ޚަބަރު

ފަރަންސޭސިވިލާތުގެ ރަފާލް ހަނގުރާމަމަތީ މަތިންދާބޯޓު އިންޑިއާއިން ގަނެފި


އިންޑިއާއިން ގަންނަން ހަމަޖެހިފައިވާ ފަރަންސޭސި ޑަސޫ ރަފާލް މަރުކާގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކުގެ ފުރަތަމަ ޖެޓް އިންޑިއާއާއި ޙަވާލުކޮށްފިއެވެ.

އިންޑިއާއާއި މަތިންދާބޯޓު ޙަވާލުކުރުމުގެ ރަސްމިޔާތު އޮތީ ފަރަންސޭސިވިލާތުގެ މިރިންނޭކްގައި ހުންނަ ޑަސޫ އޭވިއޭޝަންގެ ހަނގުރާމަމަތީ މަތިންދާބޯޓު އުފައްދާ ކާރުޚާނާގައެވެ އިންޑިއާގެ ފަރާތުން މަތިންދާބޯޓާއި ޙަވާލުވެވަޑައިގަތީ އެ ޤައުމުގެ ޑިފެންސް މިނިސްޓަރު ރާޖްނާތް ސިންގއެވެ. މަތިންދާބޯޓާއި ޙަވާލުވެވަޑައިގަތުމަށްފަހު ރާޖްނާތްވަނީ އެ ބޯޓުގައި ދަތުރުފުޅެއް ކުރައްވާފައެވެ.

އިންޑިއާއިންވަނީ އެ ޤައުމުގެ ހަތިޔާރު އުފައްދާ ކުންފުނި ރިލައެންސް ޑިފެންސް މެދުވެރިކޮށް ރަފާލް މަރުކާގެ 36 މަތިންދާބޯޓު ގަތުމަށް ފަރަންސޭސިވިލާތުގެ ޑަސޫ އޭވިއޭޝަނާއެކު ވިޔަފާރީގެ އެއްބަސްވުމެއް ޤާއިމުކޮށްފައެވެ. އިންޑިއާއާއި މަތިންދާބޯޓު ޙަވާލުކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތް ޑަސޫ އޭވިއޭޝަންގެ ޗެއަރމަން އަދި ސީއީއޯ އެރިކް ޓްރެޕިއޭ ވިދާޅުވީ ކުރިއަށް އޮތް ދެތިން އަހަރު ދުވަހުގެ ތެރޭގައި ވިއްކަން ހަމަޖެހުނު ހުރިހާ މަތިންދާބޯޓުތައް އިންޑިއާއަށް ފޯރުކޮށްދީ ނިމޭނެކަމަށެވެ.

ދެ އިންޖީނުލީ ހަތަރުވަނަ ޖީލުގެ އެންމެ ޒަމާނީ ރަފާލް މަތިންދާބޯޓު ގަތުމަށް 2012ވަނަ އަހަރުވެސް އިންޑިޔާއިންވަނީ އެދިފައެވެ. އެހެންނަމަވެސް، އެފަހަރު އިންޑިއާއިން އެދިފައިވަނީ އެ މަރުކާގެ 126 މަތިންދާބޯޓު ގަތުމަށެވެ. ނަމަވެސް އެކަން އޭރު ކުރިއަށް ގެންދެވިފައެއްނުވެއެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވިދާޅުވީ އެ ޤައުމުގެ އަސްކަރިއްޔާ އެންމެ ޒަމާނީ ފެންވަރަށް ތަރައްޤީކުރައްވާނެކަމަށެވެ. އަދި އެކަމަށް ޚަރަދުކުރުމަށް އިންޑިއާއިން މިހާރުވަނީ 150 ބިލިޔަން ޑޮލަރު ހަމަޖައްސާފައިކަމަށް މޯދީ ވިދާޅުވިއެވެ.