ސިޔާސީ

މާލެއާއި އަތޮޅުތެރެ ތަފާތުކުރުން ނައްތާލާ، ކައުންސިލްތަކަށް މާލީ ބާރުވެރިކަންދީ - މެންބަރުން


ކައުންސިލްތަކުން މައި ސަރުކާރުގައި ދަންވައިގެން ކަންކަން ފުރިހަމަކުރުމުގެ އުސޫލު ނައްތާލާ، އެ ބާރުވެރިކަމާއި ޤާބިލްކަން ކައުންސިލްތަކަށް ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ގޮވާލައްވައިފިއެވެ. މެންބަރުން މިކަމަށް ގޮވާލެއްވީ ލާމަރުކަޒީ އުސޫލުން ރަށްތައް ހިންގުމަށްޓަކައި ކައުންސިލްތައް މާލީ ގޮތުން ބާރުވެރިކުރުމަށް ގޮވާލާ ހުށައެޅުއްވި ޤަރާރަށް ބަހުސްކުރައްވަމުންނެވެ.

ލާމަރުކަޒީ ޤާނޫނުގެ ދަށުން ރާއްޖޭގެ ހުރިހާ ކައުންސިލްތަކެއް މާލީ ގޮތުން ބާރުވެރިކުރުމަށް ގޮވާލާ އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަހީދު ހުށައެޅުއްވި ޤަރާރަށް ބަހުސްކުރައްވަމުން ދާންދޫ ދާއިރާގެ މެންބަރު ޔަޢުޤޫބް ޢަބްދުﷲ ވިދާޅުވީ، އަދިވެސް ރާއްޖެއިން ފެންނަ އޮތީ ރަށްރަށުގެ ރައްޔިތުން ބޭނުންވާ ކަންކަން މާލެ ސަރުކާރުގައި ދަންނަވައިގެން ކަންކަން ފުރިހަމަކުރުމުގެ އުސޫލްކަމަށެވެ. އަތޮޅުތަކުގައި ހުރި ރިސޯޓްތަކުން ކައުންސިލްތަކަށް އާމދަނީ ލިބޭނަމަ ރަށު ކައުންސިލްތަކާއި ރަށްތައް އޮންނާނީ ވަރަށް ފުރިހަމައަށް ކުރިއަރައިގެން ގޮސްފައިކަމަށާއި އެހެންކަމުން މާލެ ސަރުކާރަށް ދަންނަވައިގެން ކަންކަން ފުރިހަމަކުރުމުގެ އުސޫލް ބަދަލުވާންޖެހޭކަމަށް މެންބަރު ވިދާޅުވިއެވެ.

"މިސްކިތުގެ ބޮތްކެއް ބަދަލުނުކުރެވޭ ކައުންސިލަށް. ހަމަ މާލެ ސަރުކާރުގެ ދަންނަވައިގެން ރޮއިގެން މިކުރަންޖެހެނީ. އެކަމަށްވެސް އެބަނަގާ އަހަރެއްހާ ދުވަސް. އެ ބޮކި ބަދަލުކުރަން ހުއްދަދޭއިރު އޮންނާނީ ބަޖެޓް ކްލޯޒްވެފައި. އެހެންވީމަ އެއްވެސް ކައުންސިލަކުން ނުޖެހޭ މާލޭ ސަރުކާރުގައި އާދޭސްކޮށްގެން ކަންކަން ކުރާކަމަށް." ޔަޤުޤޫބު ވިދާޅުވިއެވެ.

މި ޤަރާރަށް ވާހަކަ ދައްކަވަމުން ތޮއްޑޫ ދާއިރާގެ މެންބަރު ޙަސަން ޝިޔާން ވިދާޅުވީ، ކައުންސިލްތަކުން ބޭނުންވާ މާލީ ބާރުވެރިކަން މިއަދާހަމައަށްވެސް ލިބިފައިނުވާކަމަށެވެ. ކައުންސިލްތަކުގެ ނަމުގައި ވިޔަފާރިކުރުމާއި ދައުވާކުރުމާއި ދައުވާ ލިބިގަތުން ޤާނޫނުގައި ލިޔެވިފައި އޮތްނަމަވެސް ރަށްރަށް ލިބޭ އާމްދަނީ ކައުންސިލްގެ އެކައުންޓްތަކަށް ޖަމާކޮށް ޚަރަދުކުރެވޭނެ ގޮތް ނެތްކަމަށްވެސް ޝިޔާން ވިދާޅުވިއެވެ. އަދި ލާމަރުކަޒީ ޤާނޫނަށް ގެންނަ އިޞްލާހުން އެކަންކަން ބަދަލުވާންޖެހޭކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ކައުންސިލްތަކަށް މާލީ ބާރުވެރިކަން ދިނުމިުގެ ބޭނުމަކީ އެ ކައުންސިލްތައް ހަމައިސްކޮޅަށް ތެދުވެ އެރަށްރަށް ތަރައްޤީކުރާނީ އެރަށްރަށުގެ ރައްޔިތުންކަން ކަށަވަރުކުރުން. އެ ރަށްޔިތުން އިންތިޚާބުކުރާ ކައުންސިލް މެންބަރުން އެކަންކަން ކުރާނެކަން ކަށަވަރުކުރުން. ކުރިއަށްދާން ބޭނުންވާ ކައުންސލްތައް ބާރު ސްޕީޑްގައި ކުރިއަށްދާނެ." ޝިޔާން ވިދާޅުވިއެވެ.

