ޚަބަރު

ޢުމަރު ޒާހިރު އާއި ބެހޭގޮތުން ލިޔުނު ފޮތް ނެރެފި


ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ "ޢުމަރު ޒާހިރު ގެ ޚިދުމަތުގެ ހަނދާންތައް" މިނަމުގައި ކަށިމާ އަޙްމަދު ޝާކިރު ލިޔުއްވި ފޮތް ރޭ ނެރުއްވައިފިއެވެ.އާރޓްގެލެރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި ފޮތް ނެރެދެއްވީ ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމެވެ.1936ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 26 ވަނަ ދުވަހު އުފަންވެ ވަޑައިގެންނެވި ޢުމަރު ޒާހިރަކީ ޤައުމީ ޚިދްމަތްތެރިއެކެވެ. ޢުމުރުފުޅުގެ ބޮޑުބައި ޤައުމީ ޚިދްމަތުގައި ހޭދަކުރައްވާފައިވާ ބޭފުޅެކެވެ.ކަށިމާ އަހްމަދު ޝާކިރު ލިޔުއްވާފައިވާ މިފޮތުގައި ޢުމަރުޒާހިރުގެ ތުއްޕުޅު އިރުގެ ޙަޔާތްޕުޅާއި ސްކޫލްދައުރާއި ޚިދްމަތްތަކުގެ މައްޗަށް ވަރަށް ތަފްސީލްކޮށް އަލިއަޅުވާލައްވާފައިވެއެވެ.އެގޮތުން ރާއްޖޭގެ ފަޅަކުން ރަށެއްހިއްކައި ތިލަފުށީގެ ނަމުގައި އެރަށް ތަރައްޤީކުރެއްވުމާއި ހުޅުމާލެ ހިއްކުމުގައި ޢުމަރު ޒާހިރު އަދާކުރައްވާފައިވާ ރޯލާއި މާލޭގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެއްދެވުމާއި ސަރުކާރުން މާލޭގައި ކުރެއްވި ގިނަ ޢިމާރާތްތަކެއް ކުރެއްވުމުގައި ޢުމަރު ޒާހިރު ކުރައްވާފައިވާ މަސައްކަތްޕުޅު ފާހަގަކުރައްވާފައިވެއެވެ. މީގެ އިތުރުން ހުޅުލޭ އެއަރޕޯޓް ހަދަމުންދިޔައިރު އުމަރުޒާހިރު އަދާކުރެއްވި ރޯލާއި އައްޑުއަތޮޅުގައި އިނގިރޭސިން ތިބިއިރު ލޭޒަން އޮފީހުގައި ހުންނަވައިގެން ސަރުކާރަށް ފޯރުކޮށްދެއްވި އެހީތެރިކަމުގެ މައްޗަށްވެސް ބައްލަވާލައްވާފައިވެއެވެ.މި ފޮތް ނެރެދެއްވާ ވާހަކަފުޅު ދައްކަވަމުން ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމްވަނީ ޢުމަރުޒާހިރު ކޮށްދެއްވާފައިވާ އަގުނުކުރެވޭފަދަ ޚިދްމަތްތަކުގެ މައްޗަށް ބައްލަވާލައްވާ ވާހަކަފުޅު ދައްކަވާފައެވެ. ރައީސް މައުމޫން ޢުމަރު ޒާހިރު ސިފަކުރެއްވީ ވަރަށް އިޚްލާސްތެރި ކަމަށް ކަމޭހިއްތަވާ ޒިއްމާދާރު، ހީވާގި ހިންގުންތެރި ބޭފުޅެއްގެ ގޮތުގައެވެ.ޢުމަރު ޒާހިރުގެ ޚިދްމަތްތަކާ ބެހޭގޮތުން ކަށިމާ އަޙްމަދު ޝާކިރު މި ފޮތް ލިޔުއްވުމުގައި ޢުމަރު ޒާހިރު ޑައިރީގެ ގޮތުގައި ލިޔުއްވާފައިވާ ސާޅީހަކަށް ފޮތާއި ލިޔުއްވާފައިވާ ނޯޓްތަކާއި ވަރަށް ގިނަ ލިޔުންތައް ދިރާސާ ކުރައްވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން މިޑައިރީތަކުން އެމަނިކުފާނުގެ ލިޔުންތެރިކަން ވަރަށް ބޮޑަށް ފާހަގަވެގެން ގޮސްފައިވާކަން މި ފޮތުގައި ފާހަގަކުރައްވާފައިވެއެވެ. އަދި ކުރީގެ ތާރީޚި ވަރަށް މުހިއްމު ކަންތައްތަކާގުޅޭ މަޢްލޫމާތުތައްވެސް ލިބެން ހުރިކަންވެސް ބަޔާންކުރައްވާފައިވެއެވެ.މިހާރު ޢުމުރުފުޅުން 80 އަހަރު ވެފައިވާ ޢުމަރު ޒާހިރަކީ ސަރުކާރު މަތީ މަޤާމްތަކެއްވެސް ފުރުއްވާފައިވާ ބޭފުޅެކެވެ. އެގޮތުން 1953ން 2008ވަނަ އަހަރާ ހަމައަށް ސަރުކާރުގެ އެކިފެންވަރުގެ 26 މަޤާމެއް އަދާކުރައްވާފައިވެއެވެ.ޢުމަރު ޒާހިރަށް، ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތްތެރި ވެރިކަމުގެ މެޑެލް ލިބިވަޑައިގެންނެވީ 2008 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 10ވަނަ ދުވަހުއެވެ.