ވިޔަފާރި

އިމްޕޯޓް އެކްސްޕޯޓުން ދައުލަތަށް ލިބުނު އާމްދަނީ އިތުރުވެއްޖެ


މިދިޔަ ސެޕްޓެމްބަރުމަހު ކަސްޓަމްސް މެދުވެރިކޮށް ދައުލަތަށް ލިބުނު އާމްދަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހާ އަޅާބަލާއިރު އިތުރުވެފައިވާކަމަށް ކަސްޓަމްސްއިން ބުނެފިއެވެ.

ކަސްޓަމްސްއިން އާއްމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހު ރާއްޖެ އެތެރެކުރީ 3.7 ބިލިއަން ރުފިޔާގެ މުދަލެވެ. ނަމަވެސް މިއަހަރުގެ ސެޕްޓެމްބަރު ރާއްޖެއަށް ވަނީ 3.8 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައެވެ.

އިމްޕޯޓްކުރެވުނު މުދާ އިތުރުވިއިރު، އެކްސްޕޯޓްކުރި މުދާވެސް ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހާ އަޅާބަލާއިރު މިއަހަރުގެ ސެޕްޓެމްބަރުމަހު އިތުރުވެފައެވެ. އެގޮތުން މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހު 136 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓްކޮށްފައިވާއިރު، މިއަހަރުގެ ސެޕްޓެމްބަރުމަހު ވަނީ 166 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓްކޮށްފައެވެ.

އިމްޕޯޓްކުރެވުނު މުދަލާއި އެކްސްޕޯޓް ކުރެވުނު މުދާ އިތުރުވިއިރު، އޭގެއިން ދައުލަތަށް ލިބުނު އާމްދަނީވެސް ވަނީ އިތުރުވެފައެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހު އިމްޕޯޓް އެކްސްޕޯޓުން ދައުލަތަށް 262 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއަހަރުގެ އެ މުއްދަތުގެ ތެރޭގައި ދައުލަތަށް ވަނީ 286 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައެވެ. މިއީ 9 އިންސައްތައިގެ ކުރިއެރުމެކެވެ.

މިދިޔަ ސެޕްޓެމްބަރުމަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އިމްޕޯޓްކުރި ޤައުމުތަކަށް ބަލާއިރު، އެންމެ ގިނައިން މުދާ އެތެރެކުރީ ޔޫއޭއީންނެވެ. އެޤައުމުން 720 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވެއެވެ. އެއީ ޖުމްލަ އިމްޕޯޓުގެ 19 އިންސައްތައެވެ. ޗައިނާއިން 703 މިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވާއިރު، އިންޑިއާއިން 370 މިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވެއެވެ.

އެންމެ ގިނައިން މުދާ އެކްސްޕޯޓްކޮށްފައި ވަނީ ތައިލެންޑަަށެވެ. އެޤައުމަށް 77 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓްކޮށްފައިވާއިރު، އެއީ ޖުމްލަ އެކްސްޕޯޓުގެ 47 އިންސައްތައެވެ. ފްރާންސަށް 13 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓްކޮށްފައިވާއިރު، އިނގިރޭސިވިލާތަށް 10 މިލިއަން ރުފިޔާގެ މުދާ އަދި ޖަރުމަންވިލާތަށްވެސް 10 މިލިއަން ރުފިޔާގެ މުދާ ވަނީ އެކްސްޕޯޓްކޮށްފައެވެ.