ޚަބަރު

ގަލުވަޑާމުގެ މަސައްކަތަށް 10 ޒުވާނުން!


ގަލުވަޑާމުގެ މަސައްކަތަކީ އިހުޒަމާނުގައި، ފުޅާ ދާއިރާއެއްގައި ދިވެހިން ކޮށްއުޅުނު މަސައްކަތެކެވެ. ނަމަވެސް މިހާރު މަދުން ނޫނީ އެފަންނެއް ދިވެހިންގެ ތެރެއިން ނުފެނެއެވެ. މިސަޤާފަތް ދިރުވައި އާލާކޮށް، މިއީ ފަތުރުވެރިކަމުގެ ތެރެއިން އާމްދަނީ ހޯދޭނެ މަސައްކަތަކަށް ހެދުމަށް މަޓީއާއި ޤަދީމީ ކަލެކްޝަން ގުޅިގެން މިވަނީ 10 ޒުވާނަކަށް ގަލުވަޑާމުގެ މަސައްކަތް ދަސްކޮށްދީފައެވެ.

ގަލުވަޑާމުގެ މަސައްކަތް ދަންނަ މީހުން ރާއްޖޭގައި މިހާރު ވަރަށް މަދެވެ. މިމަސައްކަތަށް ޝަޢުގުވެރިކަންހުރި މީހުންނަށް މިކަން ދަސްކޮށް ތަމްރީންހޯދޭނެ އެއްވެސް ގޮތެއްވެސް ނެތެވެ.

މިފަދަ މީހުންނަށް މަސައްކަތް އުނގެނުމުގެ ފުރުސަތު ދިނުމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓުއަރިޒަމް އިންޑަސްޓްރީ (މަޓީ)އާއި ޤަދީމީ ކަލެކްޝަނާއި މިނިސްޓްރީ އޮފް އަރޓްސް ކަލްޗަރ އެންޑް ހެރިޓޭޖްއިން މިވަނީ ޒުވާނުންނަށް ޢަމާޒުކޮށްގެން ގަލުވަޑާމުގެ މަސައްކަތް ދަސްކޮށްދޭ ކޯހެއް ކުރިއަށް ގެންގޮސްފައެވެ. 2 މަސްދުވަހުގެ މި ކޯހުގައި 10 މީހަކުވަނީ ގަލުވަޑާން ކުރާނެގޮތް ދަސްކޮށްފައެވެ.

މިއީ މިގޮތަށް ހިންގި އެންމެ ފުރަތަމަ ޕްރޮގްރާމްއެވެ. ޕްރޮގްރާމާ ގުޅޭގޮތުން މަޓީގެ ޖެނެރަލް ސެކްރެޓަރީ އަޙްމަދު ނާޒިރު ވިދާޅުވީ މިފަދަ ފުރުސަތެއް ހުޅުވާލުމުން މިކަމަށް ޒުވާނުންގެ ފަރާތުން ބޮޑު ޝަޢުގުވެރިކަމެއް ފެނުނުކަމަށެވެ. މިފަދަ ސަޤާފަތާ ގުޅުންހުރި އާ މަސައްކަތެއް ފެށުމަކީ އާއްމުންގެ ޝަޢުޤު މިކަމަށް އިތުރުކޮށް، ފަތުރުވެރިކަމަށް ރާއްޖޭގެ ސަޤާފަތް މާރކެޓް ކުރުމަށް ހިންގި ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.

"ވަރަށް ދަތިވި ކޯސް ހިންގަން. ކްލާހެއްވެސް ނެތް. ކޯސް އިތުރަށް ތަރައްޤީކޮށް ކޮންމެ އަހަރަކުވެސް ކޯސް ބާއްވާނަން. ފަތުރުވެރިކަމުގެ ތެރެއިން މަންފާ ހޯދޭނެ މަސައްކަތަކަށް ހައްދަވާނަން." އަޙްމަދު ނަޒީރު ވިދާޅުވިއެވެ.

މިއީ 2 މަސްދުވަހުގެ ކޯހެއް ނަމަވެސް، ކުދިންނަށް ފުރިހަމަ ތަމްރީންއެއް ދިނުމަށްޓަކައި ކޯސްވަނީ 4 މަހަށް ކުރިއަސް ގެންގޮސްފައެވެ. ކޯސް ފުރިހަމަކުރި ބައިވެރިންނާއި ސެޓްފިކެޓް ޙަވަލުކޮށްދެއްވީ މިނިސްޓަރ އޮފް އަރޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫނެވެ. ކޯހުގެ ބައިވެރިންނާ ވާހަކަދައްކަވަމުން މިނިސްޓަރ ޔުމްނާ ވިދާޅުވީ ގަލުވަޑާމާއި، ކަސަބު ވިއުމާއި، ރޯނު ވިއުން ފަދަ ދިވެހިންގެ އަތްތެރި މަސައްކަތްތައް އަންނަން އޮތް ޖީލުތަކަށް ވާސިލްކޮށްދެވޭނީ ޒުވާނުން މިފަދަ މަސައްކަތަށް ނުކުންނަ މިންވަރު އިތުރުކޮށްގެންކަމަށެވެ.

"ސަޤާފީ ތަރިކައިގެ މުހިންމު ބައެއް ދިވެހިންގެ އަތްތެރި މަސައްކަތަކީ. މިއީ ހަމައެކަނި ސަޤާފީ މަސައްކަތް ކުރިއަރުވަން ކުރާ ކަމެއް ނޫން، މިއީ ބޮޑު އާމްދަނީއެއްވެސް ހޯދިދާނެ މަސައްކަތެއް." މިނިސްޓަރ ޔުމްނާ ވިދާޅުވިއެވެ.

މި ކޯހުގައި ބައިވެރިންނަށް ގަލުވަޑާމުގެ މަސައްކަތް ދަސްކޮށްދީފައިވަނީ "ޤަދީމީ ކަލެކްޝަން"ގެ ފަރާތުން މުޙައްމަދު އިމްރާން އަހްމަދެވެ. އިމްރާން ބުނެފައިވަނީ މިއީ ބޭސިކް ކޯހަކަށްވުމުން އެންމެ ބޮޑު އިސްކަމެއް ދިނީ، ހިރިގަލަށް ޚާއްސަކުރެހުންތަކާއި، ގާ ޑިޒައިންކުރާނެ ގޮތްތައް ކިޔައިދިނުމަށްކަމަށެވެ. އަދި ގަލުގައި ޑިޒައިން ކަނޑާނަގާނެ ގޮތުގެ ބޭސިކް މަޢުލޫމާތާއި، ޢަމަލީ ތަޖުރިބާވެސް ބައިވެރިންނަށް ދީފައިވާކަމަށެވެ.

"ޑިޒައިންތައް ދިރާސާކުރުމާއި، ހިރިގާލު ޑިޒައިންތައް ހެދޭނި މެޓީރިއަލްތައްވެސް ކިޔައިދިނިން. އަދި ޓޫލްތައް ބޭނުންކުރާނި ގޮތްތައްވެސް ދަސްކޮށްދީފައިވާނެ." އިމްރާން ވިދާޅުވިއެވެ..

މި ކޯހުގައި 10 މީހަކު ބައިވެރިވެފައިވާއިރު، މީގެތެރޭގައި 4 އަންހެން ކުދިންވެސް ހިމެނެއެވެ.

"މިހާރު ހިރިގާ ބޭނުމެއް ނުކުރެވެ ޙިމާޔަތް ކޮށްފައިވާ އެއްޗަކަށްވާތީ. އޭގެ ބަދަލުގައި ގަލާ ޕްލާސްޓަރ ފަދަ ތަކެތީގައި ކަނޑާ ނަގަން ދަސްކޮށްދިން. ޙާއްސަކޮށް މި ކުރެހުންތައް ކުތަހައި ޑިޒައިން ކުރަން ވަރަށް ބޮޑަށް ދަސްވި. ބޭނުން މިއީ އާމްދަނީ ލިބޭނެ މަސައްކަތެއްގެ ގޮތުގައި ކުރަން." ކޯހުގެ ބައިވެރިންވަނީ ފާހަގަކޮށްފައެވެ.

މަޓީއިން ބުނެފައިވަނީ އިތުރު ކުދިންނަށް ފުރުސަތުދީ، ކޯސް އިތުރަށް ފުޅާކުރާނެކަމަށެވެ. އެގޮތުން ކޮންމެ އަހަރަކުވެސް މީގެ ކޯސްތައް ހިންގާނެކަމަށްވަނީ ބުނެފައެވެ.