ޚަބަރު

ރައީސް ވަޙީދު 6 ދުވަހު އިތުރަށް ވެރިކަމުގައި ހުންނެވި މައްސަލާގައި ކައުންސިލަރ ޖެނެރަލްގެ ލަފަޔަކަށް


ރައީސް ޑރ.މުހައްމަދު ވަޙީދުގެ ވެރިކަމުގެ ދައުރު ނިމި އިތުރަށް 6 ދުވަހު ރައީސްކަމުގައި ހުންނެވި މައްސަލައާއި، 7 ފެބްރުއަރީގެ ހަމަނުޖެހުންތަކުގައި އިސްކޮށް ތިއްބެވި މީހުންގެ މައްސަލަތައް ބެލުމުގެކުރިން ކޮމިޓީން މަޖިލީހުގެ ކައުންސިލަރ ޖެނަރަލްގެ ލަފައަކަށް އެދިއްޖެއެވެ.

7 ފެބްރުއަރީ 2012ގެ ފަހުން ވެރިކަމާ ޙަވާލުވެ ވަޑައިގަތް ޑރ.މުހައްމަދު ވަހީދު ހަސަން މަނިކު ވެރިކަމުގައި ހުރެވޭ މުއްދަތައްވުރެ 6 ދުވަސް އިތުރަށް ވެރިކަމުގައި ހުންނެވި މައްސަލައާއި 7 ފެބްރުއަރީ 2012ގައި ހިނގައިދިޔަ ހަމަނުޖެހުންތަކުގައި އިސްކޮށް ތިއްބެވި މީހުންގެ މައްސަލަ ބަލައި ފިޔަވަޅު އަޅައިދިނުމަށް މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީއަށް ހުށަހެޅުނު މައްސަލާގައި ކޮމިޓީން ނިންމާފައިވަނީ މަޖިލީހުގެ ކައުންސިލާރ ޖެނެރަލްގެ ލަފަޔަކާއިއެކު މިމައްސަލަތައް ކުރިއަށް ގެންދިއުމަށެވެ.

ކޮމިޓީގެ މުޤައްރިރު މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުޙައްމަދު ފަލާޙް ވިދާޅުވީ 7 ފެބްރުއަރީގެ 2 މައްސަލާގައިވެސް ކޮމިޓީގެ މެމްބަރުން މަޝްވަރާކުރުމަށްފަހު ނިންމާފައިވަނީ ކައުންސިލާރ ޖެނެރަލްގެ ލަފަޔަކާއިއެކު ކުރިއަށް ދިއުމަށްކަމަށެވެ.

ވަޙީދުގެ ވެރިކަމުގެ މުއްދަތު އިތުރުކޮށްފައިވަނީ ސްޕްރީމްކޯޓުން ނެރުނު ގައިޑްލައިނެއްގެ ދަށުންނެވެ. ޤާނޫނު އަސާސީގައި ބުނާ މުއްތުތަކުގައި ރިޔާސީ އިންތިޚާބް ނުބޭއްވި ދިގުލައިގެން ދިއުމުގެ ސަބަބުން ސްޕްރީމްކޯޓުން ވަނީ ވެރިކަމަށް އިންތިޚާބުވި އޭރުގެ ރައީސުލް ޖުމްހޫރިއްޔާ ވެރިކަމުގެ ހުވާ ކުރެއްވުމާ ހަމައަށް އޭރުގެ ރައީސުލް ޖުމްހޫރިއްޔާ ޑރ.މުހައްމަދު ވަހީދު ވެރިކަމުގައި ހުންނެވޭނެކަމަށެވެ.

7 ފެބްރުއަރީ 2012ވަނަ އަހަރުގައި ހިނގައިދިޔަ ކަންތައްތަކާ ގުޅިގެން މިހާރުގެ ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވެސް ވަނީ ރައްޔިތުންގެ މަޖިލީހަށް ހާޒިރިކޮށް ސުވާލުކޮށްފައެވެ. ކާށިދޫ ދާއިރާގެ މެމްބަރު ޢަބްދުﷲ ޖާބިރު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ހޯމް މިނިސްޓަރ އިމްރާން ވިދާޅުވީ 7 ފެބްރުއަރީގެ ފަސްބައި ނަގައި ކޮނެ ހަދާނަމަ ޤައުމަށް ގެއްލުން ލިބިދާނެ ކަމަށެވެ. އަދި އެދުވަހުގެ ޙާލަތާއި މިއަދުގެ ޙާލަތު ވަރަށްބޮޑަށް ބަދަލުވެފައިވާކަމަށް ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ ވަނީ ވިދާޅުވެފައެވެ.