ޚަބަރު

ޕޯސްޓުން "އީ-ޓުކުރި ލޯކަލް ޕްލެޓްފޯމް" ތަޢާރަފްކޮށްފި

އޮންލައިން ވިޔަފާރީގެ ދާއިރާއަށް ވަންނަން ބޭނުންވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނަށް ޚާއްސަކޮށްގެން " އީ-ޓުކުރި ލޯކަލް ޕްލެޓްފޯމް" މޯލްޑިވްސް ޕޯސްޓުން އިފްތިތާޙްކޮށްފިއެވެ.

މި ޕްލެޓްފޯމް އިފްތިތާހްކޮށްދެއްވީ ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާޙީމް ހަސަންއެވެ. އީ.ޓުކުރި ލޯކަލް ޕްލެޓްފޯމްއަކީ ރާއްޖޭގައި ހަރަކާތްތެރިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިން ތައްޔާރުކުރާ ތަކެތި ގަނެ ވިއްކުމަށް ޚާއްސަކޮށްފައިވާ ޕްލެޓްފޯމެކެވެ. މި ޕްލެޓްފޯމްގެ ތެރެއިން އުފައްދާ ތަކެއްޗާއި، ވިއްކާ މުދާ ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ފޯރުކޮށްދޭނެކަމަށް ޕޯސްޓްއިން ބުނެއެވެ. އަދި އޯޑަރކުރުމުން ފެށިގެން ތަކެތި ގަތުމާ ހަމަޔަށް ކުރެވޭ ހުރިހާ މުޢާމަލާތްތައް މި ޕްލެޓްފޯމްގެ ތެރެއިން ލިބޭނެކަމަށާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ވިޔަފާރީގެ މުޢާމަލާތައް ހިންގޭނެކަމަށްވެސް ޕޯސްޓުން ބުނެއެވެ.

މި ޚިދުމަތުގެ ދަށުން ފަސޭހަކަމާއެކު މުދާ އިޝްތިހާރުކުރުމާއި ވިއްކޭނެ ނިޒާމެއް ޤާއިމްކުރެވިގެންދެއެވެ. އަދި މި ޕްލެޓްފޯމްގައި މަހު ފީއެއް، ރަޖިސްޓްރޭޝަން ފީއެއްވެސް ދައްކާކަށް ނުޖެހެއެވެ. ވިޔަފާރީގެ މުޢާމަލާތް އޮންލައިންކޮށް ބެލޭނެ އިންތިޒާމެއް ޤާއިމްކޮށްފައިވާއިރު އޮންލައިކޮށް ފައިސާ ބަލައިގަތުންވެސް މި ނިޒާމްގެ ދަށުން ލިބިގެންދެއެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން ހަޔަރަ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާޙިމް ހަޞަން ވަނީ ރާއްޖޭގައިވެސް ޓެކްނޮލަޖީ ފުޅާވެގެންދިޔުމާ ގުޅިގެން މިފަދަ މުޙިއްމު ޚިދުމަތްތައްވެސް ފުޅާވެގެންދާކަން ފާހަގަކުރެއްވިއެވެ. ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނަށް މި ޕްލެޓްފޯމްގެ ޒަރިއްޔާއިން ފަސޭހަތަކެއް ވެގެންދާނެކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ މި ކަމުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށްވެސް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެކަމަށެވެ.

މި ރަސްމިއްޔާޓުގައި ވާހަކަދައްކަވަމުން މޯލްޑިވްސް ޕޯސްޓްގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ޝަފީޤް މުހައްމަދު ވިދާޅުވީ މި ޚިދުމަތަކީ ޕޯސްޓްގެ ޚިދުމަތް ތަރައްޤީކޮށް ކުރިއެރުވުމަށް ކުރެވުނު މުހިއްމު މަސައްކަތެއްކަމަށެވެ. އަދި މިއީ ޕޯސްޓުން ދެމުންގެންދާ އާއްމު ޚިދުމަތް ތަރައްޤީކޮށް ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި ސަރުކާރުގެ ސިޔާސަތަށް ވާޞިލްވުމަށް އެޅުނު މުހިއްމު ފިޔަވަޅެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އޮންލައިންކޮށް ދުނިޔޭގެ ބާޒާރުތަކުން ވިޔަފާރި ކުރުމުގެ ފުރުސަތު ލިބުމުން، އެކަށީގެންވާ ރަނގަޅު އަގެއްގައި އެތަކެތި ޕޯސްޓު މެދުވެރިކޮށް ރާއްޖެއަށް ގެނެވޭނެ މަގު ފަހިކޮށްދިނުމަށްޓަކައި 2015 ވަނަ އަހަރު އީޓުކުރީގެ ނަމުގައި މޯލްޑިވްސް ޕޯސްޓާއި ސިންގަޕޯރ ޕޯސްޓް ގުޅިގެން ވަނީ އީ-ކޮމާސް ޕޯޓަލްއެއް ގާއިމުކޮށްފައެވެ.