މިލަންދޫ ދާއިރާގެ މެންބަރު ޢަލީ ރިޒާ ވިދާޅުވީ، ފާއިތުވި ސަރުކާރުގައި ކައުންސިލްތަކަށް ލިބިފައި އޮތް ބާރު ނިގުޅައިގަނެ ކައުންސިލްތައް ސަސްޕެންޑްކުރީކަމަށާއި، މާލީ ބާރުވެރިކަން ނެތި ކައުންސިލްތައް މަސައްކަތްކުރާތާ ދިހަ އަހަރުވެފައިވާކަަމަށެވެ. އަދިވެސް ކައުންސިލްތަކުގެ ހާލަތަށް ބަދަލެއް އައިސްފައިނުވާކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ ކުދި ކުދި ކަންކަމުގައި މައި ސަރުކާރަށް ދަންނަވަންޖެހޭ ގޮތް އުވާލަންޖެހޭކަމަށެވެ. އަދި ކައުންސިލްތަކުން އެދޭގޮތަށް އެކަންކަން ވާންޖެހޭގޮތަށް ނިޒާމް ބަދަލުކުރުމަށް މެންބަރު ގޮވާލެއްވިއެވެ.

"ފީވަކު ރައްޔިތުން އެދެނީ އެރަށުގެ ވަށައިގެން ރިންގ ރޯޑެއް ހެދުމަށް. ކައުންސިލުން އަންގަނީ ތިމަންނަމެނަށް މިކަމަށް ބޭނުންވާ ހުއްދަ ދޭށޭ. އެ ހުއްދަ ހޯދަން ކަމާބެހޭ މިނިސްޓްރީއަށް ހުށައަޅާއިގެން އުޅޭތާ މިވީ ތިރީސް ދުވަސް. ދެން ޖަވާބެއް ލިބޭނެކަމުގެ އިންތިޒާރުގަ މިތިބެނީ." ޢަލީ ރިޒާ ވިދާޅުވިއެވެ.

މި ޤަރާރަށް ވާހަކަ ދައްކަވަމުން މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ޢުމަރު ވިދާޅުވީ، ރަށްރަށުގެ ކައުންސިލްތައް މާލީ ގޮތުން ބާރުވެރިކުރުމަކީ އެރަށެއްގެ ވަސީލަތް ބޭނުންކޮށްގެން އީޤްތިޞާދު ރަނގަޅުކުރުންކަމަށެވެ. އެކަން ކުރެވޭނީ ރަށްރަށުގެ ލޭންޑް ޔޫސް ޕްލޭނަށް ފަސޭހައިން ބަދަލު ގެނެވޭނެ ބާރު ކައުންސިލްތަކަށް ދީގެންކަމަށާއި، ކައުންސިލްތަކަށް ލިބޭ އާމްދަނީ މާލެއަށް ނުފޮނުވާ ކައުންސިލްތަކުން އަމިއްލައަށް ބޭނުންކުރުމަށް ބާރު ދީގެންކަމަށެވެ.

"އެއީ އެރަށެއްގެ ބިންކަމަށްވިޔަސް އެރަށެއްގެ ފަޅު ވިޔަސް އެ ވަސީލަތްތައް ބޭނުންކޮށްގެން އިޤްތިޞާދު ރަނގަޅުކޮށް މާލީ ބާރުވެރިކުރުމަކީ މުހިންމުކަމެއް. ނަމަވެސް އެކަން މިގޮތަށް ކުރުމަށް ޤާނޫނަށް ބަދަލުގެންނަޖެހޭކަމަށް. ރަށަށް ލިބޭ އާމްދަނީ ބޭނުންކުރަން ހުއްދަ ހޯދަން މާލެއަށް ފޮނުވުން އޮތުމަކީ ކައުންސިލްތަކަށް އޮތް ގޮންޖެހުމެއް. ލޭންޑް ޔޫސް ޕްލޭން އެކުލަވާލާ އެ ބަދަލު ގެންނަނަމަ ފަސޭހައިން ބަދަލުވާންޖެހޭ ފަސް ހަމަސްވާއިރު ހުއްދަ ނުލިބުމަކީ ތަރައޤީއާއި އިޤްތިޞާދަށް ބަދަލު އަންނަނާނެކަމެއް." އާދަމް ޝަރީފް ޢުމަރު ވިދާޅުވިއެވެ.

ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިއްގުމުގެ ޤާނޫނުގެ ދަށުން ކައުންސިލްތަކަށް މާލީ ބާރުވެރިކަން ދިނުމަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވަޢުދުފުޅެކެވެ. އެގޮތުން ރަށުގެ އިޙްތިޞާސްގެ ތެރޭގައި ހިމެނޭ ވަސީލަތްތަކުން ލިބޭ އާމްދަނީގެ 40 އިންސައްތަ ކައްސިލްތަކަށް ލިބިދިނުމާއި، ދައުލަތުގެ ބަޖެޓުން ކޮންމެ އަހަރަކު 5 އިންސައްތަ ކައުންސިލްތަކަށް ދިނުމަކީ ރައީސްގެ ވަޢުދެއް. މި އިޞްލާހުތައް ޤާނޫނަށް ގެންނަވާނެކަމަށް ރައީސް ވަނީ ވިދަޅުވެފައެވެ.