ޚަބަރު

ބަންގްލަދޭޝް މަސައްކަތު މީހުންގެ ޕާސްޕޯޓް އީޕާސްޕޯޓަށް ހަދަނީ


އަންނަ ނޮވެމްބަރު މަހުގެ ކުރިން ރާއްޖޭގައި މަސައްކަތް ކުރާ ހުރިހާ ބަންގްލަދޭޝް ރައްޔިތުން، އެމީހުންގެ ޕާސްޕޯޓްތައް އިލެކްޓްރޯނިކް ޕާސްޕޯޓަށް ބަދަލުކުރުމަށް ބަންގްލަދޭޝް ހައިކޮމިޝަނުން އިލްތިމާސްކޮށްފިއެވެ.ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ބަނގްލަދޭޝް އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ހައިކޮމިޝަނަރ ރެއަރ އެޑްމިރަލް ކާޒީ ސަރްވަރް ޙޮސެއިން ވިދާޅުވީ، އިންޓަރނޭޝަލް ސިވިލް އޭވިއޭޝަން އޮގަނައިޒޭޝަން، އައި.ސީ.އޭ.އޯއިން ކަނޑައަޅާފައިވާ މިންގަނޑުތަކާއި އެއްގޮތަށް ހުރިހާ ޤައުމުތަކަކުންވެސް އެޤައުމެއްގައި ބޭނުންކުރާ ޕާސްޕޯޓް، އިލެކްޓްރޯނިކް މެޝިން ރީޑްބަލް ޕާސްޕޯޓަށް ބަދަލުކުރުމަށް އެ އޯގަނައިޒޭޝަނުން އަންގާފައިވާކަމަށެވެ. މިކަންކުރުމަށް އައި.ސީ.އޭ.އޯއިން ދީފައިވަނީ މިއަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށެވެ.ބަންގްލަދޭޝް ހައިކޮމިޝަނަރ މީޑިއާއާއި މުޚާތަބުކޮށް ވިދާޅުވީ، ރާއްޖޭއަކީވެސް ގިނަ އަދަދަކަށް ބަންގްލަދޭޝް ރައްޔިތުން މަސައްކަތްކުރުމަށް އަންނަ ޤައުމަކަށްވެފައި، ރާއްޖޭގައި މިވަގުތު ތިބި ގިނަ ބަންގްލަދޭޝް ރައްޔިތުން އަތުގައި އިލެކްޓްރޯނިކް ޕާސްޕޯޓެއް ނެތްކަމަށެވެ.އެހެންކަމުން އިލެކްޓްރޯނިކް ޕާސްޕޯޓް ހެއްދޭނެ އިންތިޒާމް އެކޮމިޝަނުން މިހާރު ހަމަޖައްސާފައިވާކަމަށާއި، ވިހާވެސް އަވަހަށް އިލެކްޓްރޯނިކް ޕާސްޕޯޓަށް ބަދަލުކުރުމަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މަސައްކަތްކުރާ ބަންގްލަދޭޝް ރައްޔިތުންގެ ކިބައިން ހައިކޮމިޝަނަރ އެދިވަޑައިގެންނެވިއެވެ.ބަންގްލަދޭޝް ހައިކޮމިޝަނަރ ވިދާޅުވީ، އެހެން ދުވަސްތަކެކޭ އެއްގޮތަށް ރަމަޟާން މަހުވެސް އެކޮމިޝަނުން ފޯރުކޮށްދޭ "ފްރީ ފްރައިޑޭ ކްލިނިކް" ނުވަތަ ހުކުރު ދުވަހު ހިލޭ ބޭސްފަރުވާގެ ޚިދުމަތްދޭ ކްލިނިކްގެ ޚިދުމަތް ބަންގްލަދޭޝް ރައްޔިތުންނަށް ލިބިގެންދާނެކަމަށާއި، ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝް ރައްޔިތުންގެ ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާކަމަށެވެ. އެގޮތުން ކައިރި މުސްތަޤުބަލެއްގައި ބަންގްލަދޭޝް ރައްޔިތުންގެ ވެލްފެއަރ ކަންކަން ބަލަހައްޓާނެ ޖަމިއްޔާއެއް އުފެއްދުމުގެ މަސައްކަތް ކުރައްވަމުންދާކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.