ވިޔަފާރި

އުރީދޫއިން ރޯދައަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފި


އުރީދޫއިން “އުރީދޫ ރަމަޟާން މުބާރިކް”ގެ ނަމުގައި ރޯދައަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.އުރީދޫގެ ހެޑް އޮފީހުގައި މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އުރީދޫގެ ސީނިއާ އެގްޒެކިއުޓިވް ޕަބްލިކް ރިލޭޝަންސް ނޫރާ އިބުރާހިމް ޒާހިރު ވިދާޅުވީ މިޕްރޮމޯޝަންގެ ދަށުން ތަފާތު އެތައް ޚިދުމަތްތަކެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އުރީދޫއިން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮމޯޝަންގެ ތެރޭގައި “އުރީދޫ ހާރުދަން ޕްރޮމޯޝަން” ސްޕަރ ފްރައިޑޭ ބޯނަސް އޮފަރ ، އުރީދޫ ޑޭޓާ ޑިވައިސްތަކާއި އެކު ހިލޭ ޑޭޓާ، އައިޑީ ކޯލް ޕްރޮމޯޝަނާ މުޅިން ހިލޭ ޚިދުމަތްތަކެއް އެކުލެވިގެންވެއެވެ.އުރީދޫ ހާރުދަން ޕްރޮމޯޝަންގެ ދަށުން ފަސް ރުފިޔާ ހަރަދުކޮށްގެން ރޯދަމަހުގެ ކޮންމެ ރެއަކުވެސް ކަސްޓަމަރުންނަށް ހިލޭ ކޯލް އަދި ޑޭޓާ ބޭނުންކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަދި “ސުޕަރ ފްރައިޑޭ ބޯނަސް އޮފަރގެ ދަށުން ރޯދަ،މަހުގެ ކޮންމެ ހުކުރުދުވަހަކުވެސް ރީޗާޖް ކުރެއްވުމުން އެކުރެއްވި އަދަދެއްގެ %25 ހިލޭ ކްރެޑިޓް ބޭނުން ކުރެވޭނެއެވެ.މިފަހަރު ރޯދައަށް އުރީދޫއިން ވަނީ ނަމާދު ވަގުތުތައް، ރީތި ޓިއުންސް މެދުވެރިކޮށް ޤުރުއާންގެ ތަރުޖަމާ އާއި މަދަހަ، އަދި ދީނީ ނަސޭހަތުގެ އިތުރުން ކެއްކުމާއި ބެހޭ މައުލޫމާތު އެސްއެމްއެސް މެދުވެރިކޮށް ހިލޭ ހޯދުމުގެ ފުރުސަތު ދީފައެވެ. މިގޮތުން ނަމާދު ވަގުތުތައް ހޯއްދެވުމަށް ގޯ ޖަހާފަ 4777 އަށް އެސްއެމްއެސް ކުރެއްވުމުން ލިބޭނެކަމަށްވެސް އުރޫދޫން މައުލޫމާތުދެއެވެ. މީގެ އިތުރުން މިއަހަރުވެސް އެހެން އަހަރު ތަކެކޭ އެއްގޮތަށް އެސްއެމްއެސް މެދުވެރިކޮށް ޒަކާތް ދެއްކޭނެކަމަށްވެސް އުރީދޫއިން ވަނީ ހާމަކޮށްފައެވެ.