ކުޅިވަރު

ޝެއިޚް ކަމާލް އިންޓަރނޭޝަނަލް ކްލަބް ކަޕުގައި ޓީސީ އެކު ވަރުގަދަ ޓީމްތަކެއް


ޝެއިޚް ކަމާލް އިންޓަރނޭޝެނަލް ކްލަބް ކަޕުގައި ޓީސީ އެކު ވަރުގަދަ ޓީމްތަކެއް ބައިވެރިވެއްޖެއެވެ.

މިމަހު 19 ވަނަ ދުވަހު ބަންގްލަދޭޝްގައި ފެށުމަށް ހަމަޖެހިފައިވާ މުބާރާތުގައި 8 ޓީމެއް ވަނީ ބައިވެރިވެފައެވެ. މުބާރާތުގައި ބަންގްލްދޭޝްގެ 3 ޓީމެއް ބައިވެރިވެފައިވާއިރު އިންޑިޔާގެ ދެ ޓީމެއް މުބާރާތުގައި ވާދަކުރާނެއެވެ. މުބާރާތުގައި ބަންގްލަދޭޝްއިން ވާދަކުރަނީ ލީގް ޗެމްޕިއަން ބަޝުންދަރާ ކިންގްސްއެވެ. މި ޓީމްގެ ކޯޗަކީ ނިއުރޭޑިއަންޓަށް ކޯޗު ކޮށްދިން ސްޕެއިންގެ އޮސްކާ ބުރޯޒަންއެވެ. ދެން ބަންގްލަދޭޝްއިން ބައިވެރިވަނީ މިއަހަރު އޭއެފްސީ ކަޕުގެ ސެމީ ފައިނަލުގައި ވާދަކުރި ޑާކާ އަބްހާނީއާއި ޗިޓަގޮންގް އަބަހާނީ ލިމިޓެޑްއެވެ.

މީގެތެރެއިން ޑާކާ އަބަހާނީ ވަނީ އޭއެފްސީ ކަޕް ފުޓްބޯޅަ މުބާރާތުގައި ރާއްޖޭގެ ނިއުރޭޑިއަންޓް އަދި މާޒިޔާ ދެކޮޅަށް ކުޅެފައެވެ. މުބާރާތުގައި އިންޑިޔާއިން ބައިވެރިވަފައި ވަނީ ވަރުގަދަ ދެޓީމް ކަމަށްވާ ޗެންނާއި އެފްސީއާއި މޯހަން ބަގާންއެވެ. ބަންގްލަދޭޝްގެ ޗިޓަގޮންގަ ކުރިޔަށްދާ މުބާރާތުގައި މެލޭޝިޔާގެ ސުޕަރ ލީގުގެ ޓީމެއް ކަމަށްވާ ޓެރެންގަނޫ އެފްސީއާއި ލާއޯސްގެ ޔަންގް އިލެފެންޓް އެފްސީވެސް ވާދަކުރާނެއެވެ.

އެންމެ ފަހުން ބޭއްވި ޝެއިޚް ކަމާލް ކަޕް ޓީސީ ކާމިޔާބުކުރީ ދެކުނު ކޮރެއާގެ ޕޮޗެއަން ސިޓިޒެންނާ ވާދަކޮށް ޕެނެލްޓީން ކުރި ހޯދައިގެންނެވެ. އެއަހަރުގެ މުބާރާތުގައި ބަންގްލަދޭޝް، ނޭޕާލް އަދި އަފްއާނިސްތާންގެ ލީގު ޗެމްޕިއަންނުން ވަނީ ވާދަކޮށްފައެވެ. މިއަހަރުގެ މުބާރާތް ކުރިޔަށްދާނީ މިމަހުގެ 19 އިން 29ގެ ނިޔަލަށެވެ.