ޚަބަރު

އައު ސީޕްލޭން ޓަރމިނަލް ބޭރުގެ ކުންފުންޏަކަށް ދޭން ނިންމާފައެއްނުވޭ - ފިނޭންސް މިނިސްޓަރ


ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ތަރައްޤީކުރަމުން އަންނަ ސީޕްލޭން ޓަރމިނަލް ބޭރުގެ އެއްވެސް ފަރާތަކަށް ދޭން ނިންމާފައިނުވާކަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ފިނޭންސް މިނިސްޓަރ ވިދާޅުވީ، ސީޕްލޭން ޓަރމިނަލް ބޭރުގެ ފަރާތަކަށް ދޫކުރުމަށް މަޝްވަރާކުރެއްވިކަމަށާއި، ނަމަވެސް މިހާތަނަށް އެތަން އެފަރާތަށް ދޫކުރުމަށް ނިންމާފައިނުވާކަމަށެވެ.

މިނިސްޓަރ މިހެން ވިދާޅުވެފައިވާއިރު، އައު ސީޕްލޭން ޓަރމިނަލް، ދައުލަތުގެ ޢާމްދަނީއަށް އަސަރުކުރާގޮތަށް ކުއްޔަށް ދޫކުރަން އުޅޭކަމަށް ތުހުމަތުކުރެވޭތީ ޚާއްޞަ އޮޑިޓެއް ހެދުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ވަނީ ނިންމާފައެވެ. އައު ސީޕްލޭން ޓާރމިނަލް ކުއްޔަށް ދީގެން ދައުލަތުގެ އާމްދަނީއަށް ނުރަނގަޅު އަސަރުކުރާނެފަދަގޮތަކަށް ޢަމަލުކުރުމަށް ތައްޔާރުވަމުން އަންނަކަމުގެ މަޢުލޫމާތު ލިބިފައިވާކަމަށް ސަރުކާރަށް ތާޢީދުކުރާ ބައެއް މެންބަރުން ވަނީ ވިދާޅުވެފައެވެ.

އަށާވީސް ހާސް އަކަމީޓަރުގެ ޖާގައިގެ ފްލޯރ ސްޕޭސްއަކާއެކު 4 ފަންގިފިލާއަށް ތަރައްޤީކުރާ އައު ސީޕްލޭން ޓަރމިނަލަކީ މިހާރު ޚިދުމަތްދޭ ސީޕްލޭން ޓަމިނަލަށްވުރެ އެތައް ގުނައެއް ބޮޑު ޓާމިނަލެކެވެ.

އައު ސީޕްލޭން ޓަރމިނަލުން ވީ.ވީ.އައި.ޕީގެ ޚިދުމަތާއި، ޕަސެންޖަރުންނަށް ޚާއްސަ ލޮބީތަކާއި ލައުންޖުތަކުގެ އިތުރުން އޮފީސް މަސައްކަތަށް ޚާއްސަ ތަނެއްވެސް ހުންނާނެއެވެ. އަދި ސީޕްލޭންގެ އޮޕަރޭޝަންތަކަށް މިހާރު ބޭނުންކުރާ ޑޮކްތަކުގެ ޖާގަ ފަންސާސް އިންސައްތަ އިތުރުވެ، އަށްޑިހަ ފަސް ސީޕްލޭންނަށް އޮޕަރޭޓްކުރެވޭނެކަމަށްވެސް އެމް.އޭ.ސީ.އެލުން މަޢުލޫމާތުދެއްވައެވެ.

ސީޕްލޭންގެ ޚިދުމަތަކީ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ މެދުގައި ބޮޑު ޑިމާންޑެއް އޮންނަ ޚިދުމަތަކަށްވެފައި، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވަމުން އަންނައިރު، ސީޕްލޭންގެ ޚިދުމަތްދޭ ކުންފުނިތަކުން އަންނަނީ ސީޕްލޭންތަކުގެ އަދަދު އިތުރުކުރަމުންނެވެ. މިއަހަރުގެ ޑިސެމްބަރުމަހުގެ ނިޔަލަށް އައު ސީޕްލޭން ޓަރމިނަލްގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެކަމަށް އެމްއޭސީއެލުން ވަނީ ވިދާޅުވެފައެވެ.