ވިޔަފާރި

އައިޓީއެފްސީން ރާއްޖެއަށް 1.5 ބިލިއަން ޑޮލަރުގެ އެހީ


އިންޓަރނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން، އައިޓީއެފްސީ އިން ރާއްޖެއަށް 1.5 ބިލިއަން ޑޮލަރުގެ އެހީ ދިނުމަށް ފްރޭމް ވޯކް އެގްރިމެންޓެއްގައި ސޮއިކޮށްފިއެވެ.

ކުރުނބާ މޯލްވްސް ގައި މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެގައި މިއެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރެވެ. އަދި އައިޓީއެފްސީގެ ފަރާތުން ސޮއިކުރެއްވީ އެބޭންކުގެ ސީއީއޯ ހާނީ ސާލިމް ސަންބޯލްއެވެ. މި ރަސްމިއްޔާތުގައި ރަޢީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްއާއި ދައުލަތުގެ ވަޒީރުންނާއި މާލީ އިދާރާތަކުގެ ވެރިން ބައިވެރިވެވަޑައިގެތެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ އައިޓީއެފްސީން ރާއްޖެއަށް ދިނުމަށް ހަމަޖެހިފައިވާ 1.5 ބިލިއަން ޑޮލަރުގެ އެހީގެ ސަބަބުން ރާއްޖޭގައި މިހާތަނަށް ތަރައްޤީ ގެނެވިފައިނުވާ ދާއިރާތައް ކުރިއެރުވުމަށް މަސައްކަތްކުރެވިގެންދާނެކަމަށެވެ. އެގޮތުން މި އެހީން ދަނޑުވެރިކަމުގެ ދާއިރާއާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އިންވެސްޓްކުރުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"މީގެ ސަބަބުން ގިނަ މަޝްރޫޢުތަކަށް ޓްރޭޑް ފައިނޭންސް ކުރުމުގައި ފަސޭހަވެގެންދާނެ. އަޅުގަނޑުމެންގެ މަޤްސަދަކީ ހަމައެކަނި އިޤްތިސާދު ކުރިއެރުވުމެއް ނޫން. މަޤްސަދަކީ އިޖުތިމާޢީ ކަންތައްތަކަށް ވެސް ފޯކަސް ކުރުން. އޭގެ ތެރޭގައި އެސްއެމްއީތަކާއި ދަނޑުވެރިކަން ފަދަ ދާއިރާތައް ހިމެނޭ." މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އައިޓީއެފްސީގެ ސީއީއޯ، ހާނީ ސާލިމް ވިދާޅުވީ ފާއިތުވި 5 އަހަރުތެރޭ ރާއްޖެއަކީ ބޭންކުގެ މުހިއްމު ބައިވެރިއަކަށް ވެފައިވާކަމަށެވެ. އެގޮތުން މިއަހަރުތަކުގެ ތެރޭގައި ބޭންކުގެ އެހީއާއެކު 810 މިލިއަން ޑޮލަރުގެ ތެޔޮ އެސްޓީއޯން އިމްޕޯޓްކޮށްފައިވާކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ހާނީ ސާލިމް ސަންބޯލް ވިދާޅުވީ މިވަގުތު އެބޭންކުން ދަނީ މިފްކޯއާއި ގުޅިގެން މިފްކޯއަކީ ދެމެހެއްޓެނިވި އާމްދަނީއެއް ލިބޭ ކުންފުންޏަކަށް ހެދުމަށް ކުރެވޭން ހުރި މަސައްކަތްތައް ކުރަމުންކަމަށެވެ.

އައިޓީއެފްސީގެ ސީއީއޯ ވިދާޅުވީ އެބޭންކުން އަބަދުވެސް ބޭންކުގެ މެމްބަރު ޤައުމުތަކަށް އެކި ކަންތައްތަކުގައި އެހީ ފޯރުކޮށްދޭކަމަށާއި ބޭންކުގެ އުއްމީދަކީ އަވަސް މުސްތަޤްބަލެއްގައި ރާއްޖެ ވެސް އެބޭންކުގެ މެމްބަރު ޤައުމަކަށްވުން ކަމަށެވެ.

އޯއައިސީ މެމްބަރު ޤައުމެއްގެ ހައިސިއްޔަތުން ރާއްޖެއަށް އައިޓީއެފްސީގެ ފަންނީ އަދި މާލީ އެހީ އަބަދުވެސް ލިބެމުންދެއެވެ. އެގޮތުން ފާއިތުވި އަހަރުތަކުގައި އެސްޓީއޯއިން އިމްޕޯޓްކުރާ ތެލުގެ ބާވަތްތަކަށް އެކި ފަހަރުމަތިން އައިޓީއެފްސީން ވަނީ ފައިނޭންސް ފޯރުކޮށްދީފައެވެ.

އައިޓީއެފްސީއަކީ އިސްލާމިކް ޑިވެލޮޕްމޭންޓް ބޭންކުގެ ދަށުން މަސައްކަތްކުރަމުންދާ އިދާރާއެކެވެ. މި އިދާރާގެ މައިގަނޑު މަޤްސަދަކީ އޯއައިސީ މެމްބަރު ޤައުމުތަކުގެ ދެމެދުގައި އޮންނަ ވިޔަފާރީގެ ގުޅުން ރަނގަޅުކޮށް އެޤައުމުތަކުގެ އިޤްތިސާދު ކުރިއެރުވުމަށް އެހީތެރިވުމެވެ.