ވިޔަފާރި

ޤައުމުތަކުން ތަފާތުކުރުން ނައްތާލައި ވިޔަފާރި ކުރިއަރުވަންޖެހޭ


ސާކުގެ ގައުމުތަކުން އެއްގައުމު އަނެއް ގައުމާމެދު އޮންނަ ތަފާތުކުރުން ނައްތާލައި ވިޔަފާރީގެ ރޮނގުން ކުރިއަށް ދިއުމަށް ސާކް ޗެމްބަރ އޮފް ކޮމާސް އެންޑް އިންޑަސްޓްރީސްގެ ރައީސް އިސްމާއީލް އާސިފް ގޮވާލައްވައިފިއެވެ.ޗައިނާގެ ސިޗުއާން ޕްރޮވިންސްގެ ޗެންދޫގައި ކުރިއަށްދިޔަ ހަވަނަ ސައުތު އޭޝިޔާ ސިޗުއާން ބިޒްނަސް ޕްރަމޯޝަން ރައުންޑް ޓޭބަލް ކޮންފަރެންސްގައި ވާހަކަދައްކަވަމުން ސާކު ޗެމްބަރު އޮފް ކޮމާސް އެންޑް އިންޑަސްޓްރީސްގެ ރައީސް އަދި ދިވެހި ވިޔަފާރިވެރިންގެ ޖަމްއިއްޔާގެ ނާއިބް ރައީސް އިސްމާއީލް އާސިފް ވިދާޅުވީ، ސާކުގެ ޤައުމުތަކުން ތަފާތުކުރުން ނައްތާލައި އެންމެ ބޮޑަށް އަމާޒު ކުރަންވީ ވިޔަފާރީގެ ރޮނގުން ކުރިއަށް ދިއުމަށް ކަމަށެވެ.ޗައިނާގެ ބައެއް ވިޔަފާރިވެރިންނާއި ސާކުގެ ބައެއް ޤައުމުތަކުގެ މިނިސްޓަރުންނާއި ޕާލިމެންޓް މެމްބަރުން ބައިވެރިވި މި ކޮންފަރެންސްގައި އާސިފް ވަނީ ދިވެހި ރާއްޖޭގައި އިންވެސްޓްކުރެވިދާނެ ދާއިރާތަކާއި ރާއްޖޭގައި ހުރި ވިޔަފާރީގެ ފުރުސަތުތަކާބެހޭގޮތުން ވާހަކަދައްކަވާފައެވެ. މިގޮތުން ސްޕެޝަލް އިކޮނޮމިކް ޒޯންގެ މައުލޫމާތުވެސްވަނީ ހިއްސާކުރައްވާފައެވެ.މިކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ޗައިނާގެ އެންމެ ކުރިއަރަމުންއަންނަ އެއް ޕޮރޮވިންސް ކަމަށްވާ ސިޗުއާން ޕޮރޮވިންސްގެ ވައިސް ގަވަރުނަރ މިސްޓަރ ގަން ލީ ވިދާޅުވީ، ދެކުނު އޭޝިޔާގެ ޤައުމުތަކުގައި އިންވެސްޓްކުރަން ޗައިނާއިން ޝައުގުވެރިވާކަމަށާއި މިފަދަ ފޯރަމްތަކަކީ އެގައުމުތަކުގައި އިންވެސްޓްކުރެވިދާނެ ދާއިރާތައް އެނގިގެން ދިއުމަށް ލިބޭ ފުރުސަތެއްކަމަށް. އަދި މިފަދަ ފޯރަމްތަކުގެ ސަބަބުން ދެކުނު އޭޝިޔާއިން ޗައިނާއަށް އެކްސްޕޯޓް ކުރާ މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިކަމަށް ވައިސް ގަވަރނަރ ވިދާޅުވިއެވެ.މީގެ އިތުރުން ދެކުނު އޭޝިޔާގައި އިންވެސްޓްކުރަން ބޭނުންވާފަރާތްތަކަށް ޗައިނާ ޑިވަޕޮލްމަންޓް ބޭންކުން ހުރި ފުރުސަތުތަކާބެހޭ މައުލޫމާތުވެސް މި ކޮންފަރެންސްގައިވަނީ ހިއްސާކޮށްފައެވެ.