ޚަބަރު

ބްރޯޑްކާސްޓިން ކޮމިޝަނުން ޝަހީބް އިސްތިއުފާ ދީފި


ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރުކަމުން އެކޮމިޝަންގެ ރައީސް މުޙައްމަދު ޝަހީބް އިއްތިއުފާ ދެއްވައިފިއެވެ.

ޝަހީބު އިސްތިއުފާ ދެއްވާފައިވާކަން އޭނާވަނީ ޕީއެސްއެމް ނިއުސްއަށް ކަށަވަރު ކޮށްދެއްވާފައެވެ. ނަމަވެސް އިސްތިއުފާ ދެއްވި ސަބަބެއް އޭނާ ވިދާޅުވެފައިނުވެއެވެ. ޝަހީބު މަޤާމުން އިސްތިއުފާ ދެއްވާފައިވަނީ މިއަދު އޭނާއާއި، އެކޮމިޝަންގެ ނައިބް ރައީސް ފާތިމަތު ޒައިނާ މަޤާމުން ވަކިކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް އެޖެންޑާކޮށްފައިވަނިކޮށެވެ.

ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރުން ޤާނޫނީ ގޮތުން އަދާ ކުރަންޖެހޭ ޒިންމާ އަދާ ކުރުމުގައި އިހުމާލުވެފައިވާ މައްސަލާގައި މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އެކުލަވާލި ރިޕޯޓް މިއަދުގެ މަޖިލީހަށް ހުށަހަޅާފައިވާއިރު، މި ބޭފުޅުން މަޤާމުން ވަކިކުރުމަށް މިއަދުގެ ޖަލްސާގައި ވޯޓަށް އެހުމަށްވެސް ނިންމާފައެވެ.

ޝަހީބާއި ޒައިނާ މެމްބަރުކަމުން ވަކިކުރުމަށް މިނިވަން މުވައްސަސާތަކާ ބެހޭ ކޮމެޓީން ފާސްކޮށްފައިވަނީ އެ ކޮމެޓީގެ ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ.

ޝަހީބާއި ޒައިނާ ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރުކަމަށް އައްޔަން ކޮށްފައިވަނީ 5 އޭޕްރީލް 2016 ގައެވެ. ޝަހީބު ބްރޯޑް ކާސްޓިން ކޮމިޝަނުގެ ރައީސްކަމުގައި ހުންނަވާ މިއީ ދެ ވަނަ ދައުރެވެ.