ޚަބަރު

އެންމެކުޑަ އުޖޫރަ ކަނޑައެޅުމަށް ބޭނުންވާ ދިރާސާތައް ހެދުމަށް ވިޔަފާރިތަކުގެ ސަރވޭއެއް ކުރަނީ


އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަށް ބޭނުންވާ ދިރާސާތައް ކުރުމަށްޓަކައި، ރާއްޖޭގައި ހިންގާ ވިޔަފާރިތަކުގެ ސަރވޭ އެއް މިމަހު ތެރޭގައި ކުރިއަށް ގެންދިޔުމަށް ނިންމައިފިއެވެ.

މި ސަރވޭއާއި ގުޅޭގޮތުން އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެފައިވަނީ މިސަރވޭގެ މައިގަނޑު މަޤްސަދަކީ މާލެއާއި އަތޮޅުތެރޭގެ ވިޔަފާރިތަކުގައި ވަޒީފާއަދާކުރާ މުވައްޒަފުންގެ އަދަދާއި އެ މުވައްޒަފުންނަށް ކުރެވޭ ޚަރަދުތަކާއި އެވިޔަފާރިތަކުގެ މާލީ ޙާލަތު ދެނެގަތުން ކަމަށެވެ. އަދި މި ސަރވޭގައި ހިމެނޭ މައިގަނޑު ވިޔަފާރިތަކަކީ ޓޫރިޒަމް، ކޮންސްޓްރަކްޝަން، ހޯލްސޭލް އާއި ރީޓެއިލް އަދި ކެފޭ ރެސްޓޯރަންޓާއި ހޮޓާތަކާއި މިދާއިރާތަކާ ގުޅޭ ވިޔަފާރިތައް ކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ.

ސަރވޭ ބައްޓަން ކުރެވިފައިވަނީ ވަކިވަކި ވިޔަފާރިތަކަށް ޒިޔާރަތްކުރުމަށްފަހު، އެ ވިޔަފާރިތަކުގެ ޒިންމާދާރު ފަރާތްތަކާ ބައްދަލުކޮށް ބޭނުންވާ މަޢުލޫމާތު އެއްކުރާގޮތަށެވެ. އެގޮތުން އެއްކުރެވޭ މަޢުލޫމާތުތަކަކީ މިނިމަމް ވޭޖް ކަނޑައެޅުމުގައި ވިޔަފާރިތަކުގެ މާލީ ޙާލަތު އެންމެ ފުރިހަމައަށް ދެނެގަތުމަށް ވަރަށް މުހިއްމު މަޢުލޫމާތުތަކެއް ކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ.

މިސަރވޭގައި ބައިވެރިވެވަޑައިގަންނަވާ ހުރިހާ ފަރާތްތަކުންވެސް ސަރވޭގެ މަސައްކަތް ކުރިއަށް ގެންދިޔުމުގައި ރިޔަން ޕްރައިވެޓް ލިމިޓެޑުގެ ޓީމަށް އެއްބާރުލުން ދެއްވާ، މިސަރވޭއަށް ބޭނުންވާ އެކަށީގެންވާ މަޢުލޫމާތު ފޯރުކޮށްދެއްވުމަށްވެސް މިނިސްޓްރީން ވަނީ އިލްތިމާސްކުރައްވާފައެވެ.

މިސަރވޭގެ މަސައްކަތް ކުރިއަށް ގެންދިޔުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ އެންމެ ކުޑައުޖޫރަ ކަނޑައެޅުމުގެ މަސައްކަތް ކުރައްވާ ކޮމިޓީން ވަނީ މިސަރވޭ ކުރުމަށް އިކޮނޮމިކް މިނިސްޓްރީއާއި ރިޔަން ޕްރައިވެޓް ލިމިޓެޑާއި މިމަހުގެ 6 ވަނަ ދުވަހު ހަވާލުކޮށްފައެވެ.

އެންމެ ކުޑައުޖޫރަ ކަނޑައެޅުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް މިދައުރުގެ ތެރޭގައި ހުށަހެޅުމަށް ސަރުކާރުން ތައްޔާރުވަމުންދާއިރު، އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ނިމޭނެ ކަމަށް އުއްމީދު ކުރައްވާކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވަނީ ވިދާޅުވެފައެވެ.