ޚަބަރު

ނަފްސާނީ ދުޅަހެޔޮކަމާއި ގުޅޭ ކޭމްޕެއް އައްޑޫގައި ފަށައިފި


ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮ ކަމުގެ ދުވަހާއި ގުޅުވައިގެން އައްޑޫގައި ނަފްސާނީ ދުޅަހެޔޮ ކަމުގެ ކޭމްޕެއް ފަށައިފިއެވެ.

ސަންރައިޒް ކޮރޯނާ އިންޓަނޭޝަނަލް އާއި މިޕްސްޓާރ ގުޅިގެން އައްޑޫގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ، މިމަހުގެ 10 އިން 14 އަށެވެ. މިކޭމްޕު ފެށުމަށް އައްޑޫސިޓީ ގަމުގެ އީކުއޭޓަރ ވިލެޖުގެ ބްލޫ ލެގޫން ހޯލުގައި ބޭއްވި ރަސްމީއްޔާތު ޝަރަފުވެރިކޮއްދެއްވީ، އެންވައިރަންެންޓް މިނިސްޓަރ ޑރ. ހުސެއިން ރަޝީދު ޙަސަން އެވެ. މިފަދަ ކޭމްޕެއް އައްޑޫގައި ހިންގުމުގެ ބޭނުމަކީ، ނަފްސާނީ ބަލިތަކަށް ސީދާ ފަރުވާ ދެވޭނެ އެންމެ ފުރިހަމަ ވަސީލަތްތަށް އައްޑޫގައި ޤާއިމު ކުރެވިފައި ނެތް އިރު މިފަދަ ބަލިތަކަށް ފަރުވާ ހޯދުމުގެ ފުރުސަތު ހޯދައިދީ، ތަހުލީލު ކޮށް އަދި ނަފްސާނީ ބަލިތަކާއި ބެހޭ ގޮތުން ރައްޔިތުން ހޭލުން ތެރިކުރުން ކަމަށް ސަންރައިޒް ކޮރޯނާ އިންޓަނޭޝަނަލް އިން ބުނެއެވެ.

މިރަސްމީއްޔާތުގައި ވާހަކަ ދައްކަވަމުން އެންވައިރޮމެންޓް މިނިސްޓަރ ޑރ. ހުސެއިން ރަޝީދު ޙަސަން ވިދާޅުވީ، ނަފްސާނީ ދުޅަހެޔޮކަމަށް ދިރިއުޅޭ ވެށީގެ އުފާވެރިކަން ވަރަށް މުހިންމު ކަމަށެވެ. އަދި، ވެއްޓަކީ ހަމައެކަނި ރުއްގަސް އެކަނި ނޫން ކަމާށާއި، ތިމާ އުޅޭ މާޙައުލުގައި ދިރިއުޅުމުގެ ކޮންމެ މަރުހަލާއެއްގައި އުފާވެރިކަން ހޯދަން ޖެހޭ ކަމަށެވެ. އަދި ތިމާގެ ނަފްސާނީ ދުޅަހެޔޮކަމަށްޓަކައި، ވަށައިގެންވާ ވެށިން އުފާވެރިކަން ހޯދުމަށް މިނިސްޓަރ ވަނީ އިލްތިމާސް ކުރައްވާފައެވެ.

ސަންރައިޒް ކޮރޯނާ އިންޓަނޭޝަނަލް އިން ވިދާޅުވީ، މިއީ އައްޑޫގައި ބާއްވާ މިފަދަ ފުރަތަމަ ކޭމްޕް ކަމަށެވެ. އެކުންފުނީގެ މެނޭޖިން ޑީރެކްޓަރ މުޙައްމަދު މިރްޒާގު ރަސްމީއްޔާތުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ، މިފަދަ ކޭމްޕެއްގެ ސަބަބުން ބޮޑެތި ޙަރަދު ކޮއްފައި ބޭރަށް ދިއުމުގެ ބަދަލުގައި ރަށުގެ ތިބެގެން ފަރުވާ ހޯދަން ފަސޭހަ ވެގެން ދާނެ ކަމަށެވެ. އަދި ކުރިއަށް ދެކުނު ސަރަހައްދުގައި މިފަދަ ހަރަކާތް އިންތިޒާމު ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮ ކަމުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އައްޑޫސިޓީ ގައި ބާއްވާ މިކޭމްޕުގައި އައްޑޫގެ ސްކޫލުގެ ތަކުގެ ބެލެނިވެރިންނަށާއި، މުދައްރިސުންނަށާއި އަދި ދަރިވަރުންނަށް ހޭލުންތެރި ކަމުގެ ސެޝަންތަކެއް ނަގައި ދިނުމަށް ވަނީ ހަމަޖެހިފައެވެ. ކޭމްޕް ފެށުމުގެ ރަސްމީއްޔާތަށް ފަހު ޑރ. އައިޝަތު އަލީ ނާޒް ވަނީ ނަފްސާނީ ބަލިތަކާއި ބެހޭ ސެޝަނެއް ރަސްމީއްޔާތުގެ ބައިވެރިންނަށް ކުރިއަށް ގެންގޮސްފައެވެ. މިމަހުގެ 10 އިން 12 އަށް ނޫރާނީ ސްކޫލުގައި ޑޮކްޓަރަށް ދެއްކުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ވެސް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ޝަންގްރިއްލާ ރިސޯޓު މުވައްޒަފުންނަށް ވެސް ހޭލުންތެރިކަމުގު ސެޝަނެއް ކުރިއަށް ގެންދާނެއެވެ.

ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮ ކަމުގެ ދުވަހަކީ 10 އޮކްޓޯބަރއެވެ. މިއަހަރު މިދުވަހާއި ގުޅިގެން މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ އަމިއްލައަށް މަރުވުމާއި ދެކޮޅަށް މަސައްކަތް ކުރުމަށް ނުވަތަ ސުއިސައިޑް ޕްރިވެންޝަން އަށެވެ.