ކުޅިވަރު

ކަންކަން ގޯސްކޮށްދާނަމަ ސިޓީ ދޫކޮށްލާނަން: ގާޑިއޯލާ


އޭނާގެ ޕްލޭނާ އެއްގޮތަށް މެންޗެސްޓާ ސިޓީގެ ކަންތައްތައް ނުދާނަމަ އެކުލަބު ދޫކޮށްލާނެ ކަމަށް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

ސްޕޭނުގެ ބާސެލޯނާ އާއި ބަޔާން މިއުނިކްގެ ކުރީގެ ކޯޗު މިހެން ބުނީ އޭނާ ލިޔުނު ޕެޕްސިޓި ފޮތުގަ އެވެ.

ސިޓީގެ ވެރިޔާ ހަލްދޫން އަލްމުބާރިކަށް މިކަން އެނގޭނެ ކަމަށާއި ސިޓީގައި މަސައްކަތް ކުރަނީ އުފާވެރިކަމާއި ޔަގީންކަމާއެކުގައިކަމަށް ވެސް ގާޑިއޯލާ ވަނީ ބުނެފަ އެވެ. ސިޓީ ދޫކޮށްލާ ވާހަކަ ގާޑިއޯލާގެ ފަރާތުން އިވިފައިމިވަނީ މިދިޔަ ދެ ސީޒަނާ ހިލާފަށް މި ސީޒަނުގައި މެންޗެސްޓާ ސިޓީގެ ނަތީޖާ ދަށްވެފައިވަނިކޮށެވެ. މި ގޮތުން މިދިޔަ ދެ ސީޒަނުގައި ސިޓީން ހޯދި ޕްރެމިއާ ލީގުގައި މި ސީޒަނުގައި އެ ޓީމު ވަނީ އެއްވަނާގައިވާ ލިވަޕޫލާ 8 ޕޮއިންޓް ފަހަތަށް ގޮސް ދެވަނާގަ އެވެ. ނަމަވެސް ގާޑިއޯލާ ދާދި ފަހުން ބުނެފައިވަނީ ހުސްވި ސީޒަނެކޭ އެއްފަދައިން ސީޒަނުގެ ތިން ތަށި ވެސް ކާމިޔާބު ކުރުމުގެ ފުރުސަތު އަދި އެބައޮތް ކަމަށެވެ.

އޭނާ އާއި ސިޓީގެ ވެސް އެންމެ ބޮޑު އުއްމީދަކީ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމެވެ. މިދިޔަ ދެ ސީޒަނުގައި އެކަން ނުކުރެވިދިޔައިރު ގާޑިއޯލާ ބުނެފައިވަނީ ސިޓީ ފުރަތަމަ ޖެހެނީ ޔޫރަޕުގައި ވަރުގަދަ ކުލަބަކަށްވާން ކަމަށާއި ޗެމްޕިއަންސް ލީގު ހޯދަން އަހަރުތަކެއް ހޭދަވެދާނެ ކަމަށެވެ.

އަނެއްކޮޅުން ގާޑިއޯލާގެ އަންހެނުން ދާދި ފަހުން ވަނީ އިނގިރޭސިވިލާތް ދޫކޮށް ސްޕޭނަށް ބަދަލުވެފަ އެވެ. އެއީ އޭނާގެ ވިޔަފާރި އަށް ވަގުތު ދިނުމުގެ ގޮތުންނެވެ. މިހެންވެ މިއީ ގާޑިއޯލާ އޭނާގެ ކުރީގެ ކުލަބު ބާސެލޯނާ އަށް ބަދަލުވުން ގާތް ފިޔަވަޅެއްކަމަށް ވެސް ތަޖުރިބާކާރުން ލަފާކުރެ އެވެ.

ގައުމީ ޓީމުގެ މެޗުތަކަށް ޕްރެމިއާ ލީގު މެދުކަނޑާލުމުން މިވަގުތު އޭނާ ހުރީ ޗުއްޓީއެއްގައި ރާއްޖޭގަ އެވެ.