ވިޔަފާރި

ޖަގްލިންގެ ރެކޯޑެއް ޤާއިމްކުރުން މާދަމާ ސަލްޓަން ޕާކުގައި


ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރުކުރުމަށް ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން ޖަގްލިންގެ ވޯލްޑް ރެކޯޑެއް ޤާއިމްކުރުމުގެ ހަރަކާތް މާދަމާ ސަލްޓަން ޕާކުގައި ބޭއްވުމަށް އެމްއެމްޕީއާރްސީން ތައްޔާރުވެއްޖެއެވެ.

ޖަގްލިންގެ ރެކޯޑް ހެދުމުގެ މަސައްކަތްކުރާނީ މިދިޔަ ހުކުރުދުވަހު އައްޑޫ ސިޓީގައި ވެސް ޖަގްލިންގެ ރެކޯޑް ޤާއިމްކުރި ދުނިޔޭގައި ޖަގަލްކުރަމުން މެރަތަން ނިންމުމުގެ ރެކޯޑް އޮތް "މިކަލް ކެޕްރަލް"އެވެ.

އައްޑޫ ސިޓީގައި ކުރިޔަށްގެންދިޔަ ދުވުމުގެ ހަރަކާތުގައި އޭނާ ވަނީ ހަތަރު ބޯޅައިން ޖަގަލްކުރަމުން 10 ކިލޯމީޓަރުގެ މެރެތަންއެއް ނިންމުމުގެ ރެކޯޑް ޤާއިމްކޮށްފައެވެ. މާދާމާ ސަލްޓަން ޕާކުގައި ކުރިޔަށްގެންދާ ހަރަކާތުގައި އޭނާ މަސައްކަތްކުރާނީ 3 ބޯޅައިން ޖަގަލްކުރަމުން އެންމެ ގިނަ ސިޑިއަށް އެރުމުގެ ރެކޯޑް ޤާއިމްކުރާށެވެ.

އެމްއެމްޕީއާރުސީން ބުނީ މިފަދަ ހަރަކާތެއް ބޭއްވުމުގެ އެންމެ ބޮޑު މަޤްޞަދަކީ މައިސް ޓޫރިޒަމް ރާއްޖޭގައި އިޝްތިޙާރުކުރުން ކަމަށެވެ. މައިސް ޓޫރިޒަމްއަކީ ތަފާތު އެކި ހަރަކާތްތަކާއި ބައްދަލުވުންތަކާއި ކޮންވެންޝަންތައް ބޭއްވުމުގެ ތެރެއިން ޤައުމުތައް އިޝްތިހާރުކުރުމެވެ.

އެމްއެމްޕީއާރުސީން ބުނީ މައިސް ޓޫރިޒަމްގެ ތެރެއިން ކޮންމެ އަހަރަކު އެތައް ސަތޭކަ މިލިއަން ޑޮލަރެއްގެ އާމްދަނީއެއް އެކި ޤައުމުތަކުން ހޯދަމުންދާކަމަށާއި، އަމާޒަކީ ރާއްޖެއަށް ވެސް މި ދާއިރާއިން އާމްދަނީ ހޯދުންކަމަށެވެ.

ރާއްޖޭގައި މިހާތަނަށް ފަތުރުވެރިކަން އިޝްތިހާރުކުރަމުންދިޔަ ގޮތް ބަދަލުކޮށް، ތަފާތު އެކި ވައްތަރުގެ ޓުއަރިޒަމް މެދުވެރިކޮށް ރާއްޖެ އިޝްތިހާރުކުރުމަށް އެމްއެމްޕީއާރުސީން ދަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން މައިސް ޓުއަރިޒަމް، ސްޕޯޓްސް ޓުއަރިޒަމް އަދި ކަލްޗަރަލް ޓުއަރިޒަމް އިޝްތިހާރުކުރުމަށް އެމްއެމްޕީއާރުސީން ދަނީ ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.