ކުޅިވަރު

ޤައުމީ ވޮލީ ޓީމަށް ސަރބިޔާގެ ކޯޗެއް


ޤައުމީ ވޮލީ ޓީމަށް ސަރބިޔާގެ ތަޖުރިބާކާރު ކޯޗަކާއި ޓެރެއިނަރެއް ހަމަޖައްސައިފިއެވެ.

ޤައުމީ ވޮލީބޯލް ޓީމަށް ކޯޗެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ސަރބިޔާއަށް އުފަން މިލޮރަދް ކިޖާކްއެވެ. ކިޖާކްވަނީ އެ ޤައުމުގައި ވޮލީގެ ގިނަ ތަޖުރިބާތަކެއް ކޮށްފައެވެ. ކުރިން ޔޫގޮސްލާވިޔާނަމުގައ އޮތްއިރު ކިޖާކްވަނީ ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން 1995ވަނަ އަހަރު އެންމެ ކާމިޔާބު ކޯޗުގެ މަޤާމު ހޯދުމާއި އަދި 1996ވަނަ އަހަރު ޖަޕާނުގައި ބޭއްވި ވަރލްޑް ކަޕްގައި ސަރބިޔާ ތިންވަނަ މަޤާމް ހޯދިއިރު އެ ޓީމުގެ ކޯޗަކަށް ހުރީ ކިޖާކްއެވެ. ޔޫގޮސްލާވިޔާގެ ޤައުމީ ޓީމާއި ކުލަބްތަކާއެކު ކާމިޔާބު ދުވަސްތަކެއް ހޭދަކުރުމަށްފަހު ކިޖާކް ބަލްގޭރިޔާގެ ޤައުމީ ޓީމާއެކު 2002ވަނަ އަހަރުން ފެށިގެން އެއް އަހަރު ދުވަސް ހޭދަކޮށްފައިވެއެވެ.

އެންމެ ފަހުން އޭނާ ޤައުމީ ޓީމަކަށް ކޯޗުކޮށްދިނީ 2006ވަނަ އަހަރު ޖަޕާނުގައި އޮތް ވަރލްޑް ޗެމްޕިއަންޝިޕްގައި އީރާނުގެ ޤައުމީ ޓީމަށެވެ. ކިޖާކް ވޭތުވެދިޔަ 12އަހަރު ހޭދަކޮށްފައިވަނީ ތަފާތު އެކި ޤައުމުތަކުގެ ކުލަބުތަކަށް ކޯޗުކޮށްދިނުމަށެވެ. އޭގެތެރޭގައި ޔޫރަޕުގެ ބައެއް ޤައުމުތަކާއި އޭޝިއާގެ ބައެއް ޤައުމުތައް ހިމެނެއެވެ. އައު ކޯޗާއެކު ޓީމްގެ ތަމްރީންތަކަށް ޚާއްސަ ފިޒިކަލް ޓެރެއިނަރެއްވެސްވަނީ ހަމަޖައްސާފައެވެ. ޓްރެއިނަރަކަށް ހަމަޖައްސާފައިވަނީ ސަރބިޔާގެ ކިޖާކް ރަދޮވަންއެވެ.

ރަދޮވަންވަނީ ސަރބިޔާގެ ގިނަ ޒުވާން ކުޅުންތެރިންތަކެއް ތަމްރީންކުރުމުގައި އިސްދައުރެއް އަދާކޮށްފައެވެ. އެގޮތުން އޭނާވަނީ 2008ވަނަ އަހަރުން ފެށުގެން 2015ވަނަ އަހަރާ ހަމަޔަށް އެ ޤައުމުގެ އެކި އުމުރުފުރާގެ ކުލަބު ޖޫނިޔަރ ޓީމްތަކުގެ އެސިސްޓަންޓް ކޯޗުކަމުގެ އިތުރުން ކޯޗެއްގެ ގޮތުގައިވެސް މަސައްކަތްކޮށްފައެވެ. ވޭތުވެދިޔަ 3 އަހަރު އޭނާ މަސައްކަތް ކޮށްފައިވަނީ ސަރބިޔާގެ ދެވަނަ ޑިވިޝަންގެ ކުލަބަކާއެކުއެވެ. އައު ކޯޗާއެކު ދިވެހި ޤައުމީ ވޮލީޓީމު ކުރާ ފުރަތަމަ ތަޖުރިބާއަށް ވެގެންދާނީ ޑިސެންބަރު މަހު ނޭޕާލްގައި އޮންނަ ސައުތު އޭޝިއަން ގޭމްސްއެވެ.