ޚަބަރު

ފްލެޓަށް އެދުނު މީހުގެ ތެރެއިން 5000 މީހުންގެ ފޯމް ޗެކް ކުރެވިފަ


ސަރުކާރުގެ ގެދޮރުވެރިކުރުމުގެ ޕްރޮގްރާމްގެ ދަށުން ފޯމް ހުށަހަޅާފައިވާ މީހުންގެ ތެރެއިން ފަސްހާސް މީހުންގެ ފޯމް ޗެކްކޮށް ނިމިފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.ސަރުކާރުން ފަށާފައިވާ ގެދޮރުވެރިކަމުގެ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އަޅާ ފްލެޓްތަކަށް ފޯމު ހުށަހެޅުމުގެ މުއްދަތު ހަމަވި އިރު، 15650 މީހުން ފޯމް ހުށަހަޅާފައިވެއެވެ.ހައުސިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ހަސަން ރަޝީދު ވިދާޅުވީ ، މަދު ދުވަސްތަކެއްގެ ތެރޭގައި ފޯމްތައް ޗެކްކޮށް ނިމިގެން ދާނެކަމަށެވެ.ފްލެޓަށް ކުރިމަތިލީ މީހުންނަށް ފްލެޓް ދިނުމުގެ ކުރިން، ދިރިއުޅުމުގެ ހާލަތު ވަޒަންކުރަން މިއަންނަ މަހުގެ ތެރޭގައި ގޭގެއަށް ޒިޔާރަތްކުރުމަށް ވަނީ ހަމަޖެހިފައެވެ. ގޭގެއަށް ޒިޔާކުރުމުގެ ބޭނުމަކީ ފޯމްގައި ދީފައިވާ މައުލޫމާތަކީ ތެދު މައުލޫމާތުތޯ ބެލުމާއި ފްލެޓްތައް އެންމެ ހައްޤު ފަރާތްތަކަށް ދިނުމަށްޓަކައި ދިިރިއުޅުމުގެ ޙާލަތު ވަޒަންކުރުމެވެ.މީގެ އިތުރުން ކެޓަގަރީ އޭ ގެ ދަށުން ހުޅުމާލެއިން ގޯތި ލިބިފައިވާ ފަރާތްތަކުން މިހާރުވަނީ އެގްރިމެންޓްގައި ސޮއިކޮށްފައެވެ. އަދި ސޮއިނުކުރާ ދެތިން ފަރާތްތަކަށްވެސް މިހާރު އަލުން ފުރުޞަތު ދީ އެގްރިމެންޓްގައި ސޮއިކޮށްފައިކަމަށްވެސް ހައުސިންގ މިނިސްޓްރީން މައުލޫމާތުދެއެވެ.މާލޭގެ ދަފުތަރުގައްޔާއި ރަޖިސްޓްރީގައި ތިބި މީހުންނަށް ޚާއްސަކޮށްފައިވާ ފުރަތަމަ ކެޓަގަރީ އަށް އަޅަނީ 440 ފްލެޓެވެ. މާލޭގައި ގިނަ ދުވަހު ދިރިއުޅެމުން އަންނަ ރަށްރަށުގެ ރަށްވެހިންނަށް ހާއްސަ ދެ ވަނަ ކެޓަގަރީ އަށް 330 ފްލެޓް ހަދާ އިރު މާލޭގައި އަމިއްލަ ބިމެއް އޮތް ނަމަވެސް ބިމުގެ ދަތިކަމުގެ ސަބަބުން އެ ބިންކޮޅު ދައުލަތަށް ދޭން އެއްބަސްވާ ފަރާތްތަކަށް ހާއްސަ ތިން ވަނަ ކެޓަގަރީ އަށް 330 ފްލެޓް އިމާރާތްކުރެ ކުރުމަށް ވަނީ ހަމަޖެހިފައެވެ.