އިސްލާމިކް މިނިސްޓަރު ހިމެނިވަޑައިގަންނަވާ ގޮތަށް ދީނީ ގިނަ އިލްމުވެރިންތަކެއް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުއާއި ބައްދަލުކުރައްވައިފިއެވެ.
ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު އޮތް ބައްދަލުވުމާއި ގުޅޭގޮތުން ރައީސް އޮފީހުންވެސް ވަނީ މިބައްދަލުވުން ކުރިއަށް ދިޔަކަން ކަށަވަރުކޮށްދެއްވާފައެވެ. މިބައްދަލުވުމަކީ ދާދިފަހުން މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)އިން ނެރުނު ރިޕޯޓާއި ގުޅިގެން އިލްމުވެރިންގެ ކަންބޮޑުވުން ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުއާއި ހިއްސާކުރެއްވުމަށް ބޭއްވި ބައްދަލުވުމެކެވެ.
މިބައްދަލުވުމުގައި އިލުމުވެރިންވަނީ މި ރިޕޯޓާމެދު ހުރި ކަންބޮޑުވުންތަކާއި، ދީނީގޮތުން ހުރި ބައެއް ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާއާއި ހިއްސާކުރައްވާފައެވެ. މިބައްދަލުވުގައި ބައިވެރިވި އިލްމުވެރިންވަނީ މިފަދަ ފުރުޞަތެއް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ދެއްވިކަމަށްޓަކައި ރައީސަށް ޝުކުރު އަދާކުރައްވާފައެވެ.
އެގޮތުން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ދީނީ ޢިލްމުވެރިއެއްކަމަށްވާ ޑރ.މުޙައްމަދު އިޔާޒް ވިދާޅުވީ ރާއްޖޭގެ ޢިލްމުވެރިންނާއި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ބައްދަލުކުރައްވައި ޢިލްމުވެރިންގެ އިހްސާސްތައް އަޑުއެއްސެވި ކަމަށްޓަކައި ޝުކުރުއަދާކުރައްވާ ކަމަށެވެ. އަދި މި ބައްދަލުވުމުގައި މަޝްވަރާކުރެވުނު ކަންތައްތަކަށް އަވަސް ފުރުޞަތެއްގައި އަމަލީ ސިފައެއް އަންނާނެކަމަށް ޔަޤީންކުރައްވާކަމަށްވެސް ޑރ.އިޔާޒް ވަނީ ވިދާޅުވެފައެވެ.
އެމްޑީއެންގެ ރިޕޯޓާއި ގުޅިގެން ހުރި ކަންބޮޑުވުންތައް ހިއްސާ ކުރެއްވުމަށް ދީނީ އިލްވުމެރިން ރައީސުލް ޖުމްހޫރިއްޔާއާއި ބައްދަލުކުރައްވާފައިވާއިރު، މިރިޕޯޓާއި ގުޅިގެން ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގައި ދިވެހި ދައުލަތުގެ ދީނަކީ އިސްލާމް ދީންކަމަށާއި، އިސްލާމް ދީނަކީ ރާއްޖޭގެ ޤާނޫނުގެ މައިގަނޑު މަޞްދަރުކަމުގައި ބަޔާންކޮށްފައި ވީހިނދު، މާތްވެގެންވާ އިސްލާމްދީނުގެ ތަރަހައިގެ ތެރޭގައި ވެރިކަން ހިންގައި، އެ ދީން ޙިމާޔަތްކުރުމަކީ، ދިވެހިރާއްޖޭގެ އެންމެ މަތީ ވެރިޔާއާ ޤާނޫނުއަސާސީން މަތިކޮށްފައިވާ ޒިންމާއެއްކަމަށެވެ.
އެހެންކަމުން މި މައްސަލަ ބަލައި، ދިވެހި މުޖްތަމަޢުގައި ޤާއިމްވެފައިއޮތް ހަމަޖެހުމާއި، ދީނީ އެއްބައިވަންތަކަމާއި، އަމަންއަމާންކަން ދެމެހެއްޓުމަށްޓަކައި ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް، އަޅަމުން ގެންދަވާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.