ޚަބަރު

ކޮރަޕްޝަން ހާމަކުރާ ފަރާތްތަކަށް ޙިމާޔަތްދޭ ބިލު ފާސްކޮށްފި


ކޮރަޕްޝަންގެ ޢަމަލުތަކާގުޅޭ މަޢުލޫމާތު ހާމަކުރާ މީހުންނަށް ޙިމާޔަތްދިނުމަށް ހުށައެޅި "ވިސްލްބްލޯރ ކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ބިލް" ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. މިބިލް މަޖިލީހުން ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 70 މެންބަރުންގެ އިއްތިފާޤުންނެވެ.

ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ މަޖިލީހަށް ހުށަހެޅުއްވައި މަޖިލީހުން މިއަދު ފާސްކުރި ބިލުގައި ވަނީ ދައުލަތުގެ އިދާރާތަކުން ކޮރަޕްޝަނާ އެނޫންވެސް ނޭދެވޭ ޢަމަލުތައް ހުއްޓުވައި އެތަންތަނުގައި ދެފުށްފެންނަ ނަޒާހަތްތެރިކަން އަށަގެންނެވުމަށް ނޭދެވޭ ޢަމަލުތައް ހުއްޓުވުމަށްޓަކައި "ވިސްލްބްލޯ"ކުރުމުގައި ޢަމަލުކުރާނެ އުސޫލެއް ކަނޑައަޅައި އެކަން ހާމަކުރާ ފަރާތްތަކަށް ރައްކާތެރިކަން ދިނުމަށް ހިމަނާފައެވެ.

ޢާންމު ޚިޔާލާއި ކަމާގުޅުންހުރި މުއައްސަސާތަކުން ޚިޔާލު ހޯދުމަށްފަހު މަޖިލީހުން ގެނައި އެންމެބޮޑު ބަދަލަކަށް ބިލުގައި ހިމަނާފައިވަނީ "ވިސްލްބްލޯވަރ ޕްރޮޓެކްޝަން ޔުނިޓް"ގެ ނަމުގައި ހިއުމަން ރައިޓްސް ކޮމިޝަންގައި ޚާއްޞަ ޔުނިޓެއް ޤާއިމްކުރުމަށެވެ.

ކޮމިޓިން މިބިލް ދިރާސާކުރެއްވި ގޮތުގެ ރިޕޯޓާގުޅޭގޮތުން އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވީ، "ވިސްލްބްލޯވަރ ޕްރޮޓެކްޝަން ޔުނިޓް"ގެ ނަމުގައި ޚައްޞަ ޔުނިޓެއް އުފެދުމުގެ އެންމެ މުހިންމު ބޭނުމަކީ ކޮރަޕްޝަންގެ ޢަމަލުތައް ހާމަކުރާ ފަރާތްތަކަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް މިނިވަންކަމާއި މުސްތަޤިއްލުކަމާއެކު މަސައްކަތްކުރާނެ އުސޫލެއް އޮތުންކަމަށެވެ. އެ ޔުނިޓަކީ ހިއުމަން ރައިޓްސް ކޮމިޝަންގެ ދަށުން ހިންގާ ތަނެއްނަމަވެސް މިނިވަންކަމާއެކު އެ ފަރާތަށް މަސައްކަތްކުރެވޭނެކަމަށް ރޮޒައިނާ ވިދާޅުވެފައިވެއެވެ. ކޮރަޕްޝަން ހާމަކުރާ ފަރާތްތަކަށް ލިބޭ ރައްކާތެރިކަމުގެތެރޭގައި ވަޒީފާގެ ބިރު ދެއްކުމާއި ވަޒީފާއިން ވަކިކުރުމާއި އެނޫންވެސް ގޮތަކުން އެކަހެރިކުރުންފަދަ ކަންކަން ނުކުރެވޭނެކަމަށް މި ބިލްގައި ބަޔާންކޮށްފައިވެއެވެ.

ކޮރަޕްޝަންގެ ޢަމަލުތަކާގުޅޭ މަޢުލޫމާތު ހާމަކުރާ މީހުންނަށް ޙިމާޔަތް ދިނުމާ ގުޅޭ ޤާނޫނީ ނިޒާމެއް ރާއްޖޭގައި ނެތްއިރު އެފަދަ ޤާނޫނެއް އެކުލަވާލެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވަޢުދުފުޅެކެވެ.

ކުރީގެ ސަރުކާރުން ރާއްޖޭގައި ހިންގާފައިވާ ކޮރަޕްޝަންގެ މައްސަލަތަކާއި، ދައުލަތުން ގެއްލިފައިވާ ފައިސާތައް ދަޢުލަތަށް ހޯދައިދިނުމަށް ރައީސް ޞާލިޙް ވަޢުދުވެވަޑައިގެންފައިވާއިރު، އެމަނިކުފާނު މިހާރުވަނީ އެމަސައްކަތް ފަށްޓަވާފައެވެ. އަދި ޤާނޫނީ ނިޒާމުގެ ތެރެއިން، އެފައިސާ ރައްޔިތުންނަށް ހޯއްދަވައި ދެއްވާނެކަމަށް ރައީސް ޞާލިޙް ވިދާޅުވެފައިވެއެވެ.