ޚަބަރު

ތަޢުލީމު ފޯރުކޮށްދިނުމުގައި މިންތީގެ ތަފާތުކުރުން ނައްތާލަންޖެހޭ - މިނިސްޓަރ ޝާހިދު


ތަޢުލީމީ ދާއިރާއަކީ ޤައުމުގެ ތަރައްޤީގެ މައި ނާރެސްކަމުގައިވާއިރު، މި ޚިދުމަތް ފޯރުކޮށްދިނުމުގައި މިންތީގެ ތަފާތުކުރުން މިހާރުން މިހާރަށް ނައްތާލަންޖެހޭކަމަށް ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ކްރޮސްރޯޑްސް މޯލްޑިވްސްގައި ކުރިއަށްދާ ސާރކް ޤައުމުތަކުގެ އެޑިއުކޭޝަން މިނިސްޓަރުންނާއި ހަޔަރ އެޑިއުކޭޝަން މިނިސްޓަރުންގެ 3 ވަނަ ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވަނީ ރާއްޖެއިންނާއި ސާކް ޤައުމުތަކުން ވޭތުބވެ ދިޔަ 20 އަހަރުދުވަހުގެ ތެރޭ ތަޢުލީމީ ދާއިރާއިން ހޯދާފައިވާ ކާމިޔާބީތަށް ފާހަގަކުރައްވާފައެވެ. އެގޮތުން ޕްރައިމަރީ ތަޢުލީމުން ފެށިގެން ޓަރޝަރީ ތަޢުލީމާއި ހަމައަށް ރާއްޖެއިން ހޯދާފައިވާ ކާމިޔާބީ މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ޝާހިދުގެ ވާހަކަފުޅުގައި ވަނީ ތަޢުލީމީ ދާއިރާގައި އިތުރަށް ކުރަންހުރި މަސައްކަތްތަކަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ތަޢުލީމީ ދާއިރާއަކީ ޤައުމުގެ ތަރައްޤީގެ މައި ނާރެސްކަމަށްވާއިރު، އެ ޚިދުމަތް ފޯރުކޮށްދިނުމުގައި މިންތީގެ ތަފާތުކުރުން ނައްތާލަންޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިކަން ޙާސިލުކުރުމައްޓަކައި ސާކް ޤައުމުތަކުން އަތުގުޅާލުން މުހިންމުކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

"މި ސަރަހައްދުން ތަޢުލީމީ ދާއިރާގައި ވަނީ ބޮޑެތި ކާމިޔާބީތަކެއް ހޯދާފައި. އެހެންނަމަވެސް، އަދިވެސް ގިނަ ކަންކަން ހާސިލުކުރަން އެބަހުރި. އެގޮތުން ތަޢުލީމީ ދާއިރާއަކީ ޤައުމުގެ ތަރައްޤީގެ މައި ނާރެސްކަމުގައިވާއިރު، މި ޚިދުމަތް ފޯރުކޮށްދިނުމުގައި މިންތީގެ ތަފާތުކުރުން ނައްތާލުންޖެހޭ." ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވިއެވެ.

3 ވަނަ ސާރކް ގައުމުތަކުގެ އެޑިއުކޭޝަން މިނިސްޓަރުންނާއި ހަޔަރ އެޑިއުކޭޝަން މިނިސްޓަރުންގެ ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ސާކުގެ ސެކެޓްރީ ޖެނެރަލް އަމްޖަދް ޙުސައިން ވަނީ މިފަދަ ބައްދަލުވުމެއް ރާއްޖޭގައި ބޭއްވުމަކީ ރާއްޖެއިން ތަޢުލީމީ ދާއިރާއިން ހޯދާފައިވާ ކާމިޔާބީ ހާމަކޮށްދޭކަމެއްކަމަށް ވިދާޅުވެފައެވެ. އެގޮތުން މި ޞަރަޙައްދުގައި ރާއްޖެއަކީ މިދާއިރާ ލީޑް ރޯލެއް އަދާކުރާ ޤައުމަކަށް ވެފައިވާކަން ސާކްގެ ސެކެޓްރީ ޖެނެރަލް ފާހަގަކުރެއްވިއެވެ.

" މިފަދަ ބައްދަލުވުމެއް ރާއްޖޭގައި ބޭއްވުމަކީ ރާއްޖެއިން ތަޢުލީމީ ދާއިރާއިން ހޯދާފައިވާ ކާމިޔާބީ ހާމަކޮށްދޭކަމެއް. ރާއްޖެއަކީ މި ސަރަހައްދުގެ ލީޑަރެއް." ސާކްގެ ސެކެޓްރީ ޖެނެރަލް އަމްޖަދު ޙުސައިން ވިދާޅުވިއެވެ.

ސާރކް ޤައުމުތަކުގެ އެޑިއުކޭޝަން މިނިސްޓަރުންނާއި ހަޔަރ އެޑިއުކޭޝަން މިނިސްޓަރުންގެ ބައްދަލުވުން ރާއްޖޭގައި ބާއްވާފައިވާއިރު، މި ބައްދަލުވުމުގައި ރާއްޖެ ހިމެނޭހެން ސާކްގެ 8 ޤައުމުން ވަނީ ބައިވެރިވެފައެވެ. އެގޮތުން އިންޑިއާ، ޕާކިސްތާން، އަފްޣާނިސްތާން، ބަނގްލަދޭޝް، ނޭޕާލް، ބޫޓާން އަދި ސްރިލަންކާގެ އެޑިއުކޭޝަން މިނިސްޓަރުން ވަނީ މި ބައްދަލުވުމުގައި ބައިވެރިވެފައެވެ.