ޚަބަރު

އިކުއެޑޯއަށް އިންޤިލާބެއް ގެންނަން މަސައްކަތް ކުރިކަމުގެ ތުޙުމަތު އެ ޤައުމުގެ އިދިކޮޅު ފަރާތްތަކުގެ މައްޗަށްކޮށްފި


އިކުއެޑޯގެ ސަރުކާރު ވައްޓާލުމުގެ ބޭނުމުގައި އިންޤިލާބެއް ގެންނަން މަސައްކަތް ކުރިކަމުގެ ތުހުމަތު އެ ޤައުމުގެ ރައީސް ލެނިން މޮރެނޯ އިދިކޮޅު ފަރާތްތަކުގެ މައްޗަށް ކުރައްވައިފިއެވެ.

ޤައުމީ ޓީވީ މެދުވެރިކޮށް ދެއްވި ޚިތާބެއްގައި މޮރެނޯ ވިދާޅުވީ އޭނާގެ ސަރުކާރުން އިޢުލާންކޮށްފައިވާ ޚަރަދު ކުޑަކުރުމުގެ އިޖުރާއާތުތަކާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން މުޒާހަރާކޮށް މުޒާހަރާގެ 5ވަނަ ދުވަހު ވެރިރަށް ކުއިޓޯއަށް ޖަމާވުމަށް ކުރި މަސައްކަތަކީ އޭނާގެ ސަރުކާރު ވައްޓާލުމުގެ މަޤްސަދުގައި ހިންގި އިންޤިލާބީ ޙަރަކާތެއްކަމަށެވެ. ގޮންޖެހުމުގެ ރާގެއްގައި ވާހަކަދައްކަވަމުން މޮރެނޯ ވިދާޅުވީ އިދިކޮޅު ފަރާތްތަކުން މުޒާހަރާ ކުރިނަމަވެސް ތެލުގެ އަގު ބޮޑުކުރުމަށް ނިންމި ނިންމުން އަނބުރާ ނުގެންދަވާނެކަމަށެވެ.

އިދިކޮޅު ފަރާތްތަކުން މުޒާހަރާ ކުރަމުންދަނީ އިކުއެޑޯގެ ހަމަޖެހުން ނަގާލުމަށް އެ ޤައުމުގެ ކުރީގެ ރައީސް ރަފައެލް ކޮރެޔާއާއި ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯ ގުޅިގެން ރޭވި ރޭވުމެއްގެ ދަށުންކަމަށްވެސް މޮރެނޯ ތުޙުމަތުކުރެއްވި. ނަމަވެސް އެކަމުގެ އެއްވެސް ހެއްކެތް މޮރެނޯ ދައްކަވާފައެއް ނުވެއެވެ. މޮރެނޯގެ ޚިތާބުގައި މުޒާހަރާތަކާ ގުޅިގެން އޭނާގެ ސަރުކާރުގެ މަސައްކަތްތައް އެ ޤައުމުގެ ދެކުނުގެ ސިޓީއަކަށް ބަދަލުކުރައްވާފައިވާކަމަށްވެސް ވިދާޅުވިއެވެ.

އިކުއެޑޯގެ ރައްޔިތުން މިދިޔަ ހަފުތާގައި މޮރެނޯގެ ސަރުކާރާ ދެކޮޅަށް މުޒާހަރާތައް ފަށާފައިވަނީ ތެލުގެ އަގު ބޮޑުވެ، ރައްޔިތުންގެ ދިރިއުޅުމަށް ބޮޑެތި ދަތިތަކެއް ކުރިމަތިވުމުންނެވެ. ތެލުގެ އަގު ބޮޑުކުރުމަށް މޮރެނޯ ނިންމެވި ނިންމެވުން އަނބުރާ ގެންދަވަންދެން މުޒާހަރާތައް ކުރިއަށް ގެންދާނެކަމުގެ އިންޒާރު މުޒާހަރާތައް އިންތިޒާމުކުރާ ފަރާތްތަކުންވަނީ ދީފައެވެ.