ސިޔާސީ

ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހު މަޖިލީހަށް ބަލައިގަނެފި




ކައުންސިލުގެ އުމުރު ހަމަ ނުވަނީސް ކައުންސިލްގެ މެމްބަރަކު
ވަކިވިނަމަވެސް ކައުންސިލްގެ ބައްދަލުވުންތައް ބޭއްވުމަށް ބޭނުންވާ ގާނޫނީ އަދަދު ހަމަވާނަމަ، ވަކިވި މެމްބަރުގެ ބަދަލުގައި އާ މެމްބަރަކު އިންތިހާބު ކުރުމަށް ލާޒިމް ނުވާގޮތަށް ދިވެހިރާއްޖޭގެ
އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ހުށައަޅާފައިވާ
އިސްލާހުގެ ބިލު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ބަލައިގެންފިއެވެ.



 ތުލުސްދޫ
ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް ހުށައަޅާފައިވާ މިއިސްލާހު
ރައްޔިތުންގެ މަޖިލީހަށް ބަލައިގަތީ 37ވޯޓުންނެވެ.



 ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް
މުހައްމަދު ވަހީދު ހުށައަޅުއްވާފައިވާ އިސްލާހުގައި ބުނެފައިވަނީ، ކައުންސިލްގެ މެމްބަރަކު ވަކިވެއްޖެނަމަ، 45 ދުވަހުތެރޭގައި އިންތިހާބު ބާއްވަން ބަޔާންކޮށްފައި
ވީނަމަވެސް، ކައުންސިލްގެ ބައްދަލުވުންތައް ބޭއްވުމަށް ބޭނުންވާ ގާނޫނީ އަދަދު ހަމަވާނަމަ، ވަކިވި މެމްބަރުގެ ބަދަލުގައި އާ މެމްބަރަކު އިންތިހާބު ކުރުމަށް ލާޒިމް ނޫންކަމަށެވެ. އަދި މިއިސްލާހުގައި
ކައުންސިލަރުންގެ މައްޗަށް ރައްޔިތުންގެ އިތުބާރު އޮތްތޯ ބެލުމަށް އިލެކްޝަންސް ކޮމިޝަން މެދުވެރިކޮށް ވޯޓް ނެގުމުގެ އިހްތިޔާރު ވަޒީރަށް ލިބިދީފައިވެއެވެ.



 ކައުންސިލަރެއް ނުވަތަ ކައުންސިލެއްގެ ވާޖިބު އެކަށީގެންވާ ގޮތެއްގައި އަދާ ނުކުރެވޭ ނަމަ އެކަންކަމުގެ ސަބަބު ދެނެ ގަތުމަށްޓަކައި "އިންކުއަރީ" އެއް ހެދުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ ވަޒީރަކަށް އިހްތިޔާރު ލިބިގެންވާކަމަށާއި،
އެފަދަ ކައުންސިލަކަށް ނުވަތަ ކައުންސިލަރަކުގެ މައްސަލައެއް "އިންކުއަރީ" އަށް ސާބިތުވެއްޖެ ނަމަ ނަސޭހަތް ނުވަތަ އިންޒާރު ދެވޭނެކަމަށްވެސް މިއިސްލާހުގައިވެއެވެ. ނުވަތަ ވަކި މުއްދަތަކަށް ކައުންސިލަރަކު ނުވަތަ ކައުންސިލް ސަސްޕެންޑު ކުރެވޭނެ ކަމަށާއި، އެ ކައުންސިލެއްގެ ނުވަތަ ކައުންސިލަރެއްގެ އިތުބާރު ރައްޔިތުންގެ މެދުގައި އޮތްތޯ ބެލުމަށް އިލެކްޝަންސް ކޮމިޝަން މެދުވެރިކޮށް ވޯޓެއް ވެސް ނެގޭނެކަމަށް
މުހައްމަދު ވަހީދު ހުށައަޅާފައިވާ އިސްލާހުގައި ބުނެފައިވެއެވެ.



 މިއިސްލާހަށް ވާހަކަދެއްކެވި ސަރުކާރަށް ތާއީދުކުރާ
މެމްބަރުން ވިދާޅުވީ، ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމުގެ ނިޒާމަކީ ރާއްޖޭގައި ފެއިލް ވެފައިވާ ނިޒާމެއްކަމަށާއި، އެކަމުގައި ރައްޔިތުންގެ
ބޮޑެތި ޝަކުވާތައް އެބަހުރިކަމަށެވެ. އަދި މީ ޚަރަދު ބޮޑު ނިޒާމެއްކަމަށްވެސް ވިދާޅުވިއެވެ. އިދިކޮޅު
މެމްބަރުން ވިދާޅުވީ މިނިޒާމް ނުހިންގިފައިވަނީ ކައުންސިލަރުންގެ މައްސަލައަކުން ނޫންކަމަށާއި،  އެއީ
ސިޔާސީ އިސްފަރާތްތަކުގެ މައްސަލެއްކަމަށެވެ.



މިއިސްލާހު މަޖިލީހަށް ބަލައިގަނެ ވަނީ ދިރާސާކުރުމަށް ކޮމިޓީއަށް
ފޮނުއްވާފައެވެ.