ސޫރިޔާގެ އިރުއުތުރުން ފުރާތު ކޯރުގެ އިރުމަތީގައި ހިންގުމަށް ރާވާފައިވާ އަސްކަރީ ޙަރަކާތްތައް ފެށުމަށްވާންޖެހޭ ތައްޔާރީތައްވެ ނިމިފައިވާކަމަށް ތުރުކީވިލާތުން ބުނެފިއެވެ. ތުރުކީވިލާތުގެ ދިފާއީ ވުޒާރާއިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ސަރަހައްދީ ރޮނގުގެ ކައިރީގައި ކުރުދީ ހަނގުރާމަވެރިންގެ ޖަމާޢަތްތަކުން ޙަރަކާތްތެރިވާތަން ބަލަން އެ ޤައުމުގެ ސިފައިން ނުތިބޭނެކަމަށެވެ.
ފުރާތު ކޯރުގެ އިރުމަތީގައި ތުރުކީވިލާތުން ރާވާފައިވާ އަސްކަރީ ޙަރަކާތްތަކުގައި ހިމެނެނީ މައިގަނޑު ދެ ލަނޑުދަނޑިއެކެވެ. ފުރަތަމަ ލަނޑުދަނޑިއަކީ އެ ސަރަޙައްދުގައި ޙަރަކާތްތެރިވާ ކުރުދީންގެ ކަރދިޝް ޕީޕަލްސް ޕްރޮޓެކްޝަން ޔުނިޓްސް (ވައިޕީޖީ)ގެ ހަނގުރާމަވެރިން ފައްސާލާ ތުރުކީވިލާތުގެ ސަރަޙައްދީ ރޮނގާ ދުރަށްޖެއްސުމެވެ. ދެވަނަ ކަމަކީ 500 ކިލޯމީޓަރުގެ ދިގު އަދި ތިރީސް ކޮލޯމީޓަރުގެ ފުޅާ ސަރަހައްދެއްގައި ތުރުކީވިލާތަށް ޙިޖުރަކޮށްފައިވާ ސޫރިޔާގެ 3.5 މިލިޔަން މީހުން ވަޒަންވެރިކުރުވުމެވެ.
މިކަންކުރުމަށް މިދިޔަ މަހުގެ ކުރީކޮޅު ތުރުކީވިލާތުން އެމެރިކާއެކު އެއްބަސްވުމެއް ޤާއިމުކުރި ނަމަވެސް އެމެރިކާވަނީ އެކަމުގައި ތުރުކީވިލާތަށް އެއްބާރުލުން ދިނުމަށް ފަސްޖެހިފައެވެ. މިއާއެކު އެމެރިކާގެ އެހީއާނުލައި ތުރުކީވިލާތުން އަސްކަރީ ޙަރަކާތްތައް ފެށުމަށް ނިންމިކަން ރައީސް ރަޖަބް ޠައްޔިބު އުރުދުޣާން އާދީއްތަ ދުވަހު އިޢުލާން ކުރެއްވުމުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްވަނީ އެ ސަރަޙައްދުގައި ތިބި އެމެރިކާގެ ސިފައިން އެހެން ސަރަޙައްދަކަށް ބަދަލުވުމަށް އަމުރު ކުރައްވާފައެވެ. ނަމަވެސް އަސްކަރީ ޙަރަކާތްތައް ތުރުކީވިލާތުގެ ސިފައިން ފުޅާކޮށްފިނަމަ އެ ޤައުމުގެ އިޤްތިޞާދަށް ދަތިކުރާނެކަމުގެ އިންޒާރުވެސް ޓްރަމްޕްވަނީ ދެއްވާފައެވެ.
ސޫރިޔާގެ ކުރުދީންގެ ވައިޕީޖީ ހަނގުރާމަވެރިންނަކީ ޒަމާންވީ އެމެރިކާގެ އަސްކަރީ ބައިވެރިންނެވެ އެހެންކަމުން، ތުރުކީވިލާތުގެ ސިފައިން އެމީހުންނާ ދެކޮޅަށް ހަނގުރާމައެއް ފެށުމަށް ތައްޔާރުވެފައިވާ ދަނޑިވަޅެއްގައި އެމީހުން ދޫކޮށް އެމެރިކާގެ ސިފައިން ފޭބުމަކީ އެމެރިކާއިން ހިންގި ޣައްދާރުވުމުގެ ޢަމަލެއްކަމަށް ކުރުދީން ސިފަކުރެއެވެ. ނަމަވެސް ވައިޕީޖީ ހަނގުރާމަވެރިންނަކީ އެމެރިކާއިން ވަރަށް މޮޅަށް ތަމްރީނުކޮށް އެމެރިކާގެ އެންމެ ޒަމާނީ ބަރު ހަތިޔާރު ދީފައިވާ ހުނަރުވެރި އަދި ތަޖުރިބާ ލިބިފައިވާ ހަނގުރާމަވެރިންކަމަށްވާތީ އެއްގަމު މަގުން ކުރިމަތިލައިގެން އެމީހުން ބަލިކޮށްލުމަކީ ތުރުކީވިލާތުގެ ސިފައިންނަށް ފަސޭހަކަމަކަށް ނުވާނެއެވެ.
ތުރުކީވިލާތުގެ ސިފައިން ކުރުދީ ހަނގުރާމަވެރިންނާ އެއްގަމު މަގުން ހަނގުރާމަކޮށްފިނަމަ ތުރުކީވިލާތުގެ ސިފައިންގެ ގިނަ ބަޔަކު މަރުވެ ރެފިއުޖީންގެ ގޮތުގައި އެ ސަރަހައްދުގެ ޢާންމުންގެ އެތައް ސަތޭކަހާސް ބަޔަކު އަނެއްކާވެސް ތުރުކީވިލާތަށް ވަންނާނެކަމަށާއި އެއީ ތުރުކީވިލާތަށް ތަޙައްމަލު ނުކުރެވޭވަރުގެ ބޮޑު ޚަރަދަކަށްވާނެކަމަށް ތަޖުރިބާކާރުން ބުނެއެވެ.
އެމެރިކާގެ ޚިޔާނާތާއެކު ތުރުކީވިލާތުގެ ސިފައިންގެ ކުރިމަތީގައި އަމިއްލަ ނަފްސު ދިފާޢު ކުރާނެ ގޮތެއް ހޯދުމަށް ވައިޕީޖީގެ އިސްވެރިންވަނީ ދުޝްމަނުންގެ ގޮތުގައި އެމީހުން މިހާތަނަށް ދެކެމުންދިޔަ ސޫރިޔާގެ ސިފައިންނާ ގުޅިގެން ތުރުކީވިލާތުގެ ސިފައިންނާ ދެކޮޅަށް ވަރުގަދަ ހަނގުރާމައެއް ފަށާނެކަމުގެ އިންޒާރު ދީފައެވެ. މި މައްސަލައިގައި ވައިޕީޖީގެ ލީޑަރުން ސޫރިޔާގެ ސިފައިންގެ އިސްވެރިންނާ ވާހަކަ ދައްކާފައިވާކަމަށް މަޢުލޫމާތު ލިބެއެވެ.
ސޫރިޔާގެ އުތުރަށް ޤަވައިދާ ޚިލާފަށް އަރައިތިބި ތުރުކީވިލާތުގެ ސިފައިންނާމެދު ސޫރިޔާ ދެކެނީ އެއީ އެ ޤައުމުން ފައްސާލަންޖެހޭ އިސްތިޢުމާރީ ބާރުތަކެއްގެ ގޮތުގައެވެ. އެހެންކަމުން، ތުރުކީވިލާތުގެ ސިފައިން ފަށާ އަސްކަރީ ޙަރަކާތެއްގައި ވައިޕީޖީ ހަނގުރާމަވެރިން ސޫރިޔާގެ ސިފައިންނާ ގުޅިގެން ތުރުކީވިލާތުގެ ސިފައިންނާ ކުރިމަތިލައިފިނަމަ ތުރުކީވިލާތުގެ ސިފައިން އިނދަޖެހި ނާކާމިޔާބުވެ ސޫރިޔާގެ ބިމުން ފައިބަންޖެހޭ ހާލަތަށް ދިއުމަކީ އެކަށީގެންވާކަމެއްކަމަށް އަސްކަރީ ތަޖުރިބާކާރުން ބުނެއެވެ.