޑިވްސް"ގެ ނަމުގައި ޖަމިއްޔާ އުފައްދައިފި


އަރކިޓެކްޓުންގެ މަސައްކަތްތައް ހަރުދަނާކުރުމަށް މަސައްކަތް ކުރުމަށް "އަރކިޓެކްޓްސް އެސޯސިއޭޝަން މޯލްޑިވްސް"ގެ ނަމުގައި ޖަމްޢިއްޔާއެއް އުފައްދައިފިއެވެ.

އާކިޓެކްޗަރުންގެ ޖަމްޢިއްޔާ "އަރކިޓެކްޓްސް އެސޯސިއޭޝަން މޯލްޑިވްސް"އަކީ ޕްލޭނިންގ މިނިސްޓްރީގެ ދަށުގައި ރެޖިސްޓްރީވެގެން އުފެއްދި އަރކިޓެކްޗަރުންގެ މިފަދަ ފުރަތަމަ ޖަމިއްޔާއެވެ. މިޖަމްޢިއްޔާ ޕްލޭނިންގ މިނިސްޓްރީގެ ދަށުގައި ރެޖިސްޓްރީކޮށް، ރަސްމީކޮށް މަސައްކަތްތައް ފަށާފައިވަނީ މިމަހުގެ 7ވަނަ ދުވަހުއެވެ. ޖަމިއްޔާގައި 5 އެކްސްކޯ މެންބަރުން ހިމެނެއެވެ.

"އަރކިޓެކްޓްސް އެސޯސިއޭޝަން މޯލްޑިވްސް"ގެ ރައީސްއަކީ އަރކިޓެކްޗަރ ކޮންސަލްޓަންޓެއްގެ ގޮތުގައި ދިގު މުއްދަތަކަށް މަސައްކަތްކުރައްވާފައިވާ މުޙައްމަދު މަޢުރޫފް ޖަމީލެވެ. ޖަމްޢިއްޔާއާއި ގުޅޭ މަޢުލޫމާތު ދެއްވަމުން ޖަމްޢިއްޔާގެ ރައީސް މަޢުރޫފް ޖަމީލް ވިދާޅުވީ ޖަމްޢިއްޔާއާއިއެކު އަރކިޓެކްޗަރުންގެ މަސައްކަތް ހަރުދަނާކޮށް، އެމީހުންގެ ދައުރު ކޮންސްޓްރަކްޝަން ދާއިރާއިގާއި ފުޅާކުރުމަށް މަސައްކަތް ކުރައްވާނެކަމަށެވެ.

"މިހާރު ޖަމިއްޔާއިން މި މަސައްކަތް ފެށީ ރެގިއުލޭޓަރީ ބޮޑީކަމަށްވާ ޕްލޭނިންގ މިނިސްޓްރީއިން ބަލައިގަންނަ ޖަމިއްޔާއެއްގެ ގޮތުގަ. ރާއްޖޭގައި 160އެއްހާ އަރކިޓެކްޗަރުން އުޅެމުން އަންނަ އިރު، މީގެތެރެއިން 133 އަރކިޓެކްޗަރުން މިހާރު ވަނީ ޖަމިއްޔާގައި ރެޖިސްޓްރީވެފައި" މައުރޫފް ޖަމީލް ވިދާޅުވިއެވެ.

މައުރޫފް ޖަމީލް ވިދާޅުވީ ޖަމްޢިއްޔާގެ މަސައްކަތައް މުޅި މި އިންޑަސްޓްރީއަށް ފައިދާވާ މަސައްކަތަކަށް ހަދާނެކަމަށެވެ. ޚާއްސަކޮށް އަރކިޓެކްޗަރުންގެ މަސައްކަތް ހަރުދަނާކޮށް، ފެންވަރު ރަނގަޅު މަސައްކަތްތަކެއް ކުރުމަށް އެންމެން އެކުގައި ގުޅިގެން މަސައްކަތް ކުރައްވާނެކަމަށެވެ.

"މިއީ ވަރަށް ޕްރޮފެޝަނަލްކޮށް މަސައްކަތް ކުރަންޖެހޭ ދާއިރާއެއް. އެކަން ވަރަށް ބޮޑަށް ދަމަހައްޓާނަން. އަދި ހޭލުންތެރިކަން އިތުރުކުރުމާއި، މަޝްވަރާ ކުރުމަށް ޓޯކް ޝޯތައް ބޭއްވުމާއި، ދާއިރާއިން ކިޔަވާ ކުދިންނަށް އެހީ ވުމާއި، އަދި މި ހިނގާ އެކިއެކި ނުރައްކާތެރި ޙާދިސާތައް ކުޑަކުރުމަށް ޖަމިއްޔާއިން ވަރަށް ބޮޑަށް މަސައްކަތް ކުރާނަން." މައުރޫފް ޖަމީލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އިމާރާތްކުރުމުގެ ދާއިރާ ހަރުދަނާ ކުރުމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ކުރާ މަސައްކަތްތަކުގައިވެސް އެކުގައި މަސައްކަތް ކުރައްވާނެކަމަށެވެ. އެގޮތުން މަސައްކަތުގެ ފެންވަރު ރަނގަޅުކުރުމަށް ދިރާސީ މަސައްކަތްތައްވެސް ކުރާނެކަމަށް އޭނާ ވިދާޅުވިއެވެ. މި ޖަމިއްޔާގެ ޢަމާޒަކީ ބައިނަލްއަޤްވާމީ އަރކިޓެކްޗަރުންގެ ޔުނިއަންގެ މަސައްކަތްތަކުގައިވެސް ރާއްޖެއިން ބައިވެރިވުމެވެެ.

"އަރކިޓެކްޗަރ އެސޯސިއޭޝަން މޯލްޑިވްސް"ގައި ބައިވެރިވުމުގެ ފުރުސަތު އަބަދުވެސް ހުޅުވާލާފައި އޮންނާނެކަމަށް އެ ޖަމްޢިއްޔާއިން ބުނެއެވެ